މި ފަހުން ރާއްޖޭގައި ހުދުވެފައިވާ މުރަކަތަކެއް: ކަނޑުގެ ލޮނުގަނޑު ހޫނު މިން ވަރަށް މަތި

ގާ ހުދުވުން

ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ހޫނުވެ، ގާ ހުދުވާން ފަށައިފި

މިއީ 2016ގެ ފަހުން މިހާ ބޮޑަށް ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވާނެ އަހަރަށް ވުން ގާތް ކަމަށް ކަމާ ބެހޭ މާހިރުން ބުނޭ

އެންމެ ފަހުން އެ ނުރައްކާ ވެސް މި އޮތީ ކުރިމަތިވެފަ އެވެ. ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ހޫނުވެ، މުރަކަތައް ހުދުވާން ފަށައިފި އެވެ.

ވީ ކިހިނެއް؟- ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސް، ގާ ހުދުވެ، ފަރުތަކުން މުރަކަތައް މަރުވުމުގެ ފުރުސަތު އޮތް ކަމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ މި މަހުގެ މެދުތެރެއިން ފެށިގެން އިންޒާރު ދެމުންނެވެ. އެންމެ ފަހުން މިދިޔަ ދެތިން ދުވަހު ފެނުނީ، ކުލަކުލައިގެ ރީތި މުރަކަތައް ހުދުވާ މަންޒަރެވެ.

އެނގުން މުހިއްމު - މުރަކައިގެ ޓިޝޫތަކުގައި ދިރިއުޅޭ އަލްގީ، ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މާ ބޮޑަށް މަތިވުމުން، މުރަކައިން ބޭރުކޮށްލަ އެވެ. މުރަކައަށް އޭގެ ގަދަ ކުލަތައް ލިބެނީ މި އަލްގީގެ ސަބަބުން ކަމަށް ވުމުން، އަލްގީތައް ބޭރުވުމާ އެކު މުރަކައިގެ ކުލަ ގެއްލި، ހުދުވެ އެވެ. މިއީ 'ކޮރަލް ބްލީޗިން' ނުވަތަ ގާ ހުދުވުމެވެ.

ކަމާ ގުޅޭ މާހިރުންނާއި ޑައިވަރުން ދަނީ ހުދުވެފައިވާ މުރަކަތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށް އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މީހުން ބުނާ ގޮތުގައި ކަންބޮޑުވާ މިންވަރަކަށް ގާތައް ދަނީ ހުދުވަމުންނެވެ.

މެރިން ބަޔޮލޮޖިސްޓް ނިޒާމް އިބްރާހިމް އެކްސްގައި ވިދާޅުވީ މިއީ 2016ގެ ފަހުން މިހާ ބޮޑަށް ގާހުދުމުގެ މައްސަލަ ކުރިމަތިވާނެ އަހަރަށް ވުން ގާތް ކަމަށެވެ. މީގެ އަށް އަހަރު ކުރިން ކުރިމަތިވި އެ ހާދިސާގައި، ރާއްޖޭގެ %73 މުރަކަ މަރުވި އެވެ.

މިހާރު ކުރިމަތިވެފައިވާ ހޫނާ އެކު ރާއްޖޭގެ ބައެއް މުރަކަތައް ހުދުވެފައި (ފޮޓޯ/ނިޒާމް އިބްރާހިމް)
މުރަކަ ހުދުވުމަކީ ތިމާވެށީގެ ހިމާޔަތުގައި އުޅޭ މީހުންނަށް ވަރަށް ބޮޑު ހިތާމައެއް (ފޮޓޯ/ނިޒާމް އިބްރާހިމް)

މީގެ ހަތަރު ދުވަސް ކުރިން ނިޒާމް އާއްމު ކުރެއްވި މާލެ އަތޮޅުގެ ދެކުނުގެ ބައެއް ފަރުތަކުގެ ފޮޓޯތަކުން ފެންނަނީ މަރުވެފައިވާ މުރަކަތަކެވެ. އޭނާ ވިދާޅުވި ގޮތުގައި އާއްމުކޮށް ރޭގަނޑު ދިހަ މީޓަރު ފުނުގެ ފިނިހޫނުމިން ހުންނަނީ 28 ޑިގްރީގައި ނަމަވެސް މިހާރު 30 ޑިގްރީއަށް ވަނީ އަރައިފަ އެވެ.

"މިއީ ހިތްދަތި މަންޒަރެއް،" ނިޒާމް ވިދާޅުވި އެވެ.

ގާ ހުދުވުމުން މުރަކަ ވަގުތުން މަރެއް ނުވާނެ އެވެ. ފިނިހޫނުމިން ރަނގަޅު މިންވަރަކަށް ތިރިވެއްޖެ ނަމަ، މުރަކައިގެ ޓިޝޫތަކަށް އަލްގީ ވަދެ، މުރަކަތައް ސަލާމަތްވާނެ އެވެ.

މުރަކަތައް މަރުނުވެ ސަލާމަތްވާ ނިސްބަތް މަތިކުރަން މުރަކަތަކަށް ގެއްލުން ލިބޭ އެހެނިހެން ކަންކަން ވީހާވެސް މަދުކުރުން މުހިއްމެވެ. މުރަކަތައް މަރުވުމުގެ ފުރުސަތު ބޮޑުވާ ބައެއް ކަންކަމަކީ:

  • މޫދަށް ކުނި އެޅުން

  • މޫދު ތަގައްޔަރުވުން

  • ބިން ހިއްކުން

ފާހަގަކޮށްލެވޭ ކަމެއް - ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ގިނައިން ބިން ހިއްކާ އެއް ގައުމެވެ. މީގެ އެތައް އަހަރެއް ކުރިން ހިއްކާފައި ހުރި ބޮޑެތި ބިންތަކުގެ ބޭނުންނުހިފައި، އަލުން ހަމަ އެ ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައި އެބަ ހުއްޓެވެ.

ތިމާވެއްޓާ ގުޅޭ ކަންބޮޑުވުންތަކަށް ސަރުކާރުތަކުން ދޭ ސަމާލުކަން ކުޑަކަމުގެ ޝަކުވާ، ތިމާވެށީގެ ހިމާޔަތްތެރިން އަބަދުވެސް އަންނަނީ ކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް