11 ފެބްރުއަރީ 2024: ޝަހީދު ހުސައިން އާދަމް ބިލްޑިން. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ފުލުހުން

ފުލުހުންގެ ތެރޭގައި އުޅޭ ސިވިލް މުވައްޒަފުންގެ މުސާރަ ޖޫން މަހު ބޮޑުވާނެ: އިހުސާން

މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މުސާރަ ބޮޑުކުރުން ބިނާވަނީ ދައުލަތަށް ފައިސާ ވަންނަ މިންވަރެއްގެ މައްޗަށް ކަމަށް

ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންގެ މުސާރަ މި އަހަރުގެ ޖޫން މަހު ބޮޑުވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިހުސާން މިހެން ވިދާޅުވީ 'އަހާ' ފޯރަމްގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އޭނާ ކުރި ސުވާލަކީ، ފުލުހުންގެ މުސާރަ ބޮޑުކުރިއިރު، އެ މުވައްސަސާގައި މަސައްކަތްކުރާ ސިވިލް ސާވެންޓުންނަށް މުސާރަ ބޮޑު ނުކޮށްދިނީ ކީއްވެތޯ އެވެ. އެއީ ވެސް ފޮރޮންޓްލައިން ފުލުހުންނާ އެއްވަރަށް ރިސްކު ނަގައިގެން މަސައްކަތްކުރާ ބައެއްކަން އޭނާ ފާހަގަކުރި އެވެ.

ބުނީ ކީކޭ؟ - މި ސުވާލުގެ ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ މި ސަރުކާރުން މުސާރަ މުރާޖާކުރުމުގައި ގެންގުޅޭ ވިސްނުމަކީ އެ ދެ ބައި މީހުންގެ މުސާރަ ވެސް އެއްފަހަރާ ކުރުން ކަމަށެވެ. ނަމަވެސް މި ސަރުކާރު ހަވާލުވީ 'އެއްކޮށް ހުސްވެފައި އޮތް ދައުލަތަކާ' ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މުސާރަތައް މުރާޖައާ ކުރަމުން ގެންދަނީ ދައުލަތަށް ފައިސާ ވަންނަ މިންވަރަކުން ކަމަށެވެ.

"އެގޮތުން ސިވިލް ސްޓާފުންގެ މުސާރަ ވެސް ހަމަ އެ އޮނިގަނޑުގައި އިން ގޮތަށް އިންނާނީ މުރާޖައާ ކުރަން ނިންމާފައި. އިރާދަކުރެއްވިއްޔާ މި ބަލަނީ ޖޫން މަހުގައި ލިބޭ މުސާރާގައި އެ ބަދަލު އަންނާނެ،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ތެރޭގައި ހުވާކޮށްގެން ތިބޭ ފުލުހުންނާއި ފުލުހުންގެ ހިދުމަތް ދޭ އާންމުން ވެސް މަސައްކަތް ކުރާ ކަމަށެވެ. އެ ދެ ކެޓަގަރީގެ މުވައްޒަފުންނަކީ ވެސް ފުލުހުންގެ ހިދުމަތްތެރިން ކަމަށާއި، ދެނީ މުހިންމު ހިދުމަތްތަކެއް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ އެ ދެ ބައި މީހުންގެ ދެމެދު ކުޑަ ތަފާތުތަކެއް ހުންނަ ކަމަށެވެ. އެގޮތުން ހުވާކޮށްގެން ތިބޭ ފުލުހުންނަކީ އެކްސްޓްރީމް ރިިސްކަކަށް ފްރޮންޓްލައިންއަށް ނުކުންނަން ޖެހޭ ފުލުހުން ކަމަށާއި، ފުލުހުންގެ ހުރިހާ ސިވިލް މުވައްޒަފުންނަށް އެ ރިސްކް ނޯންނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

އެނގުން މުހިންމު - ފުލުހުންގެ މުސާރަ މިދިޔަ މަހު ވަނީ %35 އަށް ބޮޑުކޮށްފަ އެވެ. އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން، މަގާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާ ގުޅޭ ގޮތުން ދޭ އެލަވަންސް އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް