7 ނޮވެމްބަރު 2023 - ފްލެޓުތަކުގެ މައްސަލަ ބަލަން ކުރީ ސަރުކާރުގައި އެކުލަވާލި ފްލޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއް (ދައުރު ފޮޓޯ/ހުސެން ސުނޭން)
ކުރީ ސަރުކާރުގެ ފްލެޓު ކޮމެޓީގައި ހިމެނޭ ވެރިންގެ ގެތަކަށް އޭސީސީން ވަދެއްޖެ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ދިނުމުގެ ކަންތައްތަކުގައި އިސްކޮށް މަސައްކަތް ކުރި ކޮމެޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ގެތަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ވަދެއްޖެ އެވެ.
ވީ ކިހިނެއް؟ - އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޝައްކު ކުރެވޭ މީހުންގެ ގެތަކަށް ކޯޓު އަމުރެއްގެ ދަށުން ވަދެފައިވާކަން އޭސީސީން 'ދައުރު'އަށް ޔަގީންކޮށްދިނެވެ.
އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އެ ކޮމިޝަނުން ބަލާ ފާސްކުރަނީ ކުރީ ސަރުކާރުގެ ފްލެޓު ކޮމެޓީގައި ތިއްބެވި 4 މެންބަރަކު ދިރިއުޅުއްވާ ތަންތަން ކަމަށެވެ. އެގޮތުން ބަލާ ތަންތަނަކީ:
-
އޭރުގެ ހައުސިންގެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެޕާޓްމަންޓް
-
ކޮމެޓީގެ މެންބަރު މުހައްމަދު އާރިފްގެ އެޕާޓްމަންޓް
-
ކޮމެޓީގެ މެންބަރު މުހައްމަދު ލިރުގާމްގެ އެޕާޓްމަންޓް
-
ކޮމެޓީގެ މެންބަރު އަހުމަދު ވިސާންގެ އެޕާޓްމަންޓް
ތަފްސީލް - އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އަދިވެސް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
ކުރީގެ ސަރުކާރުން މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގި ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ދައުރުގެ ފަހުކޮޅުގައި ވަނީ ގެޒެޓުކޮށްފަ އެވެ. އެގޮތުން:
-
ދައުރު ހަމަވީ ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓު ކަނޑައަޅައި އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް
-
ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީން ތަހުގީގެއް ފެށި
-
އެ ތަހުގީގުގައި ބެލި ފޯމުތަކުގެ %59.6 ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ވަނީ ބުނެފައި
ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް އެދި 20،696 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ 18،167 މީހުންގެ ލިސްޓެއް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން އާންމުކުރި އެވެ.
އޭސީސީން ވަނީ އޭގެ ތެރެއިން ޝަރުތު ހަމަވާ 4،048 މީހުންގެ ފޯމު ދިރާސާކޮށްފަ އެވެ. ތަހުގީގުގައި ބެލި ފޯމުތަކުގެ ތެރެއިން ތެރެއިން:
-
ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތް ފޯމުތައް: %20.7
-
ޝަރުތު ހަމަވި ނަމަވެސް، މައްސަލަ ހުރި ފޯމުތައް: %19.7
-
ޝަރުތު ފުރިހަމަ ނުވާ ފޯމުތައް: %59.6