ރާއްޖެ އައި ޓޫރިސްޓުން އިމިގްރޭޝަން ކައުންޓަރު ކައިރީ. ފަތުރުވެރިންނަށް ޕްރީ އެޕްރޫވްޑް ވިސާ ދޫކުރަން ވަނީ ގޮވާލާފައި
ރާއްޖެ އަންނަ ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ގޮވާލާ ގަރާރެއް
ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ފަސޭހަކަމާ އެކު ރާއްޖެއަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ޓޫރިސްޓުންގެ ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ އޮންް އެރައިވަލް އަދި އިލެކްޓްރޯނިކް އޮތޮރައިޒޭޝަންގެ ހިދުމަތް ތައާރަފު ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފަ އެވެ.
ތަފްސީލް - ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިންނަށް ޕްރީ އެޕްރޫވްޑް ވިސާ ދިނުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ:
-
ފާއިތުވި ފަސް އަހަރުގެ ތެރޭ ރާއްޖެ އައި މީހުންގެ ތެރެއިން 9.5 މިލިއަން މީހުންނަކީ ރާއްޖެ އެތެރެވުމަށް ވިސާ ބޭނުންވާ މީހުން ކަމަށް
-
މިއަހަރު ދެ މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން އަމާޒު ހިފާފައިވާ އިރު ރާއްޖެ އަންނަ މީހުންނަށް ފަސޭހަކަމާ އެކު ވިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުހިއްމު ކަމެއް ކަމަށް
އެ ގަރާރުގައި ބުނީ މިހާރު ރާއްޖެ އަންނަ ފަތުުރުވެރިންނަށް ވިސާ ލިބެނީ އެމީހުން ރާއްޖެ އައުމުން ކަމަށާއި އެމީހުން ރާއްޖެ އައިސް ވިސާ ހޯދަން ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމަށެވެ.
އެ މައްސަލަ އަށް އެކަށީގެންވާ ހައްލެެއް މިހާތަނަށް ހޯދިފައިނުވާކަން ފާހަގަކޮށް ހައިތަމްގެ ގަރާރުގައި ވިދާޅުވެފައިވަނީ އޮން އެރައިވަލް ވިސާގައި ރާއްޖެ އެތެރެވާ މީހުންނަށް އެކި ސަބަބުތަކާ ހުރެ ވިސާ ނުލިބި އަނބުރާ ދާންޖެހޭތަން އަންނަ ކަމަށާއި އޭގެ ސަބަބުން އެމީހުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަވެފައިވާ ކަމަށެވެ.
ފާއިތުވި ފަސް އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، އެކި ސަބަބުތަކާ ހުރެ 9،940 މީހަކު ވިސާ ނުދީ އަނބުރާ ފޮނުވާލާފައިވާ ކަމަށް ހައިތަމްގެ ގަރާރުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
"އެކަން ހައްލުކުރުމަށް ޓަކައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް މިވަގުތު ހަމަޖެހިފައި ނުވާ ކަމަށްވާ 'ޓޫރިސްޓު ޕްރީ އެޕްރޫވްޑް ވިސާ އޮން އެރައިވަލް' ނޫނީ 'އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން'ގެ ހިދުމަތް ތައާރަފުކޮށް އެ ހިދުމަތް ފުޅާކުރަން" ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.
ފާހަގަ ކުރެވޭ - ރާއްޖެ އަންނަ ފަތުރުވެރިންނަށް މިހާރު ކުރިއާލާ ވިސާ ނަގާކަށް ނުޖެހެ އެވެ. އެމީހުންނަށް 30 ދުވަހުގެ ވިސާ ހިލޭ ލިބެ އެވެ.
ކޮމެންޓް (1)
އަދީބު