ކުރީގެ ނައިބު ރައީސް ފައިސަލް އަދި ކޮއްކޮ ނަޒްރާ (ފޮޓޯ/ސޯޝަލް މީޑިއާ)
ފުވައްމުލަކު އެމްޑީޕީ އިން ވެސް ބުނީ ފައިސަލް އެންޓި ކެމްޕޭން ކުރިކަމަށް
މިދިޔަ އާދިއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރި ނަޒްރާ ނަސީމްއަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެންޓި ކެމްޕޭނު ކުރި ކަމަށް އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާ ގޮފިން ވެސް ބުނެފި އެވެ.
ވީ ކިހިނެއް؟ - ނަޒްރާ އަށް ގޮނޑި ގެއްލުވާލީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، ކުރީގެ ނައިބު ރައީސް ފައިސަލް ކަމަށް ތުހުމަތު ކުރައްވައި، އެމްޑީޕީގެ ފަރާތުން އެ މައްސަލަ ބަލައި ފައިސަލްއާ މެދު ފިޔަވަޅު އަޅަން، ނަޒްރާގެ ފިރިކަލުން އަދި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ޕާޓީއަށް މައްސަލަ ހުށަހަޅައިފަ އެވެ.
އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ކުޑަ ފަރަގަކުން ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އިބްރާހިމް ހުސައިން އެވެ. ނަޒުރާއަށް ގޮނޑި ގެއްލުނީ އެންމެ 48 ވޯޓުގެ ތަފާތުންނެވެ.
ތަފްސީލް - އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާ ގޮފިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފުނާޑު އަދި ދޫޑިގަމަށް ނިސްބަތްވާ ރައްޔިތުންނަށް ފައިސަލް ގުޅާ، ނަޒްރާއަށް ވޯޓު ނުދޭން އެދިފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާ ގައި އެމްޑީޕީ ބަލިވީ 500 ވޯޓުން ކަމަށާއި އެކަމަކު މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެ އަދަދު48 އަށް ކުޑަވި ކަމަށެވެ.
"ދާދިފަހުން އެމްޑީޕީ އާ ގުޅިވަޑައިގެން މަޖިލިސް ކެމްޕޭނުގައި އެކު ކެންޑިޑޭޓުންގެ ދާއިރާތަކަށް ވަޑައިގެންނެވި އިރު މި ދާއިރާ އަށް ނިސްބަތްވާ އެތައް ރައްޔިތުން މި ދާއިރާގެ ކެމްޕޭނަށް ފައިސަލް ނަސީމު ވަޑައިގަތުމަށް އެދުނު އެދުމަށް ވަނީ ބީރު ކަންފަތެއް ދެއްވައިފަ އެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ؛
-
ނަޒްރާގެ ކެމްޕޭނަށް ފައިސަލް ނުގެނެވޭނެ ކަމަށާއި އެމަނިކުފާނުގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށް ވާދަވެރި ކެމްޕޭނު ޓީމުން ބުނަމުން ދިޔަ ކަމަށް
-
މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް މުހައްމަދު އަސްލަމް ހަމަޖެއްސުމުން ފައިސަލް ގެންދެވީ ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށް ތުހުމަތުކުރި
-
ޒިންމާދާރު މަގާމެއް ފުރުއްވާފައިވާ ބޭފުޅަކު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ނުކޮށް ވާދަވެރި ކެންޑިޑޭޓަށް ތާއީދު ކުރުމަކީ އެ ދާއިރާގެ އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުންގެ ހައްގަށް އުނިކަމެއް ލިބުނު ކަމެއް ކަމަށް
ފާހަގަ ކުރެވޭ - ފައިސަލްއާ މެދު ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން އޭނާ އިއްޔެ 'ދައުރު' އަށް ވިދާޅުވީ އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކާ ދެކޮޅަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވާނެ ކަމަށެވެ.
ކޮމެންޓް (1)
މަހޭ