ކަނޑުގެ ލޮނުގަނޑު ހޫނުވެ، ބައެއް މުރަކަތައް ހުދުވެފައި
ގާހުދުވާތީ ބިން ހިއްކުމުގެ މަޝްްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަނީ
ކަނޑުގެ ފިނިހޫނުމިން މަތިވެ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވާތީ، ބިންހިއްކުމާއި ގުޅުން ހުރި ތަރައްގީގެ މަޝްރޫއުތައް މި ވަގުތަށް މެދުކަނޑާލަން ނިންމައިފި އެވެ.
ވީ ކިހިނެއް؟- ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސް، މިދިޔަ މަހުން ފެށިގެން ފަރުތަކުން މުރަކަތައް ދަނީ މަރުވަމުންނެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާ އިރު، މި ވަގުތު ރާއްޖެ އޮތީ 'އެލާޓް ލެވެލް -1' އެވެ.
އެހެންވެ، އެކަމާ ގުޅޭގޮތުން އެންވަރަޔަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި މަހުގެ ކުރީކޮޅުން ފެށިގެން އަންނަ މަހުގެ ކުރީކޮޅާ ހަމައަށް ވަރަށް ބޮޑަށް ގާހުދުވާނެތީ، ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެ ފިޔަވަޅުތަކަކީ:
-
ބިން ހިއްކުމުގެ ހުރިހާ މަޝްރޫއުތަކެއް މިވަގުތަށް ހުއްޓާލުން
-
ބަރު މެޝިންތައް ބޭނުންކޮށްގެން ކުރާ މަސައްކަތްތަށް ކަމަށްވާ، ފަޅު ހިއްކުމާއި ގޮނޑުދޮށް ތަރައްގީ ކުރުމާއި ބަންޑުވޯލް ޖެހުމާއި ވެލި ޕަމްޕު ކުރުމާއި ފަރުމަތީގައި ޕައިޕްލައިން އެޅުމާއި ކޭބަލް އެޅުން ހުއްޓާލުން
-
މިހާރު ހިނގަމުންދާ މި ފަދަ މަޝްރޫއުތަކާއި އީއައިއޭ ހެދުން، ޖޫން 10ގެ ފަހަށް މަޑުޖައްސާލުމަށް ތާވަލު ކުރުން
އެނގުން މުހިއްމު - މުރަކައިގެ ޓިޝޫތަކުގައި ދިރިއުޅޭ އަލްގީ، ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މާ ބޮޑަށް މަތިވުމުން، މުރަކައިން ބޭރުކޮށްލަ އެވެ. މުރަކައަށް އޭގެ ގަދަ ކުލަތައް ލިބެނީ މި އަލްގީގެ ސަބަބުން ކަމަށް ވުމުން، އަލްގީތައް ބޭރުވުމާ އެކު މުރަކައިގެ ކުލަ ގެއްލި، ހުދުވެ އެވެ. މިއީ 'ކޮރަލް ބްލީޗިން' ނުވަތަ ގާ ހުދުވުމެވެ.
ގާ ހުދުވުމުން މުރަކަ ވަގުތުން މަރެއް ނުވާނެ އެވެ. ފިނިހޫނުމިން ރަނގަޅު މިންވަރަކަށް ތިރިވެއްޖެ ނަމަ، މުރަކައިގެ ޓިޝޫތަކަށް އަލްގީ ވަދެ، މުރަކަތައް ސަލާމަތްވާނެ އެވެ.
މުރަކަތައް މަރުނުވެ ސަލާމަތްވާ ނިސްބަތް މަތިކުރަން މުރަކަތަކަށް ގެއްލުން ލިބޭ އެހެނިހެން ކަންކަން ވީހާ ވެސް މަދުކުރުން މުހިއްމެވެ. މުރަކަތައް މަރުވުމުގެ ފުރުސަތު ބޮޑުވާ ބައެއް ކަންކަމަކީ:
-
މޫދަށް ކުނި އެޅުން
-
މޫދު ތަގައްޔަރުވުން
-
ބިން ހިއްކުން