ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ހަލީލު (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީސް

ފާޑުކިއުންތައް އަމާޒުވާން ފެށުމުން ރައީސް އޮފީހުން ބުނަނީ ނޫސްވެރިންނަށް ފޯނާ އެކު އެ އޮފީހަށް ވަދެވޭނެ ކަމަށް

މި ބަޔާނުގައި ބުނީ ނޫސްވެރިންގެ މަސައްކަތްތަކަށް ފަށޭހަވާނެގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަންދޭ ކަމަށް

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކުރުމުން އަމާޒުވި ފާޑުކިއުންތަކަށް ފަހު ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދޭނެ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ގިނަ ދުވަސްތަކެއް ފަހުން މިއަދު ވަނީ ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ނޫސްވެރިންގެ ގޮސް ތިއްބައި، ބައްދަލުވުން ބާއްވާ މާލަމަށް ފޯނު ނުވެއްދޭނެކަން ރައީސް އޮފީހުގެ މުވައްޒަފަކު އެންގި އެވެ. ސަބަބެއް ކަމަށް ބުނީ މިނިސްޓަރުންނާއި މުވައްޒަފުން ފިޔަވައި، ދެން އެ އޮފީހަށް ދާ ހުރިހާ މީހުންނަށް ވެސް ބައްދަލުވުންތަކަށް ވަދެވެނީ ފޯނާ ނުލައި ކަމަށް އެމްއެންޑީއެފްގެ ޕްރޮޓޮކޯލްއިން މީގެ ދެ މަސް ކުރިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް:

  • ނޫސްވެރިންނަށް އެ މައުލޫމާތު އޮތީ، އޭގެ ކުރިން ނާންގައި؛ އެއާ އެކު ފޯނާ ނުލައި ނޫސްވެރިން އެ ބައްދަލުވުމަށް ވަންނަން ދެކޮޅުހެދި

  • އެކަމަށް ނޫސްވެރިން ދެކޮޅު ހަދަން ފެށުމުން، އެ އޮފީހުން ނޫސްވެރިންނަށް އެންގީ މިއަދު ފޯނާ އެެކު ވަދެވުނަސް، މީގެ ފަހުން ނުވަދެވޭނެ ކަމަށް

އެއަށް ފަހު އެކަން މީޑިއާތަކުން ރިޕޯޓުކުރުމާ އެކު ސަރުކާރަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް، އަދި، ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިންގެ ޖަމިއްޔާ, އެމްޖޭއޭއިން ބަޔާންނެއް ނެރެފައި ވަނިކޮށް އެކަން ދޮގުކޮށް ރައީސް އޮފީހުން މިއަދު ހަވީރު ވަނީ ބަޔާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - އެ ބަޔާނުގައި މީޑިއާތައް ކުށްވެރިކޮށްފައިވާ އިރު، މީޑިއާތަކުން އެ ހަބަރު ފަތުރާފައިވަނީ ހަގީގަތާ ހިލާފަށް ކަމަށް ބުނެ، އެ ވާހަކަ ދޮގުކުރި އެވެ.

އެއަށް ފަހު ބަޔާނުގައި ބުނީ، މީގެ ފަހުން ވެސް ނޫސްވެރިންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ދާ ނޫސްވެރިންނަށް ފޯނާ އެކު ބައިވެރިވެވޭނެ ކަމަށެވެ. 

ނޫސްވެރިންގެ މަސައްކަތްތަކަށް ފަސޭހަވާނެ ގޮތަށް ކަންކަން ސަރުކާރުން އަަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެނގުން މުހިންމު - ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުން މަނާނުކުރާ ކަމަށް ބުނެ މީޑިއާތައް ކުށްވެރިކޮށް ރައީސް އޮފީހުން ބަޔާން ނެރެފައި ވިޔަސް، މީގެ ފަހުން އޮންނަ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުން އޭރު އެންގުމުން، ޓީވީން ދުރަށް ދައްކަމުން ދިޔަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް 'ދައުރު' އިން ވަނީ އެކަންބޮޑުވުން ފާޅުކޮށް ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން އެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްތަކަށް ބަސް ބުނުމުގެ ބާރު ނޯންނަ ކަމަށާއި އެކަން ނިންމަނީ އެމްއެންޑީއެފުން ކަމަށެވެ. ނަމަވެސް އެކަން ތަކުރާރު ނުވާނެ ގޮތެއް ވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ މާނައަކީ ދެން އޮންނަ ބައްދަލުވުމަކަށް ފޯން ހިފައިގެން ނޫސްވެރިންނަށް ވަދެވޭނެތޯ ސުވާލުުކުރުމުން ވެސް ހީނާ ތަކުރާރު ކުރެއްވީ ހަމަ އެ ޖަވާބެވެ. 

 ފާހަގަކޮށްލެވޭ ކަމެއް - މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ކަންބޮޑުވުން ރައީސް އޮފީހާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެ އޮފީހާ ހަވާލާދީ އެމްއެޖޭއޭއިން ބުނި ގޮތުގައި:

  • އެ ފިޔަވަޅަކީ، ސިކިއުރިޓީއާ ގުޅުން ހުރި ފިޔަވަޅެއް

  • ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިންނަށް ހާއްސަ އިމްތިޔާޒެއްގެ ދަށުން ފޯނު ވެއްދޭނެ ގޮތަށް ހެދުމަށް މަޝްވަރާކުރާނެ

އެމްޖޭއޭއިން ބުނީ ނޫސްވެރިންގެ މަސައްކަތަށް ފޯނަކީ ކޮންމެހެން ވެސް ޒަރޫރީ ވަސީލަތަކަށްވާ އިރު، ފޯނު ވެއްދުން މަނާ ކުރުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތަށް ބުރޫ އަރައި، ނޫސްވެރިކަމުގެ މިނިވަން ކަމަށް ވެސް ހުރަސް އެޅޭނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް