ޖޫން 8، 2022: ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ޓެކްސީތައް ކިއުގައި މަޑުކޮށްގެން ތިބި އިރު، ޑްރައިވަރަކު ކާރަށް އަރަނީ: ޓެކްސީ ދަތުރުތަކުގެ އަގު މިއަދު ވަނީ ބޮޑުކޮށްފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދަތުރުފަތުރު

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްފި

ދަތުރުތަކުން 5ރ. އާއި 20ރ. އާ ދެމެދުގެ އަދަދެއް ވަނީ ބޮޑުކޮށްފައި

ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކުގެ އަގު މިއަދު ބޮޑުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ތެޔޮ ވިއްކާ އަގު މިދިޔަ ހަފުތާގައި ވަރަށް ބޮޑަށް ބޮޑު ކުރުމާ ގުޅިގެން ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ބުނެ، އެ ހިދުމަތުގެ އަގު ބޮޑުކުރުމުގެ މަސައްކަތް ޑްރައިވަރުން ފެށި އެވެ. ބައެއް ޑްރައިވަރުން މިހާރު ވަނީ ފިއުލް ސާޗާޖުގެ ނަމުގައި ދަތުރުގެ އަގަށް އަމިއްލައަށް 5ރ. އިތުރުކުރަން ވެސް ފަށާފަ އެވެ.

ތަފްސީލް - ޓްރާންސްޕޯޓު މިނިސްޓްރީން ގެޒެޓުގައި މިއަދު ޝާއިއުކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެ އިއުލާނު ގެޒެޓުން ނަގައި އެ މިނިސްޓްރީން މިރޭ ޓްވީޓްކުރި އިއުލާނެއްގައި އޮތް ގޮތުން މި ބަދަލު ގެންނަނީ މާދަމާ އިން ފެށިގެންނެވެ.

ދަތުރުތަކުން 5ރ. އާއި 20ރ. އާ ދެމެދުގެ އަދަދެއް ވަނީ ބޮޑުކޮށްފަ އެވެ.

އަގުތަކަށް ގެނައި ބަދަލު:

  • މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2 ގެ އެތެރޭގެ ދަތުރުތައް: 30ރ. (ކުރިން 25ރ.)

  • މާލެ - ހުޅުމާލެ ފޭސް1: 85ރ. (ކުރިން 75ރ.)

  • މާލެ - ހުޅުމާލެ ފޭސް2: 100ރ. (ކުރިން 90ރ.)

  • މާލެ-ހުޅުލެ: 70ރ. (ކުރިން 60ރ.)

  • ހުޅުލެ - ހުޅުމާލެ ފޭސް 1: 80ރ. (ކުރިން 60ރ.)

  • ހުޅުލެ - ހުޅުމާލެ ފޭސް 2: 85ރ. 

  • ހުޅުމާލެ ފޭސް 1 - ފޭސް 2: 40ރ.

އެނގުން މުހިންމު - އެސްޓީއޯ އިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު އެންމެ ފަހުން ބޮޑު ކުރީ މިދިޔަ މަހުގެ 24ގަ އެވެ. އެ ފަހަރު ގެނައި ބަދަލާ އެކު ޕެޓްރޯލް އަދި ޑީސަލް ލީޓަރަކުން ގާތްގަނޑަކަށް 2ރ. ވަނީ ބޮޑުކޮށްފަ އެވެ. މިހާރު އެސްޓީއޯ އިން ތެޔޮ ވިއްކަނީ:

  • ޕެޓްރޯލް ލީޓަރެއް: 16.55ރ. 

  • ޑީސެލް ލީޓަރެއް: 16.77ރ.

ކޮމެންޓް (1)

އޯކޭދޭއް

5 ޖުލައި 2022
ބޭރު ގައުމެއްގައި ތަނަކަށް ދާން 40 މިނިޓު ހުއްޓުމެއް ނެތި މިއަދުވެސް ދަތުރުކޮށްފިން ކާރެއްގައި. އެރީ 5 ޑޮލަރު. ޕެޓްރޯލު އަގު މިތާނގައި ހުރީ ދިވެހި ފައިސާގެ ގޮތުން ލީޓަރެއް 19 ރުފިޔާ އަށް ޑީސަލް 25 އަށް. ދިވެހިރާއްޖެއަށް ވުރެ އަގު ވެސް ބޮޑު. ދުއްވީ ޓޮޔޯޓާ ކާރެއް. މީގެ 15 ވަރަކަށް އަހަރު ކުރީގެ މޮޑެލެއް. ރާއްޖޭގައި ޓެކްސީ ކުރާ ކާރުތަކަކީ ވަކި ތަފާތު ގޮތަކަށް އުފައްދާފައިވާ ކާރުތަކެއް ނޫން. އެހެންވީމަ ވިސްނަންވީ: ބޮޑުވެގެންވާ ވަކި ވަރެއް ފައިދާ ނުވަންޏާ ޓެކްސީ އަގުތައް ބޮޑުކުރަން ޖެހޭ މާލޭގައި. މިސާލަކަށް 35،000 މަހަކު ނުލިބެންޏާ އަގުތައް ޖެހޭނީ ބޮޑުކުރަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް