2 ޖުލައި 2024: މަޖިލިސީހުގައި ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޝަމީމް (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)
ޝަރީއަތްތައް ލަސްވާތީ ކުށް ސާބިތުކުރަން އުނދަގޫ: ޕީޖީ ޝަމީމް
ޝަރީއަތްތައް ދިގުލައިގެންދާތީ ކުށް ސާބިތުކުރަން އުނދަގޫވާ ކަމުގެ ކަންބޮޑުވުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިއަދު ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޝަމީމް މިކަންބޮޑުވުން ފާޅުކުރެއްވީ، ޕީޖީ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަން ބޭނުންވާތީ، އޭނާ އެދިވަޑައިގެން ޖުޑިޝަރީ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އޭނާ ހިއްސާކުރެއްވީ، އެ އޮފީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، މަސައްކަތްތައް ހަލުވިކުރުމާ އެކު، ޒަމާނީ ޓެކްނޮލޮޖީގެ ޒަރީއާއިން މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެ އޮފީހުގައި ކޮށްފައި ހުރި އަދި ކުރަމުންދާ މަސައްކަތްތަކެވެ.
ތަފްސީލް - މި ބައްދަލުވުމުގައި ޝަމީމްގެ ފަރާތުން ފާހަގަކުރެއްވި މައިގަނޑު ކަންބޮޑުވުމަކީ، ކޯޓުތަކުގައި މައްސަލަތައް ދިގުލާތީ ކުށް ސާބިތުކުރަން އެ އޮފީހަށް ކުރިމަތިވާ ގޮންޖެހުންތަކެވެ.
"މައްސަލައެއް ކޯޓަށް ހުށަހެޅި ލަސްވާ ވަރަކަށް މައްސަލަ ސާބިތުވުމުގެ ފުރުސަތު ކުޑަވޭ،" ޝަމީމް ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ:
-
2022 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން މި އަހަރު ނިމުނު މައްސަލަތަކުގެ ތެރެއިން 16 މައްސަލަ ސާބިތުނުވޭ
-
މިދިޔަ ހަ މަސް ދުވަސް ތެރޭ ހުށަހެޅި، މިދިޔަ ހަ މަސް ތެރޭ ނިމުނު މައްސަލަތަކުގެ ތެރެއިން ސާބިތުނުވަނީ އެއް މައްސަލަ
-
ގިނަ މައްސަލަތައް ސާބިތުނުވެ ދަނީ ދައުލަތުން ހުށަހަޅާ ހެކިން ކޯޓަށް ހާޒިރުވާން ބޭނުން ނުވެގެން؛ ދެ އަހަރު ތިން އަހަރު ފަހުން ކޯޓަށް ހެކިބަސްދޭން ދާން ބޭނުން ނުވާނެކަން ގަބޫލުކުރެވޭ
"އެހެންވީމާ [ކޯޓަށް ހުށަހަޅާ މައްސަލަތައް ނިންމުން] އަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ސިސްޓަމްތައް، އަޅުގަނޑުމެންގެ ނިޒާމުތައް އަވަސްކުރެވުނަސް މި ނިޒާމު އެއްކޮށް ފުރިހަމަވާނީ ކޯޓުގެ ސާވިސްތައް ވެސް އަވަސްކުރެވިގެން. ކޯޓުގެ ހިންގުމަށް ވެސް ބަދަލުތަކެއް ގެނެވިގެން،" ޝަމީމް ވިދާޅުވި އެވެ.
ޕީޖީ އޮފީހުގެ ކާމިޔާބު ނިޒާމުތަކުގެ ތެރެއިން އެ އޮފީހުގެ މަސައްކަތްތައް މިހާރު ކުރިއަށްވުރެ ވަރަށް ބޮޑު ތަނުން ހަލުވިކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ޕީޖީ އޮފީހަށް ދައުވާކުރަން އެދި މައްސަލައެއް ލިބޭތާ ހައެއްކަ ދުވަހުގެ ތެރޭ އެކަމާ މެދު ގޮތެއް ނިންމާ ކޯޓުތަކަށް ހުށަހަޅާކަމަށް ވިދާޅުވި އެވެ. ގާނޫނުގައި އޮންނަ މުއްދަތަކީ 15 ދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހެޅުމެވެ.
ޝަމީމް ވިދާޅުވި ގޮތުން މައްސަލަތައް ތަހުގީގުކުރާއިރު ފުލުހުންގެ ފަރާތުން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެކަން ފަސޭހަކަމާ އެކު ކުރެވޭނެ ނިޒާމުތައް ވެސް ހުރީ ގާއިމްކޮށްފަ އެވެ. ޕީޖީ އޮފީހުގެ ނިޒާމުތަކުގެ ސަބަބުން ކޮރަޕްޝަނުގެ އެއްވެސް އަމަލެއް އެ އޮފީހުގެ ތެރެއިން ހިންގުމުގެ ފުރުސަތު މިހާރު ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ޝަރީއަތްތައް ލަސްވަމުންދަނީ، ކޯޓުތަކުގައި ވެސް ވަސީލަތްތައް ހުރި ގޮތާއި، ޖާގައިގެ ދަތިކަން ކުރިމަތިވުމާއި، އެހެންވެސް ދަތިތަކެއް ހުރުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ކޯޓުތަކުގެ ތެެރެއިން މައްސަލަތައް ލަސްވާ ލަސްވުމަށް ހައްލެއް ގެނައުން މުހިންމު ކަމަށް ވިދާޅުވި އެވެ.
"ވަރަށް ރަނގަޅަށް ހަލުވިކޮށް ހިނގާ ކޯޓުތައް ވެސް އެބަ ހުރި. ހުރިހާ ކަމެއް ގުޅިފައިވަނީ ވަސީލަތް ނެތުމަކާ ވެސް ނޫން. ބައެއް ރަށްރަށުގެ ކޯޓުތަކުގައި އެބަހުރޭ ވަސީލަތްތައް ހުރެމެ މައްސަލަތައް ނުނިންމާ،" ޝަމީމް ވިދާޅުވި އެވެެ.
'ވާނުވާ ބަންދު' ޖަހާ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީގެ ބައެއް މެމްބަރުން ސުވާލުކުރެއްވުމުން ޝަމީމް ވިދާޅުވީ އެކަން ވެސް ގުޅިގެން އަންނަނީ ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެންދާ މިންވަރުގެ މައްޗަށް ކަމަށެވެ. ކޯޓުތަކުން މައްސަލަތައް ކުރިއަށް ގެންދާނެ ގޮތުގެ ޝެޑިއުލެއް ދޭން ޖެހުނަސް އެ ޝެޑިއުލް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވި ގޮތުގައި އެ ޝެޑިއުލް ދޭ ނަމަ އަދި ކޯޓުގެ މައްސަލަތައް އަވަސްކުރާ ނަމަ މިހާރު ގާނޫނުތައް އޮތް ގޮތުން 'ވާނުވާ ބަންދު' ކިޔާ މަހުފޫމް ނޯންނާނެ އެވެ.
ޝަމީމް ވިދާޅުވި ގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި:
-
އާންމު ގޮތެއްގައި 350 އާއި 400އާ ދެމެދުގެ މީހުން ތިބޭ
-
މަހަކު 16 ވަރަކަށް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރޭ
-
ނަމަވެސް 16 ދުވަސް ތެރޭ މައްސަލަތައް ކޯޓަކަށް ނުއެއް ނިންމޭ
"ގާނޫނުގައި ބުނާ ގޮތަށް ކޯޓުން މައްސަލަ ނިންމަންޏާ [ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ] މައްސަލައަކަށް ނުވެސް ވާނެ. މައްސަލައަކީ ޝަރީއަތް އަވަހަށް ނުނިމޭތީ. އަޅުގަނޑުމެން ހާއްސަ މަސައްކަތްތަކެއް ކޯޓާ އެކު ވެސް ކުރެވޭތޯ އެބަ ބަލަން. ކުރިން ވެސް ބަލާފައިވާނެ، އެގޮތަށް ހުރި މައްސަލަތައް އަވަހަށް ނިންމަން. އެކަމެއް ނުހިނގާ. އަޅުގަނޑުމެން ހައެއްކަ މަސްދުވަސް ވަންދެން ވަކި ބަޔަކު އައްޔަންކޮށްގެން ވެސް ނިމުނީ 17 މައްސަލަ،" ޝަމީމް ވިދާޅުވި އެވެ.