ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގައި ޓެކްސީއެއް މަޑުކޮށްލައިގެން: ސަރުކާރުން ފުރަތަމަ ފަހަރަށް މިއަދު ވަނީ ޑޮމެސްޓިކް ޓާމިނަލަށް ދަތުރުކުރާ އަގު ކަނޑައަޅާފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓެކްސީ

ޑޮމެސްޓިކް ޓާމިނަލަށް އިތުރު 10ރ. އާއި އިތުރުވާ ލަގެޖަށް ފައިސާ ނަގާ ގޮތަށް ޓެކްސީގެ އަގުތައް ކަނޑައަޅައިފި

7-10 ސީޓު ހުންނަ ވޭން ޓެކްސީގެ އަގުތައް ފުރަތަމަ ފަހަރަށް ވަނީ ކަނޑައަޅާފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލްއަށް ކުރާ ޓެކްސީ ދަތުރުތަކަށް އިތުރު 10ރ. ނެގޭ ގޮތަަށް ހަދައި ތިން ލަގެޖަށް ވުރެ އިތުރަށް ޓެކްސީއަކަށް އަރުވާ ނަމަ އިތުރަށް ފައިސާ ނަގާ ގޮތަށް މާލެ ސަރަހައްދުގެ ޓެކްސީގެ އަގުތައް ޓްރާސްޕޯޓު މިނިސްޓްރީން މިއަދު އަލުން އިއުލާންކޮށްފި އެވެ.

އަދި މީގެ ކުރިން ކަނޑައަޅާފައި ނުވާ 7-10 ސީޓު ހުންނަ ވޭން ޓެކްސީގެ އަގުތައް ވަނީ ފުރަތަމަ ފަހަރަށް ކަނޑައަޅައިފަ އެވެ.

ޓްރާސްޕޯޓު މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން އާ އަގުތަކަށް އަމަލުކުރާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ފަސްމަންޒަރު - މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ވީއައިއޭގެ ޑޮމޮސްޓިކް ޓާމިނަލަށް ޓެކްސީތަކަށް މަޑުކުރެވޭ ގޮތް ހެދި ނަމަވެސް، މިނިސްޓްރީން އޮތީ އެފަދަ ދަތުރުތަކަށް އަގެއް ކަނޑަނާޅަ އެވެ. އެހެންވެ ޑްރައިވަރުން އެ ސަރަހައްދަށް މަޑު ކުރަނީ އެ މީހުން ބޭނުންވާ އަގަކަށެވެ.

ތަފްސީލު - މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައިވާ ގޮތުން:

  • ހަ ސީޓު ހުންނަ ކާރުތަކަަށް ޑޮމެސްޓިކް ޓާމިނަލަށް ދިޔުމަށް އިތުރަށް ނެގޭނީ 10ރ. 

  • 7-10 ސީޓު ހުންނަ ވޭންތަކަށް ޑޮމެސްޓިކް ޓާމިނަލަށް ދިޔުމަށް އިތުރަށް ނެގޭނީ 15ރ.

ޓެކްސީތަކަށް އަރުވާ ލަގެޖަށް ފައިސާ ނެގުމަކީ މީގެ ކުރިން މަނާ ކަމެކެވެ. ނަމަވެސް އިއުލާންގައިވާ ގޮތުން ތިން ލަގެޖަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް 5ރ. ނެގޭނެ އެވެ.

މިނިސްޓްރީން ވޭން ޓެކްސީއަށް ކަނޑައެޅި އަގުތައް:

  • މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2ގެ އެތެރޭގެ ދަތުރުތައް: 45ރ.

  • މާލެ - ހުޅުމާލެ ފޭސް 1: 130ރ.

  • މާލެ - ހުޅުމާލެ ފޭސް 2: 155ރ.

  • މާލެ-ހުޅުލެ: 110ރ. 

  • ހުޅުލެ - ހުޅުމާލެ ފޭސް 1: 110ރ. 

  • ހުޅުލެ - ހުޅުމާލެ ފޭސް 2: 125ރ. 

  • ހުޅުމާލެ ފޭސް 1 - ފޭސް 2: 60ރ.

ބުނީ ކީކޭ؟ - "މި ވުޒާރާއިން ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައި ވަނީ، ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދާއި އެފަދަ ކަންކަމަށް ރިއާޔަތްކޮށް، ޑްރައިވަރުންނާއި ހިދުމަތް ލިބިގަންނަ އާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގައި،" މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެ އެވެ.

އެނގުން މުހިއްމު - ހަ ސީޓަށް ވުރެ މަދު ސީޓު ހުންނަ ކާރުތަކުގެ ދަތުރުތައް އަދިވެސް ކުރެވޭނީ މިދިޔަ އަހަރުގެ ޖުލައި މަހު ކަނޑައެޅި އަގުތަކުގަ އެވެ.

ކޮމެންޓް (5)

ނޫނުބާ

16 މޭ 2024
މީޓަރު ހަރުކޮއްގެންދުއްވާ ގޮތަށް ހަދާކަަށް ނުވޭތަ އަދިވެސް؟ ދެން ކިޔާނެ ކޮންމެ ގެޔަކު ވިހި ތިރީސް ސައިކަލު ގެންގުޅެޔޭ. ތަންތަނުގެެ ބޮޑުންނާ މާލޭ ގެދޮރު ކުލި ހިތުހުރި ވަރަކަށް ނަގާ ނޫނީ ބޮޑަކާ ގުޅާލައިގެން ނަހަމަ ފައިސާ ހޯދާ މީހާ އަތުގަ ދުއްވަން ކާރަކާ ޓެކްސީ ކުރަން ދޫކޮއްގެން އުޅޭ ވެހިކަލް ހުއްޓަސް މާލޭގެ އުފަން މާލޭ އަހަރެން ކަހަލަ މައިންބަފައިންގެ ގޮދޮރު ނެތް ކިތަންމެ ބަޔަަކު މި ގަނަތެޅެނީ. އަހަރެމެން ބަނގުރޫޓުވިޔަސް ދާނެ އިތުރު ރަށެއް ނެތް. އަމިއްލަ ފަސްގަނޑުގަ ލިބޭހާ އެއްޗެއް ކުއްޔަށްދީގެން މި އުޅެނި. ރަށްރަށުންް ބޭހަށް އައިސް ތިބޭ މީހުުންވެސް ހާދަ ހާލެއްގަޔޭ އެއުޅެނީ. މުސްކުޅި ގައިބާރުދެރަ ކާފަ ގޮޮވައިގެން ފެރީ ޓާމިނަލުުން އައިޖީއެމްއެޗް އަށް ވެސް 60ރ ހޭދަވޭ. މިރޭ ލޮލުން ފެނުނު މަންޒަރެއް މި ބުނީ. 2 މިނިޓުން ހިނގާފަ ދެވޭވަރު ތަންފުކަކަށް ވެސް ކޮޅަކަށް 30ރ. މިއޮތީވާ ގައުމެއް.
0 0

ސަކީނާ

15 މޭ 2024
މި ހަބަރު ކީ ވަރަށް ފުން ހިތާމައިގައި. ރައްޔިތުންނަށް ހަމަ މި ނޫން ދުވަހެއް ނެތީބާ. ކޮންމެ ސަރުކާރަކާއެކު މި އަގުތައް ބޮޑުވޭ. ހިދުމަތް ހޯދާ ފަރާތްތަކުގެ އެއްވެސް ހައްގެއް ނެތް.
2 0

އަލިބެ.

14 މޭ 2024
އެހެން ބަހުރުވައަކުން ބުނާނަމަ ދިވެހީންގެ ރާއްޖޭގެ ޓެކްސީގެ އަގު ބޮޑުމިކުރީ ހަމައެކަނި ދިވެހީންނަށެވެ.
3 0

ޢަލިމަނިކު.

14 މޭ 2024
ބަންގާޅު މީހުން ގަވާޢިދާ ޚިލާފަށް އުޅޭތީ އެމީހުންނަށް ހުއްދަ ދީ ގަވާޢިދައް ފައްތަނީއެވެ. ޓެކްސީ ޑްރައިވަރުން އިތުރަށް އަގުނަގާތީ އެމހުން އަގުނަގާވަރަށް އަގު ބޮޑުކޮށްލަދިނީއެވެ. ސިފައިން ފޮނުވަާލަން އެމީހުންގެ ޔުނީފޯމް ބޭލުވީއެވެ. މިއޮތީވާ ތެދުވެރިކަމުގެ ނަމޫނާ ސަރުކާރެކެވެ.
7 0

ސޭކުސްތާން

14 މޭ 2024
މީތޯ ޑުބާއީ، ބެންގްކޮކް، ސިންގަޕޯރ އޮންނަ ތަރައްޤީ ޕޮލިސީއަކީ؟ އަދިނަގަންވީނޫންތޯ 3 މީހުނަށް ވުރެ އިތުރައް އަރާ ކޮންމެ ޕެސެންޖަރެއްގެ އަތުން 200 ރ އާވެސް ނުވިތާކަށް އިތުރައް ބާކާރު އެތެރެ ކުރުމުގެ ހުއްދަވެސް. ވ ޝުކުރިއްޔާ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް