ފަސް އަހަރު ތެރޭ 500،000 ގަސް އިންދަން ސްޓެލްކޯ އިން މިއަދު ފެށި ޕްރޮގްރާމް (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
ސްޓެލްކޯއިން 5 އަހަރު ތެރޭ 500،000 ގަސް އިންދަނީ
ކުރިއަށް އޮތް ފަސް އަހަރު ތެރޭ ސްޓެލްކޯ އިން 500،000 ގަސް އިންދުމަށް އަޒުމް ކަނޑައަޅައި ގަސް އިންދުމުގެ ޕްރޮގްރާމު މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު މި ޕްރޮގްރާމު ފެށީ އެކަމަށްޓަކާ ސްޓެލްކޯ އިން ކ. ތުލުސްދޫގައި ބޭއްވި ގަސްއިންދުމުގެ ހާއްސަ ހަރަކާތަކުންނެވެ.
ތަފްސީލް - ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭ ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފަށާފައި ވާއިރު، އެ ކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސްޓެލްކޯ އިން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމު އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ 33 ރަށުގައި ކުރިއަށްދާނެ އެވެ.
ތަފްސީލް - މި ޕްރޮގްރާމު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވީ މާލޭގެ އިތުރުން އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ 33 ރަށުގައި މިއަދު ޖުމްލަ 27،000 ގަސް އިންދާނެ ކަމަށެވެ.
-
ތުލުސްދޫގައި މިއަދު 5،000 ގަހާއި 1،000 ރުއް އިންދާނެ
-
އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދޭ ރަށްރަށުގައި މަދުވެގެން އަހަރަކު 500 ގަސް އިންދަން ވަނީ އަމާޒު ކޮށްފައި
އެނގުން މުހިއްމު - ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.