އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއެއް (ދައުރު ފައިލް ފޮޓޯ)

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމުމުން ރާއްޖެއަށް ސަމާލުކަން

ދިވެހި ސަރުކާރުގެ ނިންމުމާ އެކު، އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ ރާއްޖޭގައި ތިބި އެ ގައުމުގެ މީހުން ރާއްޖޭން ފޭބުމަށް އިލްތިމާސްކޮށްފައި

އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމާ އެކު ރާއްޖެއަށް ބޭރުގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަން ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ -  ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލްއާންމު ކުށްވެރިކޮށް ރާއްޖޭގައި އާންމުން އަޑުއުފުލައި އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރަން އަޑުއުފުލާތާ އެތައް މަހެއް ވެފައި ވަނިކޮށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމީ އިޒްރޭލް މީހުން އައުން މަނާކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށެވެ.

އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ފޮޓޯ/ ނަވިން ސައީދު)

ތަފްސީލް - ރާއްޖޭން އިއްޔެ ނިންމި ނިންމުމާ އެކު. ބޭރުގެ ބޮޑެތި މީޑިއާތަކުން ވަނީ ދިވެހި ސަރުކާރުގެ ނިންމުމުގެ ވާހަކަ ރިޕޯޓުކޮށްފަ އެވެ.

އޭގެ ތެރޭގައި އޭޕީ އާއި ސީއެންއެންް އަދި އަލް-ޖަޒީރާ ފަދަ ބޮޑެތި މީޑިއާތައް ހިމެނެ އެވެ.

ރާއްޖޭން ނިންމި ނިންމުމަށް ތައުރީފުކޮށް ބޭރުގެ މީހުން ކޮށްފައިވާ ބައެއް ކޮމެންޓުތައް

ފަލަސްތީނުގެ ހަބަރުތަކާއި މަންޒަރުތައް އިންސްޓަގްރާމުގައި ގެނެސްދޭ ލޭންޑް ފަލަސްތީނުގައި، ރާއްޖޭގެ ނިންމުމުގެ ހަބަރު ޕޯސްޓުކުރުމާ އެކު ގިނަ ބަޔަކު ވަނީ ރާއްޖޭގެ ނިންމުމަށް ތައުރީފުކޮށްފަ އެވެ.

ރާއްޖެ ފަދަ ކުޑަ ގައުމަކުން އެޅީ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި އެއީ ވަރަށް ބިރު ކުޑަ ނިންމުމެއްގެ ގޮތުގައި ބައެއް މީހުން ވަނީ ސިފަކޮށްފަ އެވެ.

ރާއްޖެއިން ނިންމި ނިންމުމާ އެކު ރާއްޖެއަށް ޗުއްޓީއަށް އަންނަން ނިންމާފައި އޮތް ދަތުރު އަވަސްކޮށް އަވަހަށް ރާއްޖެ ޒިޔާރަތް ކުރަން ބޭނުންވާ ކަމަށް ބުނެ ވެސް ބައެއް މީހުން އެ ޕޯސްޓަށް ކޮމެންޓުކޮށްފައި ހުއްޓެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ބަދަލު ގެންނަން ނިންމައި އެކަމަށްޓަކާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ކޮމެޓީއެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ:

  • ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން

  • އެޓާނީ ޖެނެރަލް މުހައްމަދު އުޝާމް

  • ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

  • އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު

  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މީގެ އިތުރުން:

  • ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީވުމަށް ރާއްޖޭގައި ފަންޑު ރެއިޒިން ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައި

  • ފަލަސްތީނާ އެކު ދިވެހިންގެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށް ނިންމާފައިވޭ

  • ރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އިސްލާމީ ގައުމުތަކާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ވެސް އިއްޔެ ނިންމި

ފާހަގަ ކުރެވޭ ކަމެއް - ސަރުކާރުގެ ނިންމުމާ އެކު، އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ ރާއްޖޭގައި ތިބި އެ ގައުމުގެ މީހުން ރާއްޖޭން ފޭބުމަށް އިލްތިމާސްކޮށްފަ އެވެ. އިޒްރޭލު ފޮރިން މިނިސްޓްރީން ބުނީ، ހާލަތު ގޯސްވެއްޖެ ނަމަ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވެދާނެ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި 1.8 މިލިއަން ފަތުރުވެރިންގެ ތެރޭގައި އިޒްރޭލުގެ 11،000 އެއްހާ ފަތުރުވެރިން ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް