ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައި ހުރި ގޯތިތަކުގެ އިމުގެތެރޭ ހުރި ތާރުތައް ކެނޑުމުގެ މަސައްކަތް ކުރަނީ (ފައިލް ފޮޓޯ/އެޗްޑީސީ)

ގޯތިތަކުގެ ރަޖިސްޓްރީ ތިން މަސް ތެރޭ ދޭން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފި

ސަރުކާރުން އެންމެ ފަހުން މިދިޔަ މާޗް މަހު ބުނެފައިވާ ގޮތުން 9،000 ގޯތީގެ ތެރެއިން 700 ގޯތި އޮތީ ހަވާލުނުކޮށް

ކުރީ ސަރުކާރުން ގެޒެޓްކުރި ގޯތި ލިބޭ މީހުންގެ ލިސްޓާ އެއްގޮތަށް ވީހާވެސް އަވަހަކަށް ރަޖިސްޓްރީ ދޭން ލާޒިމްކުރާ ގޮތަށް އިދިކޮޅު އެމްޑީޕީން ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު، މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟- 'ބިންވެރިޔާ' ސްކީމްގެ ދަށުން މިދިޔަ ސަރުކާރުގައި ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތި ލިބުނު ފަރާތްތަކަށް ވަކި މުއްދަތެއްގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ދޭން ޖެހޭ ގޮތަށް، މި އިސްލާހު މިދިޔަ ޑިސެމްބަރު މަހު އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ މީކާއީލް ނަސީމް އެވެ.

މިއަދުގެ ޖަލްސާގައި ވަނީ، ކޮމިޓީ މަރުހަލާގައި އެ ބިލަށް ގެނައި އިސްލާހުތަކާ އެކު، ބިލު ފާސްކޮށްފަ އެވެ.

ތަފްސީލު - އެ ބިލު ފާސްވީ، 35 މެންބަރުގެ ވޯޓާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ވަކި މުއްދަތެއްގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ގާނޫނުގައި ކުރިއަކުން ނޯވެ އެވެ. މީކާއިލް އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހަ މަސް ތެރޭގައި ސަރުކާރުން ގޯތި ހަވާލުކުރަން ޖެހޭ ގޮތަށެވެ.  ނަމަވެސް ކޮމިޓީ މަރުހަލާގައި އެ މުއްދަތު ވަނީ ތިން މަސް ދުވަހަށް ބަދަލުކޮށްފަ އެވެ.

ބިލު މަޖިލީހުން ފާސްކުރި އިރު މިހާރު މާއްދާތައް ހުރި ގޮތް ކުރުކޮށް:

  • ގާނޫނަށް އަމަލުކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްގައި ޝާއިއުކުރުމަށް ފަހު، ހަވާލުކޮށްފައި ނުވާ ނަމަ، ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި އެ ގޯއްޗެއް ލިބުނު ފަރާތަކާ ގޯތި ހަވާލުކުރަން ވާނެ

  • ބަދަލު ދޭން ނުޖެހޭ ހާލަތުގައި ހުރި ބިންތަކުގެ ރަޖިސްޓްރީ ތިން މަސް ތެރޭ ހަވާލު ކުރަން ވާނެ

  • ބަދަލު ދޭން ޖެހޭ ހާލަތެއްގައި ހުރި ބިންތަކުގެ ރަޖިސްޓްރީ އެއް އަހަރު ތެރޭ ހަވާލުކުރަން ވާނެ

ގާނޫނަށް އަމަލުކުރަން އޮތީ، ބިލުގައިވާ ގޮތިން ރައީސް ބިލު ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. އަދި ގާނޫނަށް އަމަލުކުރާތާ ތިން މަސް ދުވަސް ތެރޭ އިސްލާހުތަކާ ގުޅޭ ގޮތުން އެކުލަވާލަން ޖެހޭ ނުވަތަ އިސްލާހުކޮށް ގެޒެޓްގައި ޝާއިއު ކުރަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކުރީ ސަރުކާރުގެ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް  އިއުލާންކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހު އެވެ. ވެރިކަން ބަދަލުވިއިރު ވެސް ބައެއް މީހުންނަށް އޮތީ ރަޖިސްޓްރީ ހަވާލު ނުކުރެވި އެވެ. ޖުމްލަ 9،000 ގޯތި ދިން އިރު، ހައުސިން މިނިސްޓްރީން މިދިޔަ މާޗް މަހު ބުނެފައިވާ ގޮތުން އެހާ ތަނަށް 8،300 މީހަކަށް ގޯތި ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން:

  • ހިއްކާފައިވާ ބިންތަކުން ގޯތި ލިބުނު މީހުންނަށް ހަވާލުކުރަނީ ގޯތީގެ ރަޖިސްޓްރީ

  • ނުހިއްކާ ބިންތަކުން ގޯތި ލިބުނު މީހުންނަށް ހަވާލުކުރަނީ ގޯތި ލިބުނު ކަމުގެ ލިޔުން؛ އެއީ ގާނޫނީ ގޮތުން ބިމުގެ ރަޖިސްޓްރީ ހެއްދޭނީ ބިން ހިއްކުމުން ކަމަށް ވާތީ

މާޗްގެ މެދާ ހަމައަށް އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެކި ސަބަބުތަކާ ހުރެ 700 ގޯތި އޮތީ ހަވާލު ނުކުރެވި އެވެ.

ކޮމެންޓް (2)

profile-image-placeholder

ާަާާވާނުވާ

29 އޭޕްރީލު 2024
ރެޖިސްޱަރީތަ ނޫނީ ބިން ހަވާލު ކުރާ ގޮތައް ބަަާ މިޔަދު ފާސް ކުރީ؟

ޅޮލި

29 އޭޕްރީލު 2024
ނުވާނެ ތިކަމެއް ގެޔަށް ކަނޑާލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް