ހޯމް މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންގެ ބައްދަލުވުމުގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މީގެ ފަހުން ގައިދީންގެ ޕޯސްޓްމޯޓަމް ހެދުން ލާޒިމް ކުރަން ނިންމައިފި

މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖަލުގައި މަރުވާ ގައިދީންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމްއަށް ފަހު ކަމަށް

މީގެ ފަހުން ޖަލުގައި މަރުވާ ގައިދީންގެ ޕޯސްޓްމޯޓަމް ހެދުމަކީ ލާޒިމް ކަމަކަށް ހަދަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެގޮތަށް ނިންމިކަން ހާމަކޮށްފައި ވަނީ، އިއްޔެ މާފުށި ޖަލުގައި ބަންދުކޮށްފައި ހުއްޓާ މަރުވި މުހައްމަދު ޖަމީލު، ޒަމާނީ ވިލާ/ށ. ފުނަދޫގެ މަރުވީ ޖަލުގެ އޮފިސަރުން އަނިޔާކޮށްގެން ކަމަށް ތުހުމަތުކުރާތީވެ،  އެކަމާ ގުޅިގެން އިސްކަންދަރު ކޮށީގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސް ހިމެނޭ ގޮތަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި، ނިޔާވާ އެއްވެސް ގައިދީއަކުު އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމްއެއް ހެދުމަށް ފަހު،" އިހުސާން ވިދާޅުވި އެވެ.

"އާއިލާއާ ހަށިގަނޑު ހަވާލުކުރާނީ، ޕޯސްޓްމޯޓަމް ހަދާ، އެކަމުގެ ރިޕޯޓުތައް އަޅުގަނޑުމެންނަށް ލިބި، މުއައްސަސާތަކަށް ފުރިހަމައަށް ޖަވާބުދާރީވެވޭ ފެންވަރަށް ތައްޔާރުވެގެން."

ތަފްސީލު -  އިހްސާން ވިދާޅުވީ ޖަމީލުގެ މަރާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު، ވަޅުލަން އާއިލާއާ ހަށިގަނޑު ހަވާލުކުރި ކަމަށެވެ. 

"އެއީ ހަށިގަނޑުގައި ލިބިފައި ހުރި ގެއްލުންތަކެއް ކަމަށް ފެންނަން ހުރި ތަންތަނަކީ ވެސް މީހަކު އަނިޔާކޮށްގެން ކަމަށް ޑޮކްޓަރުންނަށް ވެސް ނުބެލެވޭތީ އަދި ތަހުގީގަށް ވެސް ނުބެލެވޭތީ އެ ހިސާބުން [ހަށިގަނޑު އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް] ކުރިއަށް ގެންދަން ނިންމީ،" އިހުސާން ވިދާޅުވި އެވެ.

އޭގެ ފަހުން ޝޯޝަލް މީޑިއާގައި ޖަމީލުގެ ހަށިގަނޑުގެ ފޮޓޯތަކެއް އާންމުވެ، އޭނާ މަރާލާފައި ވަނީ ޖަލުގައި ކުރިމަތިވި އަނިޔާތަކުގެ ސަބަބުން ކަމަށް ބުނެ ތުހުމަތުތަކެއް  ކަރެކްޝަނަލް ޑިޕާޓްމަންޓަށް އަމާޒުވި އެވެ. އެ ތުހުމަތުތަކާ ގުޅިގެން ޕޯސްޓްޕޯޓަމް ހަދަން ނިންމި ކަމަށް އިހުސާން ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • އެއީ ސަހަރާއަށް ހަށިގަނޑު ގެންގޮސް، ހިނަވާގޭގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް

  • މަރުވެފައި އޮންނަ މީހެއްގެ ހަށިގަނޑު ގިނަ ވަގުތު އެގޮތަށް އޮތުމުން، ހަށިގަނޑުގެ ކުލަ ފަދަ ކަންކަމަށް އައިސްފައިވާ ބަދަލުތަކެއް ފޮޓޯތަކުން ފެނޭ

"އެއީ ބަޔަކު އަނިޔާކޮށްގެން ދީފައި ހުރި އަނިޔާތަކެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަތައް ދެކެވެން ފެށުމުން، އަޅުގަނޑު ނިންމީ އޮޓަޕްސީއެއް ހެދުމަށް،" އިހުސާން ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން (މ) ވާހަކަ ދައްކަވަނީ

ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި އޭރުވެސް ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ދެކޮޅެވެ. ސަހަރާއަށް ވަޑައިގެން ޕޯސްޓްމޯޓަމް ހަދަން ނިންމި ސަބަބު އާއިލާއަށް ކިޔައިދެއްވި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"ދައުލަތުގެ މި މުއައްސަސާތަކަށް ޒިންމާވާ ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑު ތަކުރާރުކޮށް ދަންނަވާ، އާދޭސް ދެންނެވިން މިކަން ކުރުމަށް ފުރުސަތު ދެއްވުމަށް. އެހެން ނަމަވެސް އާއިލާއިން އެއްގޮތަކަށް ވެސް އެކަން ކުރުމަށް ބޭނުންފުޅެއް ނުވި،" އިހުސާން ވިދާޅުވި އެވެ. 

އިހްސާން ވިދާޅުވި ގޮތުގައި އޭރުވެސް އާއިލާއިން ގަބޫލުކުރަމުން އައީ ޖަމީލުގެ މަރަކީ 'ގުދުރަތީ މަރެއް' ކަމަށެވެ.

"އާއިލާއިން ވަރަށް ސާފުކޮށް އަޅުގަނޑަށް ދެންނެވި، އެބޭފުޅުންގެ އެއްވެސް ޝަކުވާއެއް ނެތޭ. އެބޭފުޅުން ގަބޫލުނުކުރައްވައޭ މިއީ ގަސްތުގައި މީހަކު ޖިސްމާނީ ގޮތުން ގެއްލުން ދިން ކަމެއް ކަމަށް،" އިހުސާން ވިދާޅުވި އެވެ.

އެ ހިސާބުން އެކަން ރައީސް މުހައްމަދު މުއިއްޒަށް ދެންނެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސްގެ ވެސް ނިންމެވުމަކީ ބަޔަކު މީހުންނާއި ފުލުހުން ގަދަކަމުން ކުރިމަތިލައި މީހުންނަށް އަނިޔާވާ ގޮތަށް ހަށިގަނޑު ހަވާލުވުމުގައި ފުރުސަތު ދެއްވުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށް،" އިހުސާން ވިދާޅުވި އެވެ.

ޕޯސްޓްމޯޓަމް ނަހަދާ ޖަމީލްގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކުރަން ނިންމީ އެހާ ހިސާބުންނެވެ.

ޖަމީލު މަރުވެފައި އޮތްކަން ޔަގީންވީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި ހަރަކާތެއް ނެތި އެތައް އިރެއް ވަންދެން އޮތުމުން، މާފުށީ ސިއްހީ މަރުކަޒަަށް ގެންގޮސް ދެއްކުމުންނެވެ. އޭރު އެގޮތަށް އޭނާ އޮންނަތާ ހަތަރު ގަޑިއިރުވެދާނެ ކަމަށް ވެ އެވެ.

އިހުސާން ވިދާޅުވީ ގައިދީއަކު އެގޮތަށް ހަރަކާތެއް ނެތި އެހާ ގިނައިރު، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް ނޭނގި އޮވެގެން ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • އަޅުގަނޑު ގަބޫލުކުރަން އެއީ އަޅުގަނޑުމެން ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށް

  • އެ ވަގުތަކީ ގޮޅި ހުޅުވާފައިވާ ވަގުތެއް؛ ކަރެކްޝަންއިން ގަޑިއަކު އެއްފަހަރު ގޮޅި ބަންދުކޮށްފައި ހުންނަ ވަގުތު ގައިދީންގެ ހަރަކާތްތައް ބަލާނެ

  • މީގެ ފަހުން ގޮޅި ހުޅުވާފައި ހުންނަ ވަގުތުގައި ވެސް ގަޑިއަކު އެއްފަހަރު އެމީހާގެ ހާލަތު ބެލުމަށް ވާނީ ނިންމާފައި

ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން އެދިވަޑައިގެންނެވީ މީހެއްގެ މަރާ ގުޅުވައިގެން ސިޔާސީ ފައިދާ ނުނެގުމަށެވެ.

ކޮމެންޓް (2)

ސިކުނޑި

30 ޖޫން 2024
މަރުވުމުން ޖަލުހުކުމުން މިންޖުވާނެ! ޕޯސްޓް މޯޓަމް ހަދަންވާނީ އާއިލާގެ ރުހުމާއެކު! ކުށެއް ނެތްކަން ސާބިތުކުރަން ބޭނުންވާނަމަ، އުސޫލުތައް ހަރުދަނާ ކުރައްވާ! މަރުވެފައިވާ މައްޔިތަކަށް އެފަދަ އަނިޔާތަކެއް ދިނުންއެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން! އެހެންނީ ސިޔާސީ ކުރަނީވެސް ނުވަތަ ޝަކުރާ ކުރަނީވެސް މައްޔިތާއެއްނޫން! ޢާއިލާއިން! އޭގައި މައްޔިތާގެ ކުށެއްނެތް! އެހެން ނޫނަސް މީކީ ވަޒީރަކަށް ހުންނަ މީހަކު ބޭނުންވީމަ ކުރެވޭގޮތަށް އޮންނަން ޖެހޭ ކަންތަކެއްވެސް ނޫން!
1 0

ާއަމާ

29 ޖޫން 2024
މީގެފަހުން ގެވެށި އަނިޔާކުރާ ފިރިންނާމެދު ވެސް ކޮންމެސް ކަމެއްކޮށްބަލޯ. މަރުވީމަ ޕޯސްޓް ޝެއަރ ކުރުމަށްވުރެ ހައްލުހޯދުން މުހިއްމު. ގެވެށިއަނިޔާ އެއްވެސްވަރަކަށް ބަލައިނުގަނެވޭނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް