5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރައީސް މުއިއްޒު އިފްތިތާހުކޮށްދެއްވުން (ފޮޓޯ/ރައީސް އޮފީސް)
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށައިފި
ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭ ހިމެނޭ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ލޮނުޒިޔާރަތް ޕާކުގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ މިއަދު ފާހަގަ ކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެންނެވެ.
ތަފްސީލް - މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ލޯގޯ ވެސް އިފުތިތާހުކޮށްދެއްވައިފަ އެވެ.
ފާހަގަ ކުރެވޭ- މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ކުރިއަށް ދިޔަ ކޮޕް28 ބައްދަލުވުމުގައި ރައީސް ވަނީ5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިއުލާނު ކުރައްވައިފަ އެވެ.
"އަޅުގަނޑުމެންގެ ކުދި ޖަޒީރާ ރަށްތަކަކީ، ވިލުންވެރި، ސާފު ފެހި މާހައުލަކަށް ހެދުމަށް އިސްކަން ދެން. މިގޮތުން، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުއެއް ހިންގުމަށް އަޅުގަނޑުމެން ވައުދުވަން،" ކޮޕް 28 ގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.