އިންތިހާބީ ރައީސްގެ ގޮތުގައި ރައީސްހައްމަދު މުއިއްޒު، މީޑިއާތަކާ ބައްދަލުކުރުމަށް ސޯޝަލް ސެންޓަރުގައި ބެއްވި 'ނޫސްވެރިންގެ ގުންޒަރު'ގެ ތެރެއިން (ފައިލް ފޮޓޯ)

މީޑިއާ

އާ މަޖިލިހާ އެކު މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން ހަމަޖެހޭނެ: ނައިބު ރައީސް

ސަރުކަރަށް ލިބުނު ސުޕަ މެޖޯރިޓީއާއެކު އެ ވައުދުތައް މިހާރު ފުއްދޭނެ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވި

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭނެ ގޮތާއި އެމީހުން މަސައްކަތް ކުުރުމަށްޓަކައި ހަދާ މީޑީއާ ވިލެޖަށް ބިމެއް މިހާރު ކަނޑައެޅިފައިވާ ކަމަށާއި ސަރުކާރަށް މެޖޯރިޓީ އޮންނަ އާ މަޖިލީހުގެ މަސައްކަތްތައް ފަށައިގަތުމާ އެކު އެކަންކަން ތަންފީޒު ކުރާނޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނައިބު ރައީސް ހުސައިން މިގޮތަށް ވިދާޅުވީ، އިއްޔެ ފާހަގަ ކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަ އާއި ޕީއެސްއެމް ނިއުސްއަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޗެނަލްއަށް ދެއްވި ހާއްސަ އިންވިއުއެއްގަ އެވެ.

ތަފްސީލު - ދައުލަތުގެ ބެޖެޓުން މީޑިއާތަކަށް ފައިސާ ދިނުމަށާއި މީޑީތައް މަސައްކަތް ކުރުމަށް މިޑީއާ ވިލެޖެއް ގާއިމް ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ނައިބު ރައިސް ވިދާޅުވި ގޮތުގައި އެ ދެ ވައުދުވެސް ފުއްދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

"މީޑިއާތަކާއި ނޫސްވެރިން ކުރިއެރުވުމަށްޓަކައި ދައުލަތުން މަސައްކަތް ކުރަން ޖެހޭކަން ރައީސްއަށް އިހުސާސްވެވަޑައިގެން ރައީސް އެ ވައުދު ވެވެވަޑައިގެންނެވީ،" ހުސައިން ވިދާޅުވި އެވެ.

ހުސައިން ވިދާޅުވި ގޮތުގައި:

  • މި ސަރުކާރު ވެރިކަމާ ހަވާލުއިރު، މިހާރު އުމުރު ހަމަވަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުން އެ ވައުދު ފުއްދުމަށް ލަސްތަކެއްވި

  • ނަމަވެސް 20 ވަނަ މަޖިލީހުގައި ސަރުކާރަށް ލިބުނު ސުޕަ މެޖޯރިޓީއާއެކު އެ ވައުދު ފުއްދިގެން ދާނެ

"ރައީސް ބޭނުންފުޅުވީ، ކޮންމެ މީޑިއާއަކަށް [ދައުލަތުގެ] ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެވެސް އެއްޗެއް ދޭނެ އިންތިޒާމް ހަމަޖެއްސުމަށް، އުސޫލެއްގެ ތެރެއިން. އިރާދަކެރެއްވިއްޔާ އެ އުސޫލު އެ އޮތީ ކަނޑައެޅި ނިމިފައި،" އެ އުސޫލުގެ ތަފްސީލަކަށް ވަޑައިނުގަތް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން، ރައީސަށް އިތުބާރު ކުރައްވާފައި އެ ދެއްވި ސުޕަ މެޖޯރިޓީއާއެކު، ކުރިއަށް އޮތް ތަނުގައި ފުރަތަމަ ފަހަރަށް މީޑީއާތަކަށް ރައީސް އެ ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެއްވިގެން ދާނެ."

ޕީއެސްއެމްއަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުގައި ނައިބު ރައީސް ހުސައިން ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީއެސްއެމް)

އެ ފިޔަވަޅު ތަންފީޒުވުމާއެކު، މީޑިއާތަކަށް "އަމިއްލަ ފައިމައްޗަށް ތެދުވެވި"، މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި މީޑީއާތައް މިއުޅެނީ ވަރަށް ދަތިހާލުގައި. ރައީސްގެ ވައުދެއް އެވެސް [މީޑިއާ ވިލެއްޖެއް ގާއިމް ކުުރުން]. އެ ވައުދު ފުއްދުމަށްޓަކައި މިހާރު އެއޮތީ ހުޅުމާލެއިން ބިމެއް ކަނޑައަޅުއްވާފައި،" ހުސައިން ވިދާޅުވި އެވެ.

"މީޑީއާތަކުން ގޮސް، އެ ބޭފުޅުން ބޭނުންވާ ގޮތަށް އެތަންތަން ބައްޓަން ކުރެވިގެން މަސައްކަތް ކުރެވޭނެ ތަނެއްގެ ބިންގާ އެޅިފައި، އެއޮތީ ފެއްޓިފައި."

އެ މަސައްކަތް "މިއަހަރު ތެރޭގައި ހިނގާނެ ކަމުގެ އުންމީދު" އެބަ އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރު މަޖިލީހުން ފާސް ކުރި ސަޕްލިމަންޓްރީ ބަޖެޓުގައި 6.5 މިލިއަން ރުފިޔާ މީޑީއާތަކަށް ދޭ ފައިސާގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި މީޑިއާ ވިލެޖް ހެދުމަށްޓަކައި ކެބިނެޓުން ނިންމުންތައް ނިންމާފައި ވަނީ، މިދިޔަ ޑިސެމްބަރު މަހު އެވެ. އެކަމަކު އެކަން އެ އަހަރު ތެރޭ ތަންފީޒުވެފައެއް ނުވެ އެވެ. 

ކޮމެންޓް (1)

ކއޮއއިުއޖއކއކއޮި

5 މޭ 2024
ދިވެހި ބަހުގެ ސުކުން ފަދަ އަސާސީ ކަންކަން ނޭނގޭ ، ނޫސްވެރިންނޯ ، އެފަދަ މީހުންނަށް އުފާވެރި ހަބަރެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް