މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އަހުމަދު އުޝާމް

އާރުޓީއައި ގާނޫނަށް ހުށަހަޅާ އިސްލާހުން މައުލޫމާތު ހޯދުން ހަނިނުވާނެ: އޭޖީ

އެ އިސްލާހު ޑްރާފްޓް ކުރާނީ އިންފޮމޭޝަން ކޮމިޝަނަރު އޮފީހާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށް އުޝާމް ވިދާޅުވި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި) ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހުގެ ސަބަބުން މައުލޫމާތު ހޯދަން ހުރަސް ނޭޅޭނެ ކަމަށް ދައުލަތުގެ ބަންޑާރަނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަހަރުގެ މި ހިނގާ ދެ ވަނަ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތު ކުރާ 37 ބިލުގެ ތެރޭގައި އާރުޓީއައި ގާނުނަށް އިސްލާހު ގެނައުމުގެ ބިލު ހިމަނާފައިވެ އެވެ.

މިއަދު ބަންޑާރަނައިބު އޮފީހުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އާރުޓީއައި ގާނޫނަށް ގެންނަން އުޅޭ އިސްލާހާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން، އުޝާމް ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

ބުނީ ކީކޭ؟ - "އާރުޓީއައި ގާނޫނު އުވާލުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް. އެ ގާނޫނު އުވާލަން މަޝްވަރާއެއް ވެސް އަޅުގަނޑުމެން ނުކުރަން،" އެ ގާނޫނު އުވާލުމުގެ ވިސްނުމެއް ސަރުކާރުގެ އެބަ އޮތްތޯ އަދި ގާނޫނަށް ގެންނަނީ ކޮން އިސްލާހެއްތޯ އެހުމުން 'ދައުރު'ން ސުވާލު ކުރުމުން އުޝާމް ވިދާޅުވި އެވެ.

ތަފްސީލު- އުޝާމް ވިދާޅުވި ގޮތުގައި އެ ގާނޫނު އިސްލާހު ކުރަނީ، އެ ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށެވެ. އެގޮތުން އޭނާ ވިދާޅުވި ގޮތުގައި:

  • ގާނޫނުގައި މިހާރު ބަޔާންކޮށްފައިވާ ބައެއް މުއްދަތުތައްތަކާއި އިޖުރާއަތްތައް އޮތް ގޮތުން ތަންފީޒު ކުރުމަށް ދަތިތަކެއް ވާތީ، އެކަން ހައްލު ކުރުމަށް އިސްލާހުތަކެއް ހުށަހަޅާނެ

" ބޮޑެތި އިސްލާހުތަކެއް ނޫން [އެ ގާނޫނަށް ގެންނަން މިއުޅެނީ]. މައުލޫމާތު ހޯދުމަށް ހުރަސް އެޅޭ ކަހަލަ އިސްލާހެއް އެ ގާނޫނަށް ގެންނާކަށް އަޅުގަނޑުމެން ގަސްދެއް ނުކުރަން،" އުޝާމް ވިދާޅުވި އެވެ.

ގާނުގައި ބަޔާން ކުރާ ކޮން މުއްދަތަކަތަކަށްތޯ އިސްލާހު ގެންނަނީ އެހުމުން ސީދާ ޖަވާބެއް ނުދެއްވައި އުޝާމް ވިދާޅުވީ، އެ ބިލު ފަރުމާ ކުރާނީ މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އެވެ. އޭގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރާ ވެސް މަޝްވަރާ ކުރައްވާނެކަން ފާހަގަ ކުރެއްވި އެވެ.

"ކޮންމެ ގޮތެއްވިޔަސް، އަޅުގަނޑު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، އެ ގާނޫނު ތަންފީޒު ކުރުމުގައި ދަތިތަކެއް އެބަހުރި، އިންފޮމޭޝަން ކޮމިޝަނަރަށް ވެސް ދަތިތަކެއް އެބަހުރި. އެ ދަތިތަކަކަށް ހައްލެއް ގެންނަން އެބަ ޖެހޭ،" އުޝާމް އިތުރަށް ވިދާޅުވި އެވެ.

ކޮމެންޓް (1)

ބަންޑާރަ ކަފަ

14 ޖޫން 2024
އުޝާމް ކަންބޮޑު ނުވޭތޯ އާރުޓީއައި ޤާނޫނަށް ސަރުކާރުން ތަބާނުވާތީ؟ މިހާރުވެސް ވަންހަނާކޮށް ފޮރުވުމުގެ ވިސްނުމުގައި ސަރުކާރުން ކިތައްމެ ކަމެއް ކުރޭ. އައިލްސް ޕޯޓަލް ބަންދުކޮށް މަޝްރޫޢުތަކުގެ އަޕްޑޭޓެއްވެސް ނުދޭ. ސިޔާސީ މަޤާމުތައް ވެސް އަޕްޑޭޓްނުކުރޭ އަދި ހާމަކުރަނީ ގަދަކަމުން. ޓްރާންސްޕޭރަންސީއެއް ނެތް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް