މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމުގައި އެ މައްސަލައިގައި ޖާމިނުވި އަސްހަދު އަލީ ވާހަކަދައްކަވަނީ.
އަލީ ވަހީދު ކޯޓަށް ހާޒިރުކުރަން އަސްހަދަށް 3 ދުވަސް؛ ނުކޮށްފި ނަމަ ފިޔަވަޅު އަޅަނީ
ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ފުރައިގެން ދިއުމުން އޭނާ ކޯޓަށް ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަންދީ އެކަމަށް ޖާމިނުވި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ތިން ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތުގައި އަލީ ވަހީދު ކޯޓަށް ހާޒިރުކޮށް ނުދީފި ނަމަ ފިޔަވަޅު އަޅާނެކަން އަންގައިފި އެވެ.
ވީ ކިހިނެއް؟ - އަލީ ވަހީދާއި އިތުރު މީހަކު ބައިވެރިވެގެން ޓޫރިޒަމް މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނަށް އެކި ފަހަރުމަތިން ޖިންސީ އަނިޔާކޮށް ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކްރިމިނަލް ކޯޓުން އަލީ ވަހީދު ފުރުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮށް ސިއްހީ ކަންތައްތަކާ ގުޅިގެން އެ އަމުރު ނިމުމަކަށް ގެނެސް، ހަތަރު މަސްދުވަހަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިނީ މިދިޔަ ފެބުރުއަރީގަ އެވެ.
އެ އަމުރު ނެރެދިނީ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަންދީ، އަސްހަދު ޖާމިނުވުމުންނެވެ. ނަމަވެސް އަލީ ވަހީދު ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވެ، އެއްވެސް ޝަރީއަތަކަށް އޭނާ ހާޒިރުވެފައެއް ނުވެ އެވެ. ޖާމިނުވި މީހާގެ ހައިސިއްޔަތުން އަސްހަދަށް ވެސް ފިޔަވަޅު އެޅެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމި އެވެ.
ތަފްސީލް - ނަމަވެސް މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ އަލީ ވަހީދުގެ ފަރުވާއަށް މިހާރު އެކަށީގެންވާ މުއްދަތެއް ދެވިފައިވާ ކަމަށާއި ކޯޓަށް ހާޒިރުވާން ކުރި އަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށެވެ.
އެހެންކަމުން، އޭނާ ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށް އިގުރާރުވި އަސްހަދު އޭނާގެ އިގުރާރާ ހިލާފުވެފައިވާކަމަށް ކޯޓުން ކަނޑައެޅި އެވެ. މިއަދު ޝަރީއަތް ކުރިއަށް ގެންދިޔައީ އަސްހަދު ވެސް ކޯޓަށް ހާޒިރުކޮށްގެންނެވެ.
ގާޒީގެ ބަސް - ގާޒީ ހަސަން ސައީދު މިއަދު ވަނީ އަލީ ވަހީދު ކޯޓުގެ އަމުރުތަކަށް ތަބާނުވެ ކޯޓުގެ ހުރުމަތް ކެނޑުމުން ވެސް ރާއްޖޭގެ ކޯޓުތަކަށް އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި، އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ، ކުޑަކަކޫ ޖަހައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނި ބުނުމަށް ތާއީދު ކުރައްވައިފަ އެވެ. ގާޒީ ވިދާޅުވީ ދެން އަލީ ވަހީދު ކޯޓަށް ހާޒިރުކުރާނީ ފުލުހުންގެ ބެލުމުގެ ދަށުން ބަންދުކޮށްގެން ކަމަށެވެ.
ހަމައެއާ އެކު، އަލީ ވަހީދަށް ޖާމިނުވީ އަސްހަދު އަލީއާ މެދު ފިޔަވަޅު އެޅުމަކީ ވެސް ގާނޫނީ ވެރިކަން ނަގަހައްޓައި ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރަން ކޮންމެހެން މުހިންމު ކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.
"މިވަގުތުން ފެށިގެން 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު މި ކޯޓަށް ހާޒިރުނުކޮށްދީފި ނަމަ އަސްހަދު އަލީއާ މެދު، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަން ޝަރީއަތުން ނިންމަން." ގާޒީ ވިދާޅުވި އެވެ.
އަސްހަދުގެ ދިފާއު - ގާޒީ ވަނީ އެ ނިންމުން ސާފުވިތޯ އަސްހަދާ ސުވާލުކޮށް، ވާހަކަދައްކަން ފުރުސަތު ދެއްވައިފަ އެވެ. އަސްހަދު ވިދާޅުވީ އޭނާއަށް ގާޒީ ދެއްކެވި ވާހަކަ ސާފުވެއްޖެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ހަތަރު މަސް ދުވަސް ފާއިތުވުމަށް ފަހު އަލީ ވަހީދު ވަނީ މި ކޯޓަށް ހާޒިރުވެފައި. އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގައި،" އަސްހަދު ވިދާޅުވި އެވެ.
އަސްހަދު ވިދާޅުވީ ދެން މައްސަލައިގައި އެއްޗެއް ބުނަން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާއެކުގައި ކަމަށެވެ.
ގާޒީ ހަސަން ސައީދު: "ގަބޫލުކުރައްވަންތޯ އިގުރާރުވި އިގުރާރާ ހިލާފުވެފައިވާ ކަމަށް؟ ތިބޭފުޅާގެ ބަހަށް އިތުބާރުކޮށްފައި ކޯޓުން އޭނާ ފުރުމުގެ ހުއްދަ ދީފައި ވަނީ."
އަސްހަދު އަލީ: "އަޅުގަނޑު ކޯޓަށް ހާޒިރުކޮށްދިނީމެއް ނޫންތޯ އަލީ ވަހީދު"
ގާޒީ ހަސަން ސައީދު: "ކޯޓަކަށް ހާޒިރުކޮށްނުދޭ. އޮންލައިންކޮށް ބޭއްވި ޝަރީއަތް އެއީ ކޯޓަށް ހާޒިރުވުން ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ޝަރީއަތަށް ބަލައިނުގަނެވެ އިނގޭތޯ. އަދި އޭގެ ފަހުން ކޯޓުގެ އިދާރީ މޭޒަށް ވެސް ވެސް ހާޒިރުކުރެވިފައިވާނެ."
އަސްހަދު: "އަޅުގަނޑު ޖާމިނުވީ ހަތަރު މަސް ދުވަސް ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭން. ހަތަރު މަސް ދުވަހުގެ ތެރޭގައި އަޅުގަނޑު އަލީ ވަޙިދު ކޯޓަށް ހާޒިރުކޮށްދިނިން އޮންލައިންކޮށް."
ގާޒީ ހަސަން ސައީދު: "72 ގަޑިއރު ތެރޭ އޭނާ ކޯޓަށް ހާޒިރުނުކޮށްފި ނަމަ ފިޔަވަޅު އަޅާނެކަން އަންގަން. އިށީންނަވާ."
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ފަރަހަނާޒް މުހައްމަދު ވިދާޅުވީ، އަލީ ވަހީދު ރާއްޖެއަށް އަނބުރާ ގެންނާނެކަމަށް ވީ އިގުރާރާ އަސްހަދު ހިލާފުވެފައިވާތީ، އަސްހަދު އަލީއަށް ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށެވެ.
ގާޒީ ވިދާޅުވީ ފިޔަވަޅު އަޅާނެކަން އަންގައި މިއަދު އަސްހަދު ލައްވައި ބަޔާނެއްގައި ސޮއިކުރުވާނެ ކަމަށެވެ. ސޮއިކުރުމަށް ވަކީލެއްގެ އެހީތެރިކަން ހޯދޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ޖާމިނުވާ މީހާގެ އިގުރާރު:
-
ބަންދުގައި ހުރި މީހާ ބަންދުން ދޫކޮށްލާފައި ހުންނައިރު އޭނާ ކުށެއް ކުރިޔަނުދީ ބަލަހައްޓާނެކަން
-
އޭނާއާ މެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަހުގީގަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާއިން އަންގާ ތަންތަނަށް އޭނާ ހާޒިރުކުރާނެކަން
-
ޝަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް އޭނާ ކޯޓަށް ހާޒިރުކުރާނެކަން
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރަން، ބަންދުގައި ހުރި މީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިގުރާރާ ހިލާފުވުމަކީ ކުށެއް ކަމަށެވެ. ބަންދުން ދޫކޮށްލި މީހާ ފިލައިފި ނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެ ނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި، ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ. އެގޮތުން:-
-
ޖާމިނުވި މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލުން
-
ދެ އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން
-
ފަނަރަ ހާސް ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން
-
ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން
ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކޮށްފައިވަނިކޮށް، ޖާމިނުވި މީހާ އިގްރާރާ ހިލާފުވެއްޖެ ނަމަ، ނުވަތަ ބަންދުން ދޫކުރި މީހާ ފިލައިފި ނަމަ، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެން ޖެހެ އެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ.
އިތުރަށް ކިޔާލަން -