އެމްއެންޔޫ މެޑިކަލް ސްކޫލުގެ ދަރިވަރުންތަކެއް (ފޮޓޯ/ އެމްއެންޔޫ)

މެޑިކަލް ސްކޫލްގެ ދަރިވަރުން އެދެނީ ދާއިމީ ހައްލު އަވަސްކޮށްދިނުމަށް

މީގެ ކުރިން މެޑިކަލް ސްކޫލްގެ ދަރިވަރުން ކިޔަވަމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގައި. އެ ތަނުން ނުކުތުމަށް އެންގުމުން މައި ކެމްޕަހަށް ކިޔެވުން ބަދަލުކުރަން ޖެހިފައިވާއިރު، އޭގެ އަސަރު އެހެން ފެކްލްޓީތަކުގެ 1،000 އަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް ކުރާނެ ކަމަށް ދަރިވަރުންގެ ޔޫނިއަނުން ބުނޭ
26 އޭޕްރީލު 2024

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެޑިކަލް ސްކޫލްގެ ދަރިވަރުން ދަރުމަވަން ހޮސްޕިޓަލުން ނުކުތުމަށް އެންގުމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، މި މައްސަލައަށް އަވަސްގޮތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެޑިކަލް ސްކޫލުގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތުން ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމިކަން އެމްއެންޔޫއިން އިއުލާންކުރީ އިއްޔެ އެވެ.

އެމްއެންޔޫއިން ބުނާ ގޮތުގައި 2018 ގައި ދަރުމަވަންތަ ހޮސްޕިޓަލްގައި މެޑިކަލް ސްކޫލް ގާއިމްކުރީ ވަގުތީ ގޮތުންނެވެ. މައި ކެމްޕަހަށް ބަދަލުކުރުމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާނެ ކަމެއް ނޫން ކަމަށް ޔުނިވާސިޓީގެ ބަޔާނުގައިވެ އެވެ. އެހެން ނަމަވެސް މެޑިކަލްގެ ސްކޫލްގެ ދަރިވަރުންގެ ބޮޑެތި ކަންބޮޑުވުންތަކާ އެކު އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަނުން ވެސް އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ދުރުން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ތަފްސީލު - "ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިީގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފަރާތުން، އެ ދަރިވަރުން ކިޔަވަމުންދާ އިމާރާތުން ނުކުތުމަށް އެންގުމާ ގުޅިގެން ވަރަށް ގިނަ ޝަކުވާތަކެއް މި ޔޫނިއަންއަށް ވަނީ ލިބިފަ އެވެ،" އެ ބަޔާނުގައިވެ އެވެ.

މެޑިކަލް ސްކޫލުގެ ވަސީލަތްތައް އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމާފައިވާއިރު، ދަރިވަރުންގެ ޔޫނިއަންއިން ބުނި ގޮތުގައި އެމްއެންޔޫއިން ގެންނަ ވަގުތީ ހައްލުގެ ސަބަބުން ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި މިވަގުތު ކިޔަވަމުންދާ ފައުންޑޭޝަން ސްޓަޑީޒްގެ ދަރިވަރުންނާއި އެހެން ފެކަލްޓީތަކުގެ ދަރިވަރުންގެ ކިޔެވުމުގެ އިންތިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

"މިފަދަ ބަދަލަކާ ގުޅިގެން 1،000އަށްވުރެ ގިނަ ދަރިވަރުންގެ ތައުލީމު ހާސިލުކުރުމުގެ މަސައްކަތްތަކަށް ސީދާ އަދި ނުސީދާ ގޮތެއްގައި އަސަރުކުރާނެ އެވެ،" ދަރިވަރުންގެ ޔޫނިއަންގެ ބަޔާނުގައިވެ އެވެ.

ގައުމީ ޔުނިވާސިޓީ

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި:

  • މިކަމާ ގުޅޭގޮތުން ރައީސް އޮފީހަށް 24 އޭޕްރީލްގައި ސިޓީއެއް ފޮނުވި

  • އެ ސިޓީގައި ދަރިވަރުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން އެދުނު؛ ޖަވާބު ލިބުނުކަން ނުވަތަ ނުލިބުނުކަން ބަޔާނުގައި ނެތް

  • ދަރިވަރުންގެ ޔޫނިއަންއިން މަސައްކަތް ކުރަމުންދަނީ ދައުލަތުގެ މުއައްސަސާތަކާ އެކު މަސައްކަތްކޮށް ހައްލެއް ހޯދުމަށް

"އަޅުގަނޑުމެން ދަރިވަރުންގެ އެދުމަކީ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނަށް ހާއްސަކޮށް އެޅުމަށް ހަމަޖެހިފައިވާ ޓީޗިން ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ނިންމޭނެ ގޮތްތަކެއް ހޯދައިދީ، ދާއިމީކޮށް ދަރިވަރުންނަށް މިކަމުގައި އަވަސް ހައްލެއް ހޯދައިދިނުމަށެވެ،" ބަޔާނުގައިވެ އެވެ.

"އަދި މިފަދަ ހައްލެއް ހޯދައިދެވެންދެން މިހާރު ދަރިވަރުން ކިޔަވަމުން އަންނަ އިމާރާތުގައި ދަރިވަރުންގެ ކިޔެވުމުގެ އިންތިޒާމު ކުރިއަށްގެންދެވޭނެ ގޮތަކަށް ހަމަޖެހިގެން ދިއުމެވެ."

ގުޅުންހުރި ކަމެއް - އެމްއެންޔޫއިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ މެޑިކަލް ސްކޫލްގެ ކިޔެވުން މައި ކެމްޕަހަށް ބަދަލުކުރަން ޖެހުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޖާގަ އިތުރުކޮށް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ.

ކިޔެވުން މައި ކެމްޕަހަށް ބަދަލުކުރި ނަމަވެސް، އެމްއެންޔޫއިން ބުނި ގޮތުގައި ހޮސްޕިޓަލުން ދަރިވަރުންނަށް ލިބެން ޖެހޭ އަމަލީ ތަޖުރިބާތައް ކުރިއެކޭ އެއްގޮތަށް ވެސް ލިބެމުންދާނެ އެވެ.

މެޑިކަލް ސްކޫލުގެ އާ ކެމްޕަސް ހުޅުމާލޭގައި އެޅުމުގެ އިންތިޒާމްތައް ޔުނިވާސިޓީއާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޔޫއިން ބުންޏެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް