ކަރެކްޝަންސްގެ އޮފިސަރުންތަކެއް މާފުށީ ޖަލުގައި ހިންގި ތަމްރީނެއްގެ ތެރެއިން: ޖަލަށް މަސްތުވާތަކެއްޗާއި ފޯން ފަދަ މަނާތަކެތި ވައްދައިދީގެން އޮފިސަރުންތަކެއް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް ވަނީ ފެންމަތިވެފައި (ފޮޓޯ/ކަރެކްޝަންސް)

ޖަލަށް ތަކެތި ވައްދައިދިން ކަރެކްޝަންސްގެ 13 އޮފިސަރަކު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ކަރެކްޝަންސްގެ ދަށް ލެވަލްގެ 18 އޮފިސަރެއް ވަނީ ގައިދީންނަށް އެކި ބާވަތުގެ މަނާތަކެތި ވައްދައި ދީގެން 73 މިލިއަނެއްހާ ރުފިޔާ ހޯދާފައި

ޖަލުތަކަށް މަސްތުވާތަކެއްޗާއި އެހެން ވެސް މަނާތަކެތި ވައްދައި ދީގެން ނުހަމަ މުއްސަނދިކަން ހޯދާފައިވާކަމަށް ތުހުމަތުވާ މައްސަލައިގައި ކަރެކްޝަންސްގެ 13 އޮފިސަރެއް ނުވަތަ ޖަލު ބަލަހައްޓާ މީހުން ފުލުހުން ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ގޮތުގައި ކަރެކްޝަންސްގެ ދަށް ލެވަލްގެ 18 އޮފިސަރެއްގެ އެކައުންޓަށް ޝައްކު ކުރެވޭ 73 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. އަދި އެ އޮފިސަރުންގެ އެކައުންޓްތަކަށް ވަދެފައިވާ އެ ފައިސާ ޖަމާކޮށްފައި ވަނީ ޖަލުގައި ތިބި ގައިދީންނާއި އެ މީހުންނާ ގުޅުން އޮންނަ މީހުންގެ އެކައުންޓްތަކުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

ތަފްސީލް - ތަހުގީގުގެ އެ ހޯދުންތަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެކަމާ ވިދިގެން ކަރެކްޝަންސްގެ 13 މުވައްޒަފަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން: 

  • 9 މީހަކު ހައްޔަރުކުރީ މައި ޖަލު ހުންނަ ކ. މާފުށިން

  • 2 މީހަކު ހައްޔަރުކުރީ ކ. ކާށިދޫއިން

  • އުތީމުންނާއި މާލެއިން ކޮންމެ ރަށަކުން އެކަކު ހައްޔަރުކުރި 

ފާހަގަކޮށްލެވޭ - ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޔުނީފޯމު އެޅި އެއްވެސް އޮފިސަރަކު އޭނާގެ މަގާމުގެ ނުފޫޒާއި ލިބިފައިވާ އިމްތިޔާޒުތަކުގެ ބޭނުންކޮށްގެން ފައިސާ ނަގައި ފައިސާއަށްޓަކައި އެ މީހާގެ ޔުނީފޯމު ވިއްކާލުމުގެ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅުއްވާނޭ ކަމަށެވެ. 

މީގެ އިތުރަށް ކަރެކްޝަންސްގެ އޮފިސަރުންނަށް ފައިސާ ޖަމާކޮށްދިން މީހުން ވެސް ހޯދާ އަދަބު ދެއްވާނޭ ކަމަށް އިހުސާން ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް