އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ އަޒްމީ އަހުމަދު)

އެމްޑީޕީ

އިންތިހާބުން ބަލިވި ސަބަބު ހޯދަން އެމްޑީޕީން ދިރާސާއެއް ހަދަނީ

އެމްޑީޕީން ބުނިގޮތުގައި ބަލިވި ސަބަބުތައް ހޯދުމުގެ އިތުރުން ދެން ކުރިއަށް ދާންވީ ގޮތް ވެސް އެ ދިރާސާއިން ހޯދާނެ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުން ނާކާމިޔާބުވި ސަބަބު ހޯދުމަށް، ދިރާސާއެއް ކުރުމަށް އެމްޑީޕީން މިރޭ ނިންމައިފި އެވެ.

ވީ ކިހިނެއް؟- އިންތިހާބު ނާކާމިޔާބުވުމަށް ދިމާވި ސަބަބުތަކާއި ޕާޓީގެ ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިރޭ އެ ޕާޓީއިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ ދެން ކުރިއަށް ދާނެ ގޮތެއް އެނގޭނީ އެ ދިރާސާއަށް ބެލުމަށް ފަހުގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދިރާސާގައި، އެމްޑީޕީގެ ކުރިމަގާ މެދު މީހުން ދެކޭގޮތާއި ޕާޓީ ބައްޓަން ކުރާނެ ގޮތާ ގުޅޭ ގޮތުން ވެސް ބަލައި، މަގުޗާޓެއް އެކުލަވާލާނެ އެވެ.

"އަޅުގަނޑުމެން ފުރަތަމަ ވެސް ބޭނުންވަނީ މި ހުރިހާ ކަމެއް ހުރި ގޮތެއް ބަލަން،" މީޑިއާއަށް ނުވަދެވޭ ގޮތަށް ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވި އެވެ.

"[ބަލިވީ] އަޅުގަނޑުމެން ކެމްޕޭން ކުރިއަށް ގެންދިޔަ ގޮތުންތޯ ނޫނީ ލީޑާޝިޕްގެ މައްސަލައެއްތޯ ނޫނީ ރާއްޖޭގެ ސިޔާސީ މާހައުލަށް އައިސްފައިވާ ބަދަލުތަކަކީ ކޮބައިތޯ ބަލަން ބޭނުން. އެ ހުރިހާ ކަމެއް ބެލުމަށް ފަހު ދެން ކުރިއަށް ދާނެ ގޮތެއް އެނގޭނީ."

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ އިންތިހާބަކުން އެ ޕާޓީ ބަލިވި ފުރަތަމަ ފަހަރު ނޫން ކަމަށާއި ކާމިޔާބީ އަށާއި ނާކާމިޔާބީއަށް ވެސް އެ ޕާޓީ ފަރިތަވާނެ ކަމަށެވެ.

"އަލުން ތަރުތީބުވެލައިގެން ނުކުމެ، އެމްޑީޕީގެ ފިލޯސަފީއާ އެއްގޮތަށް، ރައްޔިތުން ބޭނުންވާ ގޮތަށް ހިދުމަތް ކުރުމަށް އަތުގުޅާލައިގެން ބާރަށް ކުރިއަށް ދާނަން،" ޝާހިދު ވިދާޅުވި އެވެ.

މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ފައްޔާޒެވެ. ޕާޓީގެ އިސް ސަފުން އާއްމުކޮށް ފެންނަ އަދި އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ރިޔާސަތުގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް (މ) (ފޮޓޯ/ އަޒްމީ އަހުމަދު )

ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ އެއްވި އިރު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ޕާޓީގެ ލީޑާޝިޕް ބޭފުޅުންގެ އިސްތިއުފާއަށް ވެސް ސޯޝަލް މީޑިއާގައި ގޮވާލާފައިވެ އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބިފައި ވަނީ 93 ގޮނޑީގެ ތެރެއިން އެންމެ 12 ގޮނޑި އެވެ. ވާދަވެރި އަދި ސަރުކާރު ނިސްބަތްވާ ޕީއެންސީއަށް 66 ގޮނޑި ލިބިފައިވެ އެވެ.

ކޮމެންޓް (2)

ކިލަމަންޑާ

2 މޭ 2024
އިންޑިޔާ އިން ކޮށްފަ އަންނި އައުޓްކުރުން. އަލަކަށް ނޫން ރާއްޖޭގަ ސްޕަމެޖޯރިޓީ ރާއްޖޭގަ މިދިނީކީ. ޕީއެންސީއަށް އަލަށް ލިބިގެން. ވެރިކަންވެސް ކޮންމެ ފަހަރަކު އައު މީހަކަށް ރާއްޖޭގަ ދިނުން އެއީ ސަގާފަތް. ރަށަށް ތަރައްގީ ގެނެވެނީ އެއިރެއްގަ އޮންނަ ވެރިމީހާއަށް ސަނާކިޔައިގެން ކަމަށް ދިވެހިން ދެކޭތީ އަބަދުވެސް މެމްބަރު ސަރުކާރަށް ދޭ ވިސްނުން ގިނައީ
1 0

ކއޮޮއިއިއިއއ

2 މޭ 2024
ރިޝްވަތު އަދި ވަޒީފާ ބެހުން. އަދި ދޮގު ވައުދު ވިއްކުން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް