މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ރައީސްގެ ސިޔާސަތާއެއްގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވަނީ ބޭރުކޮށްލާފައި (ފޮޓޯ/މަޖިލިސް)

ރައީސް ތަސްދީގު ނުކުރެއްވި ގޯތި ހަވާލުކުރަން ޖެހޭ ބިލް މަޖިލީހުން ބޭރުކޮށްލައިފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން މިއަދު ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެ ބިލު ހުށަހެޅީ ނުބައި ނިޔަތެއްގައި އަދި މަގުސަދެއްގައި ކަމަށް؛ ސަރުކާރުން ހުށަހަޅާ ބިމާ ބެހޭ އާ ބިލުން މައްސަލަތަކަށް ހައްލު ލިބޭނޭކަމަށް ސަރުކާރު މެންބަރުން ވިދާޅުވި
4 ޖޫން 2024

ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވާ އަނބުރާ ރައްޔިތުން މަޖިލީހަށް ފޮނުވާލެއްވި، ބިމާ ބެހޭ ގާނޫނަށް ނިމިދިޔަ ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހު އާ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ. 

މައްސަލައިގެ ފެށުން - ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ބިމާ ބެހޭ ގާނޫނަށް ހުށަހަޅައިގެން އެމްޑީޕީގެ މެޖޯރިޓީ އޮތް ނިމިދިޔަ މަޖިލީހުގެ ފަހު ދުވަސްކޮޅު ފާސްކޮށްފައިވާ ބިމާ ގާނޫނަށް ގެންނަ އެ އިސްލާހުގައިވާ ގޮތުގައި: 

  • ބަންޑާރަ ގޯތި ލިބޭ މީހުންގެ ލިސްޓް ސަރުކާރުން ގެޒެޓްކުރާތާ ތިން މަސް ދުވަސް ތެރޭ އެ ގޯތި ލިބޭ ފަރާތްތަކާ ރަޖިސްޓްރީ ހަވާލުކުރަން ޖެހޭ

  • އެ އިސްލާހު ގެނައި ބޭނުމަކީ އެމްޑީޕީގެ ވެރިކަމުގައި ބިން ވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ލިސްޓާ އެއްގޮތަށް ގޯތި ދިނުމަށް ސަރުކާރަށް މަޖުބޫރުކުރުން 

އެ ބިލް ތަސްދީގު ކުރަން ފޮނުވުމުން ރައީސް މުއިއްޒު ވަނީ އެ ބިލް ތަސްދީގު ނުކުރައްވާ އަލުން ވިސްނުމަށް އެދި އަނބުރާ މަޖިލީހަށް ފޮނުވާލައިފަ އެވެ. 

ވީ ކިހިނެއް؟ - އެ މައްސަލަ މިއަދު މަޖިލީހުގައި އެޖެންޑާކޮށް ބަހުސްކުރުމަށް ފަހު މިއަދު ވަނީ އެ މައްސަލައިގައި ވޯޓަށް އަހައިފަ އެވެ. އެގޮތުން: 

  • އެމްޑީޕީ މެންބަރުން ހުށަހެޅީ ބިލް ކޮމިޓީއަށް ފޮނުވައި އަލުން ދިސާރާކުރުމަށް؛ އެ ހުށަހެޅުން ފާހެއް ނުވި؛ ދެކޮޅަށް 75 ވޯޓް އަދި އެއްކޮޅަށް ލިބުނީ 12 ވޯޓް 

  • އެ ހުށަހެޅުން ފާސްނުވުމުން ދެން ރިޔާސަތުން ވޯޓަށް އެހީ ބިލް އޮތް ގޮތަށް ފާސްކުރުމަށް؛ ނަމަވެސް 76 މެންބަރުން ބިލާ ދެކޮޅަށް ވޯޓް ދިނުމުން ބިލް މަޖިލީހުން ބޭރުވީ ކަމަށް ރިޔާސަތުން އިއުލާންކުރި 

ސަރުކާރު މެންބަރުންގެ ބަސް - އެ މައްސަލައިގައި ބަހުސްގައި ސަރުކާރު ހިންގާ، ޕީއެންސީގެ މެންބަރުން މިއަދު ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެ ބިލު ހުށަހެޅީ ނުބައި ނިޔަތެއްގައި އަދި މަގުސަދެއްގައި ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ބިމާ ބެހޭ އާ ގާނޫނެއް ހުށަހަޅަން މިހާރު ވިސްނާފައިވާއިރު ބިމާ ބެހޭ އާ ގާނޫނުން މައްސަލަތަކަށް ހައްލު ލިބޭނޭ ކަމަށް ވެސް މެންބަރުން ފާހަގަ ކުރެއްވި އެވެ. ދެން އެ މެންބަރުން ފާހަގަ ކުރެއްވި ކަންކަމަކީ: 

  • އެމްޑީޕީ ސަރުކާރުން ހުޅުމާލެ، ގިރާވަރުފަޅު އަދި ގުޅީފަޅުން މާލެ ރައްޔިތުންނަށް ބިން ދިނުމަކީ ރިޔާސީ އިންތިހާބާ ދިމާކޮށް ވޯޓް ހޯދަން އަވަސްކޮށްލައިގެން ކުރި ކަމެއް 

  • އެގޮތަށް ބިން ދިނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނޫންކަން ބައެއް މެންބަރުން ފާހަގަކުރި 

  • ރާއްޖޭގެ އެންމެ ބިން އަގުބޮޑު ކެޕިޓަލް ރަށުން ބިން ހިލޭ ދިނުމަކީ ދެކޮޅު ޖެހޭނޭ ސިޔާސަތެއް ނޫން ކަމަށް ބައެއް މެންބަރުން ފާހަގަ ކުރެއްވި 

މީކާއިލްގެ ބަސް - ބިލް ހުށަހެޅުއްވި މެންބަރު މީކާއިލް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވެސް ގޯތިތައް ކުރީ ސަރުކާރުން ނިންމާފައި އޮތް ގޮތަށް ދޭނޭކަން ރައީސް މުއިއްޒު ވައުދުވެ ވަޑައިގެން ކަމަށެވެ. އެހެން ނަމަވެސް އެ ވައުދާ އެއްގޮތަށް ކަންކަންނުކޮށް ކަންކަން ދިގު ދަންމަމުން ދާކަން މީކާއިލް ފާހަގަ ކުރައްވައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް