އެމްޑީޕީން ރޭ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަޒްމީ އަހުމަދު)
ލީޑާޝިޕް އިސްތިއުފާ ދޭން ޖެހޭ ހާލަތެއް ނެތް: ފައްޔާޒު
އެންމެ ފަހުން ބޭއްވި ބޮޑު ދެ އިންތިހާބުން ލިބުނު ނާކާމިޔާބީއަކީ ލީޑާޝިޕް ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ނޫން ކަމަށާއި މިވަގުތު އެފަދަ ވިސްނުމެއް ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު ނުގެން ގުޅުއްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބާއި މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ލިބުނު ނާކާމިޔާބީގެ ސަބަބުން ޕާޓީގެ ލީޑާޝިޕް ބޭފުޅުންގެ އިސްތިއުފާއަށް ސޯޝަލް މީޑިއާގައި ވަނީ ގޮވާލައިފަ އެވެ.
އެ ގޮވާލުންތައް ގޮވާލާފައި ވަނިކޮށް، ރޭ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއް ފުރަތަމަ ފަހަރަށް ބޭއްވި އެވެ. އެ ބައްދަލުވުމަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވެސް އަމާޒުކުރި އެއް ސުވާލަކީ ޕާޓީގެ ލީޑާޝިޕް އިސްތިއުފާ ދޭން ޖެހޭތޯ އެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެންގެ ވިސްނުމުގައި އެއްވެސް ގޮތަކަށް ނެތް، ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި އެއްވެސް ބޭފުޅަކު އިސްތިއުފާ މިވަގުތު ދިނުމެއް،" އެ ސުވާލަށް ޖަވާބު ދެއްވަން ފައްޓަވަމުން ފައްޔާޒު ވިދާޅުވި އެވެ.
ތަފްސީލު - ފައްޔާޒު ވިދާޅުވި ގޮތުގައި އިންތިހާބުތަކުން އޮންނާނީ ބަލިވުމާއި މޮޅުވުމެވެ. އެހެންކަމުން ބަލިވާ ކޮންމެ ފަހަރަކީ ހުރި މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަލިވި ސަބަބު ހޯދައި، ޕާޓީގެ ކުރިމަގު ބިނާކުރުމަށްޓަކައި ދިރާސާއެއް ހަދަން ރޭގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.
ފައްޔާޒު ވިދާޅުވީ އެ ދިރާސާގެ އަލީގައި ޕާޓީގެ ކަންކަން އަލުން ތަރުތީބުކޮށް، ކުރިއަށް އޮތް 'މުސްތަގުބަލުގައި ޕާޓީގެ ލީޑާޝިޕް ބަދަލުކުރަން ޖެހޭ ނަމަ، އެ ފުރުސަތު މެންބަރުންނަށް ދޭނެ' ކަމަށެވެ.
"އެހެން ނަމަވެސް މިއީ އެ ވަގުތު ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ކުރީގެ އިގްތިސާދީ ވަޒީރު، ފައްޔާޒު ވިދާޅުވި އެވެ.
މިއީ، ފައްޔާޒު ވިދާޅުވި ގޮތުގައި، ޕާޓީ ނަގާ ކޮޅަށް ޖެހުމުގެ ވަގުތެވެ. އެ މަސައްކަތުގައި މިހާރު އޮތް ލީޑާޝިޕް ދެމި އޮންނާނެކަމުގެ ޔަގީކަން އޭނާ ދެއްވި އެވެ.
"އެމްޑީޕީ މި ގައުމުގައި އޮތުމަކީ، ދިވެހި ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. އެއީ އަދި އިދިކޮޅުގައި އޮތް ކަމުގައިވިޔަސް އަދި ސަރުކާރުގައި އޮތް ކަމުގައިވިޔަސް،" ފައްޔާޒު ވިދާޅުވި އެވެ.
"އެހެންވީމާ އެކަމަށް އުނިވާނެ އެއްވެސް ކަމެއް ނުކުރާނަން."
ޝާހިދު އެދިވަޑައިގަތީ ފައްޔާޒު އިސްތިއުފާ ނުދެއްވުމަށް
ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒުގެ ވާތް ފަރާތުގައި އިންނެވި ޕާޓީގެ އާ ރައީސް އަބްދުﷲ ޝާހިދު ވެސް، އިސްތިއުފާއާ ބެހޭ ސުވާލުތަކަށް ޖަވާބެއް ދެއްވި އެވެ.
"އަޅުގަނޑު ޗެއާޕާސަން [ފައްޔާޒު]ގެ އަރިހުން އެދެން އެއްވެސް ހާލެއްގައި އިސްތިއުފާދީގެން ނުވާނޭ،" މިދިޔަ ފެބްރުއަރީ މަހު، އިންތިހާބަކާ ނުލައި، ޕާޓީގެ ރައީސްކަމަށް ވަޑައިގެން ބެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީގެ ލީޑާޝިޕްގައި 'މިއަދު ތިބި މީހުންނަކީ، ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކޮށްލާފައި ފިލާނެ މީހުން ނޫން' ކަމަށެވެ.
"އަޅުގަނޑުމެން ތިބޭނީ ސާބިތުކަމާ އެކީގައި، އަޅުގަނޑުމެންގެ މެންބަރުން އަޅުގަނޑުމެންނާ ހަވާލުކުރި އަމާނާތަށް ވަފާތެރިކަންމަަތީގައި،" ޝާހިދު ވިދާޅުވި އެވެ.
ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ތެރެއިން ވާދަކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންވާ ޝާހިދު ވިދާޅުވި އެމްޑީޕީ އެނބުރި ވެރިކަމަށް އައިސް، މަޖިލިސް މެޖޯރިޓީ ނަގާތަން ވެސް ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ އެއް އިންތިހާބުން ބަލިވީމާ، އުޑު ބޮލަށް ވެއްޓުނީކަމަށް ހީކޮށް، ފިލާ ގޮތަކަށް ނޫން،" އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވި ޝާހިދު ވިދާޅުވި އެވެ.