އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މީޑިއާތަކާ ބައްދަލުކުރުމަށް ސޯޝަލް ސެންޓަރުގައި ބެއްވި 'ނޫސްވެރިންގެ ގުންޒަރު'ގައި އިންތިހާބީ ނައިބު ރައިސް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވާހަކަ ދައްކަވަނީ

ބަޖެޓުން ވަކި ވަރެއް މީޑިއާތަކަށް ކަނޑައެޅުމަށް އެމްޑީޕީގެ އެއްބާރުލުމަށް މުއިއްޒު އެދިވަޑައިގެންފި

މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި އެކަން ނެތަސް، ކޮމިޓީ މަރުހަލާގައި މުއިއްޒު ބޭނުންވަނީ އެކަން ހިމެނުމަށް

މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މީޑިއާތަކަށް ވަކި އިންސައްތައެއް ކަނޑައެޅުމަށް، މަޖިލީހުގެ ސާފު އަގުލަބިއްޔަތެއް އޮތް އެމްޑީޕީގެ ކިބައިން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އަންނަ ހުކުރު ދުވަހުގެ ފަހުން އިދިކޮޅު މައި ޕާޓީއަށް ވާނެ، މިވަގުތު ވެރިކަން ކުރާ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ ކިބައިން މުއިއްޒު މިގޮތަށް އެދިވަޑައިގަތީ، ރޭ ސޯޝަލް ސެންޓަރުގައި ނުސްވެރިންނާއި މީޑިއާތަކުގެ ވެރިންނާ އެކު ބޭއްވެވި ބައްދަލުވުމަށެވެ.

ތަފްސީލު - އެ ބައްދަލުވުމުގައި މުއިއްޒު ވަނީ، ރިޔާސީ ކެމްޕެއިންގެ ތެރޭގައި ނޫސްވެރިކަމަށް ވެވަޑައިގެންނެވި ވައުދުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި އެކަންކަން ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ. އަދި އެ ދާއިރާއަށް އެ މަނިކުފާނުގެ ވެރިކަމުގައި ގެންގުޅުއްވާނެ ސިޔާސަތުތަކާއި ބައެއް ވިސްނުންފުޅުތަކާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.

ދައުލަތުގެ ބަޖެޓުން މީޑީއާތަކަށް ފައިސާ ހަމަޖެއްސުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި އެކަން ހިމަނާފައެއް ނުވެ އެވެ. ސަބަބެއްގެ ގޮތުގައި މުއިއްޒު ރޭ ވިދާޅުވީ:

  • އިންތިގާލީ މަރުހަލާގައި މި ސަރުކާރުން ހުށަހަޅާ ބަޖެޓުގައި ހިމަނަން އިންތިހާބީ ރައީސްގެ އޮފީހުން ބޭނުންވާ ކަންކަން ހިމެނުމަށް އެކަށީގެންވާ ވަގުތެއް ނުލިބުނު

  • މީޑިއާތަކަށް ފައިސާ ދޭނެ ގޮތެއް ތަފްސީލުކޮށް، ނޫސްވެރިންނާއި މީީޑިއާތަކުގެ ވެރިންނާ އެކު މަޝްވަރާކުރުމަށް ވެސް މި މުއްދަތުގައި އެކަށީގެންވާ ވަގުތު ނުލިބުން

"އެހެން ނަމަވެސް، ކަމާ ބެހޭ ބަޖެޓު ކޮމިޓީގައި ބަޖެޓު މަޝްވަރާ ކުރެވޭނެ. އެހެންވީމަ، އަޅުގަނޑުމެން ގަސްތުކޮށްފައި މި އޮތީ، ބަޖެޓު [ދިރާސާ ކުރުމު]ގެ މަރުހަލާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަން އެ ކަމަށް. މަސައްކަތްކޮށް، ވަކި އިންސައްތައެއް ހިމެނުމަށްޓަކައި މަޖިލީހުގައި އަޅުގަނޑު އެދެން،" 'ނޫސްވެރިންގެ ގުންޒަރު'ގެ ނަމުން ނަންދީގެން ބޭއްވި އެ އިވެންޓުގައި މުއިއްޒު ވިދާޅުވި އެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހަފްލާގައި މުއިއްޒު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/އިންތިހާބީ ރައީސްގެ އޮފީސް)

މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ، ޕީޕީއެމް-ޕީއެންސީގެ 10 މެންބަރުން މަޖިލީހުގައި މި ވަގުތު ތިއްބަވަ އެވެ. އާ ސަރުކާރުގެ ކެބިނެޓްގައި އޭގެ ތެރެއިން ހަތަރު މެންބަރުން ހިމެނިވަޑައިގަންނަވާއިރު، މަގާމުގެ ހުވާ ކުރެއްވުމާ އެކު އެ ދެ ޕާޓީގެ މެންބަރުންގެ އަދަދު ނިސްބަތުން މަޖިލީހުގައި މަދުވާނެ އެވެ.

އެހެންވެ، މުއިއްޒު ވަނީ، ބަޖެޓުގައި އެކަން ހިމެނުމަށްޓަކައި 55 މެންބަރުންނާ އެކު މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީ އާއި 13 މެންބަރުންނާ އެކު މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް ޑިމޮކްރެޓްސްގެ މެންބަރުންގެ އެއްބާރުލުން އެ ކަމަށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އެހެންވީމަ، އެމްޑީޕީ [އަދި] ޑީމޮކްރެޓްސްގެ މެންބަރުން، ހާއްސަކޮށް އެމްޑީޕީގެ މަޖިލިސް މެންބަރުން އަޅުގަނޑުމެންނަށް މިކަމުގައި [ބަޖެޓުގައި މީޑިއާތަކަށް ދޭނެ ފައިސާގެ އަދަދު ހިމެނުމަށް] އެއްބާރުލުން ދެއްވުމަކީ އަޅުގަނޑުމެން ވަރަށް އެދޭނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

"އެ ކަމުގައި އެ ބޭފުޅުން އަޅުގަނޑުމެން އެއްބާރުލުން ދެއްވައިފިއްޔާ، މި ފަހަރު ފާސްވާ ބަޖެޓުގެ ތެރޭގައި ވެސް އެ ކަމަށްޓަކައި ޖާގަ އުފެދިގެންދާނެ. އަޅުގަނޑުމެން ބޭނުން އެކަން ކުރަން."

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިއާތަކާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހަފްލާ. (ފޮޓޯ/އިންތިހާބީ ރައީސްގެ އޮފީސް)

އެއާ އެކު، މުއިއްޒު ވިދާޅުވީ:

  • ބަޖެޓުގައި އެކަން ހިމެނުމާ އެކު، މީޑިއާތަކަށް ފައިސާ ދެނީ އެ ކަމަށް ހާއްސަ، ދެ ފުށް ފެންނަ އުސޫލުތަކެއް ހިމެނޭ ގަވައިދެއް އިއުލާންކޮށް، އޭގައިވާ ގޮތުގެ މަތިން

  • އެ ގަވައިދު އެކުލަވާލުމުގައި މީޑީއާގެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދާނެ

މީޑީއާ ވިލެޖް އަދި ކިޔެވުމުގެ ފުރުސަތު

ރޭގެ 'ނޫސްވެރިންގެ ގުންޒަރު'ގައި މީޑިއާތަކުން ވަނީ، ބޮޑު ކުލީގައި ތަންތަން ހިފައިގެން މަސައްކަތް ޖެހޭ ޖެހުމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ. އެ ކަމަށް ވެެސް ދާއިމީ ހައްލެއް ލިބޭނެ މަގު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ރޭ ދެއްވި އެވެ.

"އެއީ މިއަދުން މިއަދަށް ހައްލު ކުރެވޭ ވަރުގެ ކަމަކަށް ނުވިޔަސް، އަޅުގަނޑުމެންގެ ވިސްނުމުގައި މި އޮތީ، ތިބޭފުޅުން ތި ވިދާޅުވާ ފަދައިން ކުރިއަށް އޮތް ތަނުގައި އެ ކަމަށްޓަކައި މާލެ ސިޓީ، ގްރޭޓާ މާލެ ރީޖަންގައި ފެސިލިޓީއެއް ގާއިމްކުރުން،" 'މީޑިއާ ވިލެޖް'ގެ ކޮންސެޕްޓަށް މަރުކަޒެއް ގާއިމްކޮށް، އެ ތަނުގައި މީޑީއާތަކަށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިއާތަކާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހަފްލާ. (ފޮޓޯ/އިންތިހާބީ ރައީސްގެ އޮފީސް)

މިޑިއާތަކަށް ތައުލީމާއި ތަމްރީންގެ ފުރުސަތު ހޯދައިދިނުމަކީ ވެސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ވެސް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވައި މުއިއްޒު ވިދާޅުވީ:

  • ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށް ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ހިލޭ ކިޔެވުމަށް ފުރުސަތު ހުޅުވާލާނަން

  • އެއާ އެކު، އެ ދާއިރާއިން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް މިހާރު ހުރި ފައިސާގެ ދަތިތަތަކާއި އެ ނޫން ވެސް ހުރަސްތައް ނެތި، އެ ދާއިރާއަށް އަލަށް ވަންނަ ނޫސްވެރިން އިތުރުވުމަށް ފުރުސަތު ފަހިވެގެންދާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް