ފަތުހު ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދު ދީދީ.
6.7 މިލިއަން ދައްކަން ޖެހޭނީ ފަތުހު ގްރޫޕާއި އެމްޑީ، އެހެން ޑިރެކްޓަރުން ޒިންމާވާކަށް ނުޖެހޭނެ: ސުޕްރީމް ކޯޓު
ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން ފައިސާ ނެގި 121 މީހަކު ހައްޖަށް ގެންގޮސްދޭން ދައުލަތުން ހަރަދުކުރަން ޖެހުނު 6.7 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭނީ ފަތުހު ގްރޫޕާއި އެ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) މުސްތަފާ މުހައްމަދު ދީދީ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
މައްސަލައިގެ ފެށުން - ފަތުހު ގްރޫޕުން 2014ގައި ގިނަ ބަޔަކު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އެ މީހުންގެ އަތުން ފައިސާ ނެގި އެވެ. ނަމަވެސް ހައްޖަށް މީހުން ފުރަން ތިން ދުވަހަށް ވީ އިރު ވެސް އެއްވެސް އިންތިޒާމެއް ހަމަނުޖެހި އެންމެ ފަހުން އެދުނީ އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމަށެވެ.
ފަތުހު ގްރޫޕުން ފައިސާ ނެގި މީހުންގެ ތެރެއިން 121 މީހަކު ހައްޖަށް ފޮނުވަން ދައުލަތުން އެ އަހަރު 6.7 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އެ މީހުންގެ ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމާ އަދި އެ ނޫން ވެސް އިންތިޒާމުތައް ހަމަޖެއްސުމުގެ ހަރަދުތަކެވެ.
އޭގެ ފަހުން:
-
ދައުލަތުން އެ ހަރަދުކުރީ ފަތުހު ގްރޫޕުން އަނބުރާ ދައްކާ ގޮތަށް
-
ކުންފުނިން ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި އެމްޑީ މުސްތަފާ އަމިއްލަ ހައިސިއްޔަތުން އެ ފައިސާއަށް ޖާމިނުވި
-
އޭނާގެ ހުރިހާ މުދަލެއް ވިއްކައިގެން އެ ފައިސާ ދައްކާ ހަލާސްކުރާނެކަމުގެ ޔަގީންކަން ދިން
-
އެއްބަސްވި ގޮތަށް ފަތުހު ގްރޫޕުން ފައިސާ ނުދެއްކި
-
އެ ފައިސާ ދެއްކުމަށް އިސްލާމިކް މިނިސްޓްރީން ތަކުރާރުކޮށް އެންގުމުން ވެސް ފައިސާ ނުދެއްކުމުން ސިވިލް ކޯޓުގައި ދައުލަތުން ދައުވާ އުފުލި
-
ދައުލަތުން ދައުވާ އުފުލީ ފަތުހު ގްރޫޕާއި އެ ގްރޫޕުގެ ޑިރެކްޓަރުންގެ މައްޗަށެވެ.
ސިވިލް ކޯޓުގެ ބަސް - އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރީ އެ ފައިސާއަށް ފަތުހު ގްރޫޕުގެ ޑިރެކްޓަރުންނާއި ހިއްސާދާރުން ފަރުދީ ގޮތުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، ފަތުހު ގްރޫޕުން 4.9 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން އެންގި އެވެ.
ސިވިލް ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.
ހައި ކޯޓުގެ ބަސް - ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މައްސަލަ ނިންމީ ދައުލަތުން އެދުނު ގޮތަށެވެ. ހައި ކޯޓުގެ ހުކުމްގައި ބުނީ:
-
ފަތުހު ގްރޫޕުގެ ޑިރެކްޓަރުންނާއި ހިއްސާދާރުން އެ ފައިސާއަށް ފަރުދީ ގޮތުން ޒިންމާވާން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް
-
ފަތުހު ގްރޫޕުން މީހުންގެ އަތުން ފައިސާ ނެގީ އެ ކުންފުނި ބަނގުރޫޓުވެފައިވާކަން އެނގި ތިބެ ކަމަށް
-
އުސޫލުތަކާ ހިލާފަށް ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އޮޅުވާލުމާ އެކު، ކުންފުނީގެ މުދާ ނަހަމަ ގޮތުގައި ބޭނުން ހިފާފައިވާ ކަމަށް
-
ކުންފުނީގެ ގާނޫނީ ޝަހުސިއްޔަތުގެ ފަރުދާ ނަގަން ޖެހޭ ކަމަށް
ނަމަވެސް، ހައި ކޯޓުގެ އެ ނިންމުން ފަތުހު ގްރޫޕާއި އެ ގްރޫޕުގެ އެމްޑީ އާއި ޑިރެކްޓަރުންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ.
ސުޕްރީމް ކޯޓުގެ ބަސް - އެ މައްސަލަ ބަލައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ ފަތުހު ގްރޫޕުގެ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ގޮތުގައި ހައި ކޯޓުން ކަނޑައެޅި 6.7 މިލިއަން ރުފިޔާގެ އަދަދު ރަނގަޅު ކަމަށެވެ. ނަމަވެސް، އެ ފައިސާއަށް ކުންފުނީގެ ޑައިރެކްޓަރުންނާއި ހިއްސާދާރުން ފަރުދީ ގޮތުން ޒިންމާވާން ޖެހޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅި ބައި ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލްކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ފާހަގަކުރި ނުކުތާތައް:
-
ދައުލަތަށް ފައިސާ ދައްކަން އެއްބަސްވީ ފަތުހު ގްރޫޕުންކަން
-
ފަތުހު ގްރޫޕަށް ފައިސާ ނުދެއްކިއްޖެ ނަމަ ފައިސާ ދައްކާނެ ކަމަށް ބުނެ ކުންފުނީގެ އެމްޑީ ޖާމިނުވެފައި ވާކަން
-
ފައިސާ ނުދައްކައިފި ނަމަ އެމްޑީގެ ހުރިހާ މުދަލެއް ވިއްކައިގެން ފައިސާ ހޯދުމުގެ އިހްތިޔާރު ދައުލަތަށް އޭނާ ދީފައިވާކަން
ސުޕްރީމް ކޯޓުން ބުނީ ފަތުހު ގްރޫޕުން އެއްބަސްވި ގޮތަށް ފައިސާ ނުދެއްކުމަކީ އެއްބަސްވުމާ ހިލާފުވުން ކަމަށެވެ. އަދި ކުންފުނީގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރިކަން އެނގޭނެ ހަރުދަނާ ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
އެހެންކަމުން، އެ ފައިސާ އަކީ ފަތުހު ގްރޫޕާއި އެ ގްރޫޕުގެ އެމްޑީ މުސްތަފާ މުހައްމަދު ދީދީ އެކުއެކީ އަދި ވަކިވަކިން ޒިންމާ އުފުލައި ދައުލަތަށް ދައްކަން ޖެހޭ ދަރަންޏެއް ކަމަށް، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުން ކަމަށްވާ މުހައްމަދު އިބްރާހިމް، ހުސްނުއްސުއޫދު އަދި އަލީ ރަޝީދު ހުސައިން އިއްތިފާގުވެވަޑައިގަތެވެ.
"ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ އުފުލަން ޖެހޭ ހާލަތެއް މި މުއާމަލާތުގައި އުފަންވެފައި ނުވޭ،" ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.
އެހެންކަމުން، ހަ މަސްދުވަހުގެ ތެރޭގައި އެ މަހަކަށް ޖެހޭވަރު ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަން ފަތުހު ގްރޫޕާއި މުސްތަފާ މުހައްމަދުދީދީގެ މައްޗަށް އަމުރުކޮށް ސުޕްރީމް ކޯޓުން ވަނީ މައްސަލަ ނިންމައިފަ އެވެ.