ޕީއެންސީގެ ސެނެޓް ބައްދަލުވުމެއްގެ ތެރެއިން އަބްދުއްރަހީމް (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

މަޖިލިސްގެ ރައީސަށް ވަޑައިގަތުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

އަބްދުއްރަހީމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން މަޖިލިސް ރައީސަކަށް އައުމާ މެދު އޭނާ ނުވިސްނަވާ

ކުރިއަށް އޮތް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އޭނާ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަދި ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު، އަބްދުއްރަހީމް އަބްދުﷲ ރޭ ދެއްވައިފި އެވެ. 

ވީ ކިހިނެއް؟ - މަޖިލިސް ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަބްދުއްރަހީމް، މަޖިލިސް އިންތިހާބުގެ ނަތީޖާއަށް ފަހު ވިދާޅުވީ، އޭނާ އެ މަގާމަށް އައުމާ މެދު އަދި ނުވިސްނަވާ ކަމަށެވެ. ނަމަވެސް އެކަމާ މިހާރު ވިސްނަވަމުންދާކަން ހާމަވީ، މަޖިލިސް އިންތިހާބުގައި ލ. އަތޮޅުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އަބްދުއްރަހީމް ނިސްބަތްވެވަޑައިގަންނަވާ ލ. ފޮނަދޫގައި ރޭ ބޭއްވި އުފާފާޅުކުރުމުގައި އަމިއްލައަށް ދެއްކެވި ވާހަކަތަކުންނެވެ.

ތަފްސީލު -  ރޭގެ އުފާފާޅުކުުރުމުގައި އަބްދުއްރަހީމްގެ 15 ވަރަކަށް މިނެޓުގެ ވާހަކަ ނިންމާލެއްވީ، މަޖިލިސް ރައީސް ކަމަށް އޭނާ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ނުސީދާ ގޮތެއްގައި ދެއްވުމަށް ފަހު އެވެ. އެ މެސެޖު ދެއްވުމުގެ ކުރިން، އޭނާގެ ސިޔާސީ ހަޔާތުގައި ފޮނަދޫ ދާއިރާގެ ރައްޔިތުން ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވި އެވެ.

"އަޅުގަނޑަށް ސިޔާސީ ގޮތުން މިއަދު އާދެވިފައިވާ ހިސާބަށް އާދެވުމުގެ އަސްލަކީ، ފޮނަދޫގެ ލޮބުވެތި ރައްޔިތުން. ތިޔަ ބޭފުޅުން ދެއްވި ތާއީދު، ތިޔަ ބޭފުޅުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން. އެހެން ނޫން ނަމަ މިއަދު މި މަގާމަށް އަޅުގަނޑަށް ނާދެވުނީސް،" ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ކޮންމެ މަގާމަކަށް ދިޔަކަމުގައި ވިޔަސް" ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަތިން ހަނދާން ނުނެތޭނެ ކަމަށެވެ. އަދި އެ ރައްޔިތުންނަށް އޭނާގެ "ހިތުގައި އޮންނާނީ އަބަދުވެސް އިހުތިރާމާއި ލޯބި" ކަމަށް ވިދާޅުވި އެވެ.

[ފޮނަދޫގެ ރައްޔިތުން] ދެކެމުން އައި ހުވަފެންތަކެއް އެބަ އޮތް. ހަޔާތުގައި ވަރަށް މަދުން ނޫނީ ފުރުސަތެއް ނުލިބޭ. ބުއްދިވެރިންނަކީ ލިބޭ ފުރުސަތު ހެޔޮ ގޮތުގައި ހިފާ މީހުން.

އަބްދުއްރަހީމް އަބްދުﷲ/ ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު
5 ފެބްރުއަރީ 2024: ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާއަށް ބޭފުޅުން ވަޑައިގަތުން ތެރެއިން ރައީސްގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ(އަދުރޭ)، (ފޮޓޯ/ މަޖިލިސް)

އެއާ އެކު، ދެން އޭނާ ވިދާޅުވީ "އިރާދަކުރެއްވިއްޔާ އަދި މިއަށް ވުރެ އުފާވެރި ރެއެއް އަޅުގަނޑުމެންނާ ބަދަލުކުރާނެ. އެ ވާހަކައިގެ ތަފްސީލަކަށް އަޅުގަނޑު ނުދާނަން. އެކަމަކު ވެސް އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ހަބަރު ދެމުން،" ވާހަކަ ނިންމާލާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ވާހަކައިގެ ކުރީކޮޅު އޭނާ ވިދާޅުވީ، ސިޔާސީ ގޮތުން ލ. އަތޮޅުގެ ތާރީހު ފުރަތަމަ ފަހަރަށް ބަދަލުވެއްޖެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މި ސަރުކާރުގެ ކެބިނެޓްގެ މުހިންމު ދެ މިނިސްޓްރީއަކަށް ފޮނަދުއަށް ނިސްބަތްވާ ދެ ބޭފުޅުން ރައީސް މުއިއްޒު އައްޔަން ކުރެއްވުމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެއީ ދިވެހި ދައުލަތް ހިނގަމުން އައި މިދިޔަ 4،000 އަހަރުގެ ތާރީހުގައި ވެސް ނުވެ އޮތް ކަމެކެވެ.

"ހައްދުންމަތީގެ ސިޔާސީ ތާރީހު ބަދަލުކޮށްދެއްވީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. [އެއީ] އެންމެ ބާރު ގަދަ ދެ ވަޒީރުންގެ ގޮތުގައި ތިއްބެވީ، ފޮނަދޫގެ ރައްޔިތުން. ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، ޓޫއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އޭގެ އިތުރުން އަޅުގަނޑު ވެސް ކޮންމެވެސް ހިސާބެއްގައި އެބަ ލައްވާލާ،" މޫނުމައްޗަށް ހިނިތުންވުމެއް ގެންނަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރު ކަމުގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ އައްޔަން ކުރައްވަނީ. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

އޭގެ ނަތީޖާއެއްގެ ގޮތުން، ރައީސް މުއިއްޒުގެ މި ސަރުކާރު ދެމެހެއްޓުމަށް "ފޮނަދުއަށް ވުރެ ވަކިން ބޮޑަށް މަސައްކަތްކުރަން ޖެހޭނެ އެހެން އެއްވެސް ރަށެއް ރާއްޖޭގައި އޮތް ކަމަށް" އޭނާ ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފޮނަދުއަށް ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަ ހުއްޓެވެ. އެކަން ފުރިހަމަކުރުމަށް ރަށުގެ ރައްޔިތުން ސިޔާސީ ފިކުރު އެއްކިބައިކޮށް، ފޮނަދޫގެ ވަތަނީ ފިކުރު ކުރިއަށް ނެރުމަށް ވެސް އެދިވަޑައިގެންނެެވި އެވެ.

"[ފޮނަދޫގެ ރައްޔިތުން] ދެކެމުން އައި ހުވަފެންތަކެއް އެބަ އޮތް. ހަޔާތުގައި ވަރަށް މަދުން ނޫނީ ފުރުސަތެއް ނުލިބޭ. ބުއްދިވެރިންނަކީ ލިބޭ ފުރުސަތު ހެޔޮ ގޮތުގައި ހިފާ މީހުން. މިއަދު މިއޮތީ އިރާދަކުރެއްވިއްޔާ ހައްދުންމައްޗަށް، ހާއްސަކޮށް ފޮނަދުއަށް ރަނުގެ ފުރުސަތެއް ލިބިފައި. މި ފުުރުސަތުގެ ބޭނުން ހިފުމަށް ފޮނަދޫގެ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ވިހިވަނަ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 73 މެންބަރުން އެބަ ތިއްބެވެ. އެހެންކަމުން މަޖިލިސް ރައީސްކަމަށް އަންނާނީ، ޕީއެންސީގެ ފަރާތުން އެންޑޯސްކުރާ ބޭފުޅެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް