ބިމާ ބެހޭ ގާނޫނަށް މިދިޔަ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު އާ މަޖިލީހުން ބޭރުކޮށްލި ސަބަބު ސާފުކޮށްދޭން ޕީއެންސީ ޕީޖީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ / މަޖިލިސް)

އިސްލާހު ބޭރުކޮށްލުމަށް ފަހު ސަރުކާރު މެންބަރުން ދިނީ ގޯތި ލިބޭނެ ކަމުގެ ޔަގީންކަން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ ހުރިހާ ހައްގުތަކެއް ކަށަވަރުވާނެ ފަދަ އާ ބިލެއް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ބުނި

އެމްޑީޕީގެ ސަރުކާރުން ނެރުނު ލިސްޓަށް ގޯތި ދޭން މަޖުބޫރުވާ ގޮތަށް ނިމިދިޔަ ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހު އާ މަޖިލީހުން ބޭރުކޮށްލި ނަމަވެސް، ގޯތި ލިބޭ ހުރިހާ ރައްޔިތުންނަށް ގޯތި ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ދީފި އެވެ.

މައްސަލައިގެ ފެށުން - ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ބިމާ ބެހޭ ގާނޫނަށް ހުށަހަޅައިގެން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގެ ފަހު ދުވަސްކޮޅު ފާސްކޮށްފައިވާ ބިމާ ގާނޫނަށް ގެންނަ އެ އިސްލާހު ރައީސް ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުވާލި އެވެ. އެ މައްސަލައިގައި މިއަދު މަޖިލީހުގައި ބަހުސްކޮށް ނިންމާފައި ވަނީ: 

  • އެ އިސްލާހު ބޭރުކޮށްލުމަށް؛ އެގޮތަށް ނިންމީ ސަރުކާރު ހިންގާ ޕިއެންސީގެ 76 މެންބަރުންގެ ވޯޓުން

ވީ ކިހިނެއް؟ - އެއާއެކު ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދީ، އެ ބިލް މަޖިލީހުން ބޭރުކޮށްލި ސަބަބު ސާފުކޮށްދޭން ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ މިއަދު މަޖިލީހުގެ އިދާރާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

ބުނީ ކީކޭ؟ - "މި ގާނޫނު މިއަދު އަޅުގަނޑުމެން މަޖިލީހުން ބޭރުކޮށްލުމަކުން... އެއްވެސް ހުރަހެއް، އަޅުގަނޑުމެންގެ މާލޭގެ ރައްޔިތުންނަށް މި ލިބިފައިވާ ބޯހިޔާވަހިކަން ނުވަތަ ގެދޮރުގެ ފުރުސަތު ގެއްލޭނެ އެއްވެސް ޖާގައެއް މިއަކު ނެތް،" މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • އެމްޑީޕީގެ އިސްލާހަކީ މިއަދުގެ ސަރުކާރަށް ހުރަސްއެޅުން ނުވަތަ ސަރުކާރު ހުއްޓުވުމުގެ މަގްސަދުގައި ކޮށްފައި އޮތް ކަމެއް

  • ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނީ އެމްޑީޕީ ސަރުކާރު ނިމެން އުޅެނިކޮށް، އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނުވަތަ މިސްރާބެއް ނެތި؛ ތިން މަސް ދުވަހުގެ ތެރޭގައި އެ ގޯތިތައް ހަވާލުކުރަން މި ސަރުކާރަށް ލާޒިމް ކުރުމަކީ ބުއްދި ހަމަޖެހޭ ކަމެއް ނޫން

  • ގިނަ ގޯތި ދީފައި ހުރީ ކަނޑުން، އަދި އެ ތަންތަން ހިއްކާނެ ފައިސާ ވެސް ވެރިކަމުން ފައިބައިގެން ދިޔައިރު ހަމަޖައްސާފައެއް ނެތް

"އަޅުގަނޑު އަތުގައި ވެސް އެބައޮތް ރަޖިސްޓްރީއެއް. އަޅުގަނޑަކަށް ވެސް ނޭނގޭ ގެ ވީ ކޮންތަނެއްގައި ކަމެއް ވެސް. މި ސަރުކާރު އައިސް އަނެއްކާ އެހެން ފުރުސަތެއް ގެ ތެރެއިން އަޅުގަނޑުވެސް އެބައުޅެން ރިކުއެސްޓް ކޮށްގެން. ގުރުއަތުލުން ވެސް އެބަދޭ ކުރިއަށް،" ރިފާއު ވިދާޅުވި އެވެ.

ނަމަވެސް، އޭނާ ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގެ ތެރޭގައި އެކި މަރުހަލާތަކުގައި ރައްޔިތުންނަށް ގޯތި ހަވާލުކުރަން ދިން ޔަގީންކަން މަޖިލީހުން ވެެސް ދަމަހައްޓާނެ ކަމަށެވެ. 

ބިމާ ބެހޭ ގާނޫނަށް މިދިޔަ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު އާ މަޖިލީހުން ބޭރުކޮށްލި ސަބަބު ސާފުކޮށްދޭން ޕީއެންސީ ޕީޖީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ / މަޖިލިސް)

އޭނާގެ ވާހަކައަށް އެ ބައްދަލުވުމުގައި ބައިވެރިވި އެހެން ސަރުކާރު މެމްބަރުން ވެސް ތާއީދު ކުރައްވާ، ބާރުދެއްވި އެވެ. އެބޭފުޅުން ވިދާޅުވީ، އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލޭ ގޮތަށް މި ސަރުކާރުން އަމަލު ނުކުރައްވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ - މިއަދުގެ ބައްދަލުވުމުގައި ޕީއެންސީ ޕީޖީގެ ފަރާތުން ތަކުރާރުކޮށް ފާހަގަކުރި ގޮތުގައި، އެމްޑީޕީގެ އިސްލާހު މަޖިލީހުން ބޭރުކޮށްލަން ޖެހުނީ، ބިމާ ބެހޭ ގާނޫނުގެ ބައެއް މާއްދާތަކާ އެ އިސްލާހުތައް ފުށުއަރާތީ އެވެ. އެގޮތުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ:

  • ބަންޑާރަ ގޯއްޗެއް ދޫކޮށްފި ނަމަ ވަކި މުއްދަތެއްގެ ތެރޭގައި އެތާ ދިރިއުޅެން ޖެހޭނެ ކަމަށް ބިމާ ބެހޭ ގާނޫނުގެ 14ވަނަ މާއްދާގައި އޮވޭ؛ ދިރި ނޫޅޭ ކަމަށް ވަންޏާ އެ ގޯއްޗެއް އަތުލެވޭނެ ކަމަށް ވެސް ގާނޫނުގައި އޮވޭ

  • ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ދިނަސް، ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ ގޯތީގައި މީހުންނަށް ދިރިއެއް ނޫޅެވޭނެ

އެނގުން މުހިއްމު - ބިމާ ބެހޭ ގާނޫނުގެ 14 ވަނަ މާއްދާގައި ވާގޮތުން، ބަންޑާރަ ގޯއްޗެއް ދޫކުރެވޭ ތާރީހުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި އެ ގޯއްޗެއްގައި ދިރިއުޅެން ނުފަށައިފިނަމަ، އެ ގޯއްޗެއް ދޫކޮށްފައިވާ މީހާގެ ކިބައިން ގޯތި ވަކި ކުރުމުގެ އިހުތިޔާރު ސަރުކާރަށް ލިބެ އެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ، ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމް ހިންގާފައިވާ ގޮތުން މިހާރު އޮތް ގާނޫނާ ތައާރުޒުވާ ބައިވަރު ކަންތައްތަކެއް ކުރިމަތިވާތީ، މި ސަރުކާރުން 'ބިމުގެ ބިލު'ގެ ނަމުގައި އާ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. 

"މި ހުރިހާ ކަމެއް ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށް، ޔަގީންކަމާ އެއްކޮށް، ރައްޔިތެއްގެ ހިތުގައި ސުވާލެއް ވަސްވާހެއް ނުއުފެދޭ މިންވަރަށް އެ ރައްޔިތެއްގެ ހައްގުތައް ކަށަވަރުކޮށްދޭނެ އިންތިޒާމެއް ސަރުކާރުން މިހާރު ފޮނުވާފައިވާ ބިލުގައި އެބަ ހިމަނުއްވާ،" އޭނާ ވިދާޅުވި އެވެ.

އެ ބިލު މިހާރު އޮތީ ދިރާސާ ކުރުމުގެ މަރުހަލާގަ އެވެ. ބިލު ދިރާސާ ކުރުމަށް ފަހު، އިތުރު މައުލޫމާތު ހާމަކުރައްވާނެ ކަމަށް ޕީއެންސީ ޕީޖީން ބުންޏެވެ. 

ކޮމެންޓް (1)

ބޯސް

4 ޖޫން 2024
"އަޅުގަނޑު އަތުގައި ވެސް އެބައޮތް ރަޖިސްޓްރީއެއް. އަޅުގަނޑަކަށް ވެސް ނޭނގޭ ގެ ވީ ކޮންތަނެއްގައި ކަމެއް ވެސް. މި ސަރުކާރު އައިސް އަނެއްކާ އެހެން ފުރުސަތެއް ގެ ތެރެއިން އަޅުގަނޑުވެސް އެބައުޅެން ރިކުއެސްޓް ކޮށްގެން. ގުރުއަތުލުން ވެސް އެބަދޭ ކުރިއަށް،" ރިފާއު ވިދާޅުވި އެވެ. މިއީ ނޫންތަ މައްސަލައަކީ؟ މަތި މަތިން ގޯތި ފްލެޓް ލިބޭ މީހުންނަށް ދިނުން. ރިފާއުއަށް އިބޫ ސަރުކާރުގައިވެސް ގޯތި، މި ސަރުކާރުންވެސް ހޯދަނީ. އެ މީހުންނަށް އެއްޗެއް މަދުވާނެހެން އެއްކަމެއްވެސް ކުރާނެތޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް