ދަރުމަވަންތަ ހޮސްޕިޓަލް: މެޑިކަލް ސްކޫލް 2018ގައި ހުޅުވީ މި ހޮސްޕިޓަލްގައި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މެޑިކަލް ސްކޫލުގެ ކިޔެވުން އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަނީ

އެމްއެންޔޫ އިން ބުނީ ހޮސްޕިޓަލުން ދަރިވަރުންނަށް ލިބެން ޖެހޭ އަމަލީ ތަޖުރިބާ ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށް

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެޑިކަލް ސްކޫލުގެ ކިޔެވުން އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމައިފި އެވެ. މެޑިކަލް ސްކޫލުގެ ކިޔެވުން މީގެ ކުރިން ކުރިއަށް ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.

ވީ ކިހިނެއް؟ - އެމްއެންޔޫއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ 2018ގައި މެޑިކަލް ސްކޫލު ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކުރީ ވަގުތީ ގޮތުން ކަމަށެވެ. އެ ހޮސްޕިޓަލުގެ ޖާގަ އިތުރުކޮށް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ މެޑިކަލް ސްކޫލުގެ ވަސީލަތްތައް އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ ކަމަށް ވެސް ބުންޏެވެ.

ތަފްސީލް - އެމްއެންޔޫއިން ބުނީ އެއީ ރައްޔިތުންނަށް ވެސް ފައިދާ ކުރާނެ ނިންމުމެއް ކަމަށެވެ.

"މި ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުން ދެވޭ އެއްވެސް ހިދުމަތަކަށް ބުރޫނާރާނެ ގޮތަށް އެ އިންތިޒާމުތައް މި ޔުނިވާސިޓީގައި ގާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެމްއެންޔޫ މެޑިކަލް ސްކޫލުގެ ދަރިވަރުން ތަމްރީން ހޯދުމުގައި (ފޮޓޯ/ އެމްއެންޔޫ)

އެމްއެންޔޫއިން ބުނި ގޮތުގައި ހޮސްޕިޓަލުން ދަރިވަރުންނަށް ލިބެން ޖެހޭ އަމަލީ ތަޖުރިބާތައް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުން މެޑިކަލް ސްކޫލުގެ އާ ކެމްޕަސް ހުޅުމާލޭގައި އެޅުމުގެ އިންތިޒާމްތައް ޔުނިވާސިޓީއާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޔޫއިން ބުންޏެވެ.

އެ ޔުނިވާސިޓީ އިން ބުނީ އަބަދުވެސް އިސްކަން ދޭނީ ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް ކިޔެވުމުގެ ފެންވަރު ހިފަހައްޓަން ކަމަށެވެ.

ފާހަގަކުރެވޭ ކަމެއް - އެމްއެންޔޫ މެޑިކަލް ސްކޫލުގައި މިހާރު ވެސް ގާތްގަނޑަކަށް 300 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް