ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން. (ފޮޓޯ/މަޖިލިސް)

މީޑިއާތަކަށް 6 މިލިއަން ދޭ އިސްލާހަކާ އެކު 6.5 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓު ކޮމިޓީން ފާސްކޮށްފި

ސަޕްލިމެންޓްރީ ބަޖެޓުން ބޮޑު ބައެއް ހިއްސާކުރަނީ ސަބްސިޑީތަކާއި މަޝްރޫއުތަކަށް ހިނގާ ހަރަދުގެ އިތުރުން އާސަންދައަށް
16 ނޮވެމްބަރު 2023
1

ހާއްސަ ބަޖެޓުގެ ތެރެއިން ބްރޯޑްކާސްޓިން ހިދުމަތް ދޭ ތަންތަނާއި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ކަނޑައަޅާ އިސްލާހަކާ އެކު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ސަޕްލިމެންޓަރީ ބަޖެޓު މިއަދު ފާސްކޮށްފި އެވެ.

އެނގުން މުހިންމު - މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް، މި އަހަރު ނިމޭއިރު ޖުމްލަ ބަޖެޓު ހުންނާނެ ކަމަށް ލަފާކުރަނީ 49.3 ބިލިއަން ރުފިޔާގަ އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، އިސްލާހަކާ އެކު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ކޮމެޓީއަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް އެވެ. ޝަރީފްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހްމަދު ސަލީމް އެވެ.

ޝަރީފް ހުށަހެޅުއްވި އިސްލާހަކީ ބަޖެޓު ކޯޑު ނަންބަރު 1265، ހާއްސަ ބަޖެޓުގެ ތެރެއިން، ރަޖިސްޓްރީކޮށްގެން ހިންގާ ބްރޯޑްކާސްޓިން ހިދުމަތް ދޭ ތަންތަނާއި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ދިނުމަށް ކަނޑައެޅުމަށެވެ.

ސަޕްލިމަންޓްރީ ބަޖެޓް ކުރުކޮށް: 

  • ސަބްސިޑީތަކަށް އިތުރުކުރާ - 1.8 ބިލިއަން ރުފިޔާ

  • އާސަންދައަށް އިތުރުކުރާ - 1.2 ބިލިއަން ރުފިޔާ

  • ޕީއެސްއައިޕީ (މަޝްރޫއުތަކަށް) - 1.7 ބިލިއަން ރުފިޔާ 

ފާހަގަކޮށްލެވޭ ކަމެއް - ދައުލަތުގެ ބަޖެޓުން މީޑީއާތަކަށް ފައިސާ ހަމަޖެއްސުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އެކަން ހިމަނާފައި ނުވި ނަމަވެސް، ކޮމެޓީ މަރުހަލާގައި އެކަން ހިމަނައިދިނުމަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތެއް އޮތް އަދި މިހާރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ މެމްބަރުންގެ ފަރާތުން މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

ކޮމެންޓް (1)

ދިމިޝްގު

16 ނޮވެމްބަރު 2023
ރައްޔިތުންގެ ޓެކްސް ފައިސާ ދީގެން ވެސް މީޑިއާތައް މިނިވަން ވެއްޖެއްޔާ އޯކޭ. ނޫން ނަމަ ތިކަން ކޮށްގެން ނުވާނެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް