މެޑިސިން ކިޔަވާ އެމްއެންޔޫގެ ދަރިވަރުންތަކެއް ދަރުމަވަންތަ ހޮސްޕިޓަލުގައި

ސަރުކާރުން ބުނަނީ މެޑިސިން ކިޔަވާ ދަރިވަރުންނަށް މާ ފުރިހަމަ ފެސިލިޓީއެއް ގާއިމުކޮށްދޭނެ ކަމަށް

ދަރިވަރުންގެ ޖަމިއްޔާއިން ބޭނުންވަނީ އާ ފެސިލިޓީ ލިބެންދެން ވެސް ދަރުމަވަންތަ ހޮސްޕިޓަލްގައި ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތް ހަދައިދޭން

ދަރުމަވަންތަ ހޮސްޕިޓަލުގައި ކިޔަވަމުން ގެންދިޔަ، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެޑިކަލް ސްކޫލުގެ ދަރިވަރުން އެތަނުން ނުކުންނަން އެންގި ނަމަވެސް، މިހާރަށް ވުރެ މާ ފުރިހަމަ ފެސިލިޓީއެއް ދަރިވަރުންނަށް ގާއިމުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިިވާ ކަމަށް، ދަރިވަރުންގެ ޖަމިއްޔާއިން އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟- މީގެ ފަސް އަހަރު ކުރިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ހިންގި މެޑިކަލް ސްކޫލުގެ ކިޔެވުން އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ. އެމްއެންޔޫއިން ބުނެފައިވާ ގޮތުގައި:

  • މެޑިކަލް ސްކޫލު ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކުރީ ވަގުތީ ގޮތުން

  • ހޮސްޕިޓަލުގެ ޖާގަ އިތުރުކޮށް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ މެޑިކަލް ސްކޫލުގެ ވަސީލަތްތައް އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ ކަމަށް

ތަފްސީލު- އެކަމަކު ދަރިވަރުންތަކެއް މަގުމަތިކޮށްލީ ކަމަށް ބުނެ، ދަރިވަރުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެ ޝަކުވާތަކާ ގުޅިގެން، ގައުމީ ޔުނިވަސިޓީގެ ސްޓޫޑެންޓް ޔޫނިއަންއިން މިދިޔަ ހުކުރުދުވަހު ވަނީ ސަރުކާރުގެ ކަމާ ގުޅޭ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.

ސަރުކާރާއި އައިޖީއެމްއެޗުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމަށް ފަހު ޔޫނިއަން އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ:

  • މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުން ދެއްވާފައިވާ ކަމަށް

  • މިހާރަށް ވުރެ ފުރިހަމަ ފެސިލިޓީއެއް ގާއިމުކޮށްދޭނެ ކަމުގެ ޔަގީންކަން ދިން ކަމަށް

  • އަދި ސިއްހީ ދާއިރާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއް ކަމަށް ވެސް ވިދާޅުވި ކަމަށް

"މިއީ، އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވެފައި، އަދި މެޑިސިން ކިޔަވާ 200 އަށް ވުރެ ގިނަ ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން، ދަރުމަވަންތަ ހޮސްޕިޓަލުގެ އަށެއް އަދި 14 ވަނަ ބުރީގައި ތިބެވޭނެ ކަމުގެ އުއްމީދު ވަނީ އާވެފަ އެވެ،" ޔޫނިއަންގެ ނޫސްބަޔާނުގައި ބުންޏެވެ.

ދަރިވަރުންގެ އެ ޖަމިއްޔާއިން ދެކޭގޮތުގައި މި މައްސަލައިގެ ދާއިމީ ހައްލަކާ ހަމައަށް ދިޔުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެ އެވެ. އެހެންވެ މިހާރު ކިޔަވަމުން އަންނަ އިމާރާތުގައި، ކުރިއެކޭ އެއްގޮތަށް ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް