ސައިރިކްސް ކޮލެޖުގެ ޖެނުއަރީ އިންޓޭކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮލެޖުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ސައިރިކްސް ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް ހުޅުވާލައިފި؛ އާ މާސްޓާސް ކޯސްތަކެއް
މާސްޓާޒް ޑިގްރީގެ މުޅިން އާ ޕްރޮގްރާމްތަކަކާ އެކު ސައިރިކްސް ކޮލެޖުން އަންނަ ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމުގެ ހިދުމަތްތައް ފޯރުކޮށްދޭ އެއް ކޮލެޖުން ހުޅުވާލާފައިވާ ކޯސްތަކުގެ މައިގަނޑު ދާއިރާތަކަކީ:
-
އިންފޮމޭޝަން ޓެކްނޮލަޖީ
-
ބިޒްނަސް
-
ޓީޗިން
-
ސައިކޮލޮޖީ
މި ކޯސްތަކަށް އޮންލައިންކޮށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. އަދި އެ ކޮލެޖުގެ މައްޗަންގޮޅި ކެމްޕަސް އަދި ގަލޮޅު ކެމްޕަހުން ވެސް އެޕްލިކޭޝަން ބަލައިގަންނާނެ އެވެ.
ބުނީ ކީކޭ؟ - ކޯސްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮލެޖުގެ ސީނިއާ ވައިސް ރެކްޓާ ޑރ. އިބްރާހިމް ވަހީދު ވިދާޅުވީ، ޖެނުއަރީ މަހު ސައިރިކްސް ކޮލެޖުން މާސްޓާސް ޑިގްރީގެ އާ ދެ ކޯހެއް ފަށާނެ ކަމަށެވެ.
އަންނަ އަހަރު އަލަށް ފަށާ، ސައިރިކްސް ކޮލެޖުގެ އަމިއްލަ ދެ މާސްޓާސް ޕްރޮގްރާމަކީ:
-
މާސްޓާސް އޮފް އެޑިއުކޭޝަން ލީޑާޝިޕް އެންޑް މެނޭޖުމެންޓު
-
މާސްޓާސް އޮފް އެޑިއުކޭޝަން އިނޮވޭޝަން އެންޑް ޓެކްނޮލަޖީ
އޭގެ އިތުރުން، މެލޭޝިއާގެ އެމްއެސްޔޫއާ ގުޅިގެން ސައިރިކްސް އިން އަލަށް ފަށާ މާސްޓާސް ޕްރޮގްރާމުތަކަކީ:
-
ރިސާޗް މާސްޓާސް އިން ކޮމްޕިއުޓާ ސައިންސް
-
ރިސާޗް މާސްޓާސް އިން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން
މިހާރު ވެސް މެލޭޝިއާގެ އެމްއެސްޔޫއާ ގުޅިގެން އެ ކޮލެޖުގައި ކުރިއަށް ގެންދާ މާސްޓާސް ޑިގްރީ ޕްރޮގްރާމުތަކާއި ބެޗެލާސް ޑިގްރީ އަދި ޑިޕްލޮމާ އާއި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ޖެނުއަރީ އިންޓޭކުގައި ވެސް ފަށާނެ ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބެޗެލާސް ޑިގްރީ އަދި މާސްޓާސް ޑިގްރީ ޕްރޮގްރާމުތަކަކީ ވެސް ވަކިވަކި ދާއިރާތަކުން ސްޕެޝަލައިޒް ވެވޭ ޕްރޮގްރާމުތައް،" އޭނާ ވިދާޅުވި އެވެ.
ސައިރިކްސްގެ ވައިސް ރެކްޓާ، އެކެޑެމިކް ޑިވެލޮޕްމެންޓު އަބްދުﷲ ނާޒިމް ވިދާޅުވީ ސައިރިކްސް އިން އަބަދު ވެސް އެންމެ އިސްކަން ދެނީ ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާ ކުރުމަށް ކޯސްތައް ހިންގުމަށް ކަމަށެވެ. އެގޮތުން، ތައުލީމީ ދާއިރާ އިން މާސްޓާސް ފެންވަރުގެ އާ ތިން ކޯހެއް ފަށާ އިރު އެ ދާއިރާ އިން ކިޔަވައިގެން ތިބި ގާބިލް މީހުން ބޭނުންވާކަން ސަރުކާރުން ވެސް ފާހަގަކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކުރިއަށް އޮތް އަހަރަކީ ތައުލީމީ ދާއިރާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލުމަށް އަޅުގަނޑުމެންގެ މެނޭޖުމެންޓުން ނިންމަވާފައިވާ އަހަރެއް. އެއީ ތައުލީމީ ދާއިރާގައި ޓީޗަރުން މަދު ވާހަކަ އާއި ޓީޗަރުން ބޭނުންވާ ވާހަކަ އަކީ ވަރަށް ހޫނުކޮށް ދައްކާ ވާހަކަ އެއް،" ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޓީޗިންގެ ޑިގްރީ ލެވެލްގެ ޕްރޮގްރާމެއް ފަށަން ވެސް އެ ކޮލެޖުން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ސައިރިކްސް ކޮލެޖުގައި ތައުލީމީ ދާއިރާ އާއި އިންފޮމޭޝަން ޓެކްނޮލަޖީގެ އިތުރުން ސައިކޮލަޖީގެ ދާއިރާ އާއި މަލްޓިމީޑިއާ ދާއިރާގެ ކޯސްތައް ހިންގަ އެވެ.