ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

ގދ. ތިނަދޫ

ތިނަދޫގައި އެއާޕޯޓު އަޅަން ޕޭން ޕެސިފިކްގެ ޕްރޮޕޯޒަލް ލިބިއްޖެ

ސަރުކާރުން ވަނީ ތިނަދޫ އާއި ވިލިނގިލީގައި އެއާޕޯޓު އެޅުމާ ބެހޭގޮތުން ބޭރުގެ ދެ ކުންފުންޏަކާ އެކު ސަރުކާރުން ވަނީ އެމްއޯޔޫތަކުގައި ސޮއިކޮށްފައި

ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ތައިލެންޑުގެ ކުންފުނި ޕޭން ޕެސިފިކް އިން ޕްރޮޕޯޒަލް ހުށަހަޅައިފި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އޭނާ މިހެން ވިދާޅުވީ، މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި 'ދައުރު'އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެނގުން މުހިއްމު - ރައީސް މުހައްމަދު މުއިއްޒު، ވަޒީރުންނާ އެކު ފެބްރުއަރީ މަހު ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި، ގދ. ތިނަދޫ އާއި ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓު އެޅުމާ ބެހޭ އެމްއޯޔޫތަކެއްގައި ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން:

  • ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓު އެޅުމުގެ އެމްއޯޔޫގައި ސޮއިކުރީ ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ ޕޭން ޕެސިފިކްއާ

  • ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓަކާ އެކު ފަތުރުވެރިކަމަށް ރަށްތަކެއް ތަރައްގީ ކުރުމުގެ އެމްއޯޔޫގައި ސޮއިކުރީ ބެލްޖިއަމްގެ އެންވީ ބީސިކްސް އެސްއޭ އާ އެކު

ބުނީ ކީކޭ؟ - ސޮއި ކުރެވުނު އެމްއޯޔޫތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރަން އެދުމުން މުއްތޮލިބު ވަނީ، އެކަމާ ބެހޭ ތަފްސީލް ދެއްވާފަ އެވެ.

"އެމްއޯޔޫ ސޮއި ކުރާ މައިގަނޑު ބޭނުމަކީ، އެއްވެސް ބަޔަކު، އިންވެސްޓަރެއް ނުވަތަ ކޮންޓްރެކްޓަރެއް އަންނަ އިރަކު އެބޭފުޅުންނަށް ހަގީގަތުގައި ނޭނގޭނެ މުޅިއެކު ކޯސްޓިން ހަދާލަން. އެހާ ފަސޭހައެއް ނުވާނެ މިހެން ބަލާލާފައި،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ އެހީތެރިކަމާއެކު މައުލޫމާތު ހޯދައިގެން އެބޭފުޅުން މުޅި ޕްރޮޕޯޒަލް ތައްޔާރު ކުރަނީ. ޕްރޮޕޯޒަލް ތައްޔާރު ކުރުމަށްޓަކައި [އެމްއޯޔޫގެ ދަށުން] އަޅުގަނޑުމެން އެހީތެރިވަނީ."

މުއްތޮލިބު ވިދާޅުވީ، މިހާރު އޭގެ ތެރެއިން އެއް އެމްއޯޔޫގެ ދަށުން ޕްރޮޕޯޒަލްއަކާ ހަމައަށް ވާސިލްވެވިފައިވާ ކަމަށެވެ.

"މިހާރު އޭގެ ތެރެއިން ތިނަދޫ މަޝްރޫއުގެ ޕްރޮޕޯޒަލް އިންވެސްޓް މޯލްޑިވްސްއަށް ސަބްމިޓް ކޮށްފައި އޮތްކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ،" މުއްތޮލިބު ވިދާޅުވި އެވެ.

އެނގުން މުހިއްމު - އެ މަޝްރޫއަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ޕޭން ޕެސިފިކް ކުންފުންޏަކީ، އެފަދަ ބިޔަ މަޝްރޫއަކާ ހަވާލުވުމުގެ ގާބިލުކަން ނެތް 'ޕޭޕަރު ކުންފުންޏެއް' ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެމްއޯޔޫގައި ސޮއިކުރުމާ އެކު ވެސް ސަރުކާރަށް ފާޑުކިޔާފަ އެވެ.

ހޯލްސޭލްކޮށް އަންނައުނު ވިއްކާ ކުންފުންޏެއްގެ ގޮތުގައި ތައިލެންޑުގައި ރަޖިސްޓާ ކޮށްފައިވާ ޕޭން ޕެސިފިކް އަކީ ފައިދާ ވެސް ނުވާ ކުންފުންޏެއް ކަމާއި، އެ ކުންފުނިން މިހާތަނަށް އުމްރާނީ ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާކަން ވެސް ބައެއް ނޫސްތަކުން ވަނީ ފަޅާއަރުވާލާފަ އެވެ. މި ކުންފުންޏަކީ، ސިންގަޕޫރުގެ ބޮޑު ކުންފުންޏެއް ކަމަށްވާ ޕޭން ޕެސިފިކް ހޮޓެލްސް ގްރޫޕްއާ އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ވެސް ނޫނެވެ.

އެ ފާޑުކިޔުންތަކުގެ ރައްދެއްގެ ގޮތުގައި ސަރުކާރުން އޭރު ބުނެފައިވަނީ، އެމްއޯޔޫގައި ސޮއި ކުރީ ޕްރޮޕޯޒަލްއަކާ ބެހޭގޮތުން މަޝްވަރާ ކުރަން އެކަނި ކަމަށާއި، އިޖުރާއަތްތައް ފުރިހަމަކޮށް ބަލަންޖެހޭ ކަންކަން ބަލާފައި ނޫނީ މަޝްރޫއު ހަވާލު ނުކުރާނެ ކަމަށެވެ. ނަމަވެސް، ސަރުކާރުން އެމްއޯޔޫގައި ސޮއި ކުރި އިރު ފުރަތަމަ ބުނެފައިވަނީ، އެއީ ތިނަދޫގައި އެއާޕޯޓެއް އަޅަން ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.

ފާހަގަކޮށްލެވޭ - ތިނަދޫގެ އިތުރުން އެމްއޯޔޫގައި ސޮއިކޮށްފައިވާ ވިލިނގިލީގެ މަޝްރޫއާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މުއްތޮލިބު ވިދާޅުވީ:

  • ގއ. ވިލިނގިލީގެ މަޝްރޫއުގެ މުއްދަތު އިތުރުކުރަން ބެލްޖިއަމް ކުންފުނިން ވަނީ އެދިފައި؛ އެ ޓައިމްލައިން ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދޭ

  • އެ ބޭފުޅުން އިތުރު ވަގުތު ބޭނުންވަނީ އެ ތަނުގެ ކޮންސެޕްޓް ޑިޒައިން އާއި ކޯސްޓިން ހަދާ ސަރުކާރަށް ފުރިހަމަ ޕްރޮޕޯޒަލް ހުށަހަޅަން

  • ޕްރޮޕޯޒަލް ހުށަހެޅުމުން ބަލަންޖެހޭ ކަންކަން ބަލާފައި ސަރުކާރަށް ފައިދާހުރި ޓާމްސް ތަކެއްގައި ހުރި ނަމަ، މަޝްރޫއު ކުރިއަށް ގެންދާނެ

ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާ ގޮތުގެ އަޕްޑޭޓެއް ވެސް މުއްތޮލިބު ދެއްވި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސޮއިކޮށްފައިވާ މި މަޝްރޫއު ލަސްވާ ސަބަބާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ:

  • އެ މަސައްކަތަށް ބޭނުންކުރަނީ ހޮޕާ ޑްރެޖަރެއް؛ ރާއްޖޭގައި އެފަދަ ޑްރެޖަރަކަށް އޮތީ މަހާޖައްރާފު އެކަނި

  • މަހާޖައްރާފު މިވަގުތު ދަނީ ނ. މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއަށް ބިން ހިއްކަން 

  • ނަމަވެސް، މަހާޖައްރާފް ލިބޭ ވަރަކުން ޝެޑިއުލްގެ ތެރެއިން ބިން ހިއްކުނެ ކުރިއަށް ގެންދާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް