ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)

އެމްޖޭއޭ

ނޫސްވެރިންގެ ކުރިމަތީގައި ހިނގި ކަމެއް ރައީސް އޮފީހުން އޮޅުވާލުން އެމްޖޭއޭއިން ކުށްވެރިކޮށްފި

ރައީސް އޮފީހަށް މޮބައިލް ފޯނު ނުވެއްދޭ ގޮތް ހެދުމުން އެކަން ވަގުތުން ބައެއް މީޑިއާތަކުން ރިޕޯޓްކުރި. އެކަަމަކު ރައީސް އޮފީހުން ވަނީ އެ ހަބަރުތައް ދޮގުކޮށްފައި
29 އޭޕްރީލު 2024

ގިނަ އަދަދެއްގެ ނޫސްވެރިން ތިބި ތަނެއްގައި ހިނގި ކަމެއް އާންމުންނަށް ހަގީގަތް އޮޅޭ ގޮތަށް ރައީސް އޮފީހުން އޮޅުވާލި އޮޅުވާލުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން މިއަދު ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - ގިނަ ދުވަސްތަކެއް ފަހުން އިއްޔެ ރައީސް އޮފީހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ނޫސްވެރިންގެ ގޮސް ތިއްބައި، ބައްދަލުވުން ބާއްވާ މާލަމަށް ފޯނު ނުވެއްދޭނެކަން ރައީސް އޮފީހުގެ މުވައްޒަފަކު އެންގި އެވެ. ސަބަބެއް ކަމަށް ބުނީ މިނިސްޓަރުންނާއި މުވައްޒަފުން ފިޔަވައި، ދެން އެ އޮފީހަށް ދާ ހުރިހާ މީހުންނަށް ވެސް ބައްދަލުވުންތަކަށް ވަދެވޭނީ ފޯނާ ނުލައި ކަމަށް އެމްއެންޑީއެފްގެ ޕްރޮޓޮކޯލްއިން މީގެ ދެ މަސް ކުރިން ނިންމާފައި ވާތީ ކަމަށެވެ.

ނަމަވެސް ރައީސް އޮފީހުން އޮތީ:

  • ނޫސްވެރިންނަށް އެ މައުލޫމާތު އޭގެ ކުރިން ނާންގައި

  •  ފޯނާ ނުލައި ނޫސްވެރިން އެ ބައްދަލުވުމަށް ވަންނަން ދެކޮޅުހެދި

  • ނޫސްވެރިން ދެކޮޅު ހަދަން ފެށުމުން، އެ އޮފީހުން އެންގީ އިއްޔެގެ ބައްދަލުވުމަށް ފޯނާ އެެކު ވަދެވުނަސް، މީގެ ފަހުން ނުވަދެވޭނެ ކަމަށް

އެއަށް ފަހު އެކަން މީޑިއާތަކުން ރިޕޯޓުކުރުމާ އެކު ސަރުކާރަށް ފާޑުކިއުން އަމާޒުވުމާއި އެމްޖޭއޭއިން ބަޔާނެއް ނެރެފައި ވަނިކޮށް އެކަން ދޮގުކޮށް ރައީސް އޮފީހުން ވެސް ބަޔާނެއް ނެރުނެވެ.

އެ ބަޔާނުގައި މީޑިއާތައް ކުށްވެރިކޮށް، އެ ހަބަރު ފެތުރީ ހަގީގަތާ ހިލާފަށް ކަމަށް ބުނެ، އެ ވާހަކަ ދޮގުކުރި އެވެ.

ބުނީ ކީކޭ؟ - ރައީސް އޮފީހުން ގަސްތުގައި ހަގީގަތް އޮޅުވާލަން މަސައްކަތް ކުރުމުން އެކަން ކުށްވެރިކޮށް އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރައީސް އޮފީހުން ޝާއިއުކުރި ކޮމެންޓުތަކާ ހެދި އެ ޖަމިއްޔާ އާއި ނޫސްވެރިން ނުތަނަސްވެފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބަޔާނެއް ނެރުމުގެ އިތުރަށް އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވެސް ވަނީ އެކަން ދޮގުކުރައްވައި، އިއްޔެގެ ބައްދަލުވުމުގައި ނޫސްވެރިންގެ އަތުގައި ފޯނު އޮތް މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުކުރައްވައިފަ އެވެ. އެކަމާ ގުޅިގެން، ކަން ހިނގައިދިޔަ ގޮތް އޮޅުންއަރައި، ވަކިވަކި ނޫސްވެރިންނަށް ސޯޝަލް މީޑިއާގައި ރުޅިވެރިކަން އަމާޒުވި އެވެ.

އިއްޔެ ޓީވީން ވަގުތުން ދެއްކި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމާ ބެހޭ ގޮތުން ހީނާއާ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ އެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްތަކަށް ބަސް ބުނުމުގެ ބާރު ނޯންނަ ކަމަށާއި އެކަން ނިންމަނީ އެމްއެންޑީއެފުން ކަމަށެވެ. ނަމަވެސް އެކަން (ނޫސްވެރިންނަށް ފޯނު ނުވެއްދުން) ތަކުރާރު ނުވާނެ ގޮތެއް ވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު (ފޮޓޯ/ރައީސް އޮފީސް)

"އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ނުވެއްދޭނެކަން ނޫސްވެރިންނަށް އެންގީ ބައްދަލުވުމަށް ނޫސްވެރިން ދިޔަ ފަހުންނެވެ. މިކަން ދުރާލައި އަންގާފައި ނެތުމާ އެކު މަސައްކަތަށް ހުރަސްއެޅޭ ކަމަށް ބުނެ ނޫސްވެރިން އިހުތިޖާޖު ކުރުމުން، އިއްޔެގެ ބައްދަލުވުމަށް ފޯނު ވެއްދޭނެ އިންތިޒާމު ރައީސް އޮފީހުން ހަމަޖައްސާފައިވެ އެވެ،" ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ހިއްސާކޮށް، އެމްޖޭއޭއިން ބުންޏެވެ.

"ނަމަވެސް ނޫސްވެރިންނަށް އަންގާފައިވަނީ ދެން މީގެ ފަހުން ކުރިއަށް ހުރި ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށެވެ."

މިކަން ހިނގާދިޔަ ގޮތް އެމްޖޭއޭއަށް ރިޕޯޓުކުރީ، އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ބައްދަލުވުމަށް ދިޔަ ނޫސްވެރިންނެވެ. އަދި އެކަން ހިނގި ގޮތް ޔަގީންކުރުމުގެ ގޮތުން އެ ޖަމިއްޔާއިން ވަނީ ތަފާތު އަށް މީޑިއާއެއްގެ ނޫސްވެރިންނާ ވާހަކަދައްކައިފަ އެވެ.

"ގިނަ އަދަދެއްގެ ނޫސްވެރިން ތިބި ތަނެއްގައި ހިނގާދިޔަ ކަމެއްގެ ހަގީގަތް ގަސްތުގައި އޮޅުވާލައި، ނޫސްތަކުން ރިޕޯޓުކުރި ވާހަކަތައް އޮޅުވާލަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި މަސައްކަތް އެމްޖޭއޭއިން ކުށްވެރި ކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް