ނަޒްރާ ނަސީމް (ނަޒޫ) މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން އެއްވުމެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ކެމްޕެއިން ޓީމު)
މަހުލޫފްގެ ތުހުމަތެއް: 'ނަޒްރާއަށް ގޮނޑި ގެއްލުވާލީ ފައިސަލް'
ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ނަޒްރާ ނަސީމް (ނަޒޫ) އަށް ގެއްލުވާލީ އޭނާގެ ބޭބޭފުޅު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކަމަށް ތުހުމަތު ކުރައްވައި، އެމްޑީޕީގެ ފަރާތުން އެ މައްސަލަ ބަލައި ފައިސަލްއާ މެދު ފިޔަވަޅު އަޅަން، ނަޒްރާގެ ފިރިކަލުން އަދި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ގޮވާލައްވައިފި އެވެ.
ފައިސަލް އެ ތުހުމަތު ދޮގުކުރައްވަ އެވެ.
ފެށުން - މިދިޔަ އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ކުޑަ ފަރަގަކުން ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އިބްރާހިމް ހުސައިން އެވެ.
ފާހަގަކޮށްލެވޭ - އެެ ދާއިރާއަށް އެމްޑީޕީން ކުރިމަތިލެއްވި ކެންޑިޑޭޓް، މަހުލޫފްގެ އަނބިކަނބަލުން އަދި ފައިސަލްގެ ކޮއްކޯފުޅު ނަޒްރާއަށް ގޮނޑި ގެއްލުނީ އެންމެ 48 ވޯޓުގެ ތަފާތުންނެވެ.
ފައިސަލް ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިރު އެމަނިކުފާނުގެ ޗީފް އެގްޒެކެޓިވްގެ މަގާމު އަދާކުރެއްވި ނަޒްރާއަށް މަޖިލިސް އިންތިހާބު ނާކާމިޔާބުވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފް އިން ވެސް އިންތިހާބުގައި ތާއީދުކުރީ ނަޒްރާ އަށެވެ.
ވީ ކިހިނެއް؟ - ނަޒްރާއަށް ގޮނޑި ގެއްލުވާލުމުގެ ފަހަތުގައި ހުންނެވީ ފައިސަލް ކަމަށް ތުހުމަތު ކުރައްވައި މަހުލޫފު ފޮނުއްވާފައިވާ މެސެޖެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ބުނީ ކީކޭ؟ - ސައްހަކަން ކަށަވަރު ވެފައިވާ އެ މެސެޖުގައި މަހުލޫފު ވިދާޅުވެފައިވާ ގޮތުގައި:
-
އެމްޑީޕީއަށް ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ގެއްލުވާލީ "ސީދާ ފައިސަލް"
-
އާއިލާގެ މެމްބަރުންނަށް އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅުއްވައިގެން ފައިސަލް ގެންދެވީ އޭނާގެ ކޮއްކޮ ނަޒްރާއާ ދެކޮޅަށް މަސައްކަތް ކުރައްވަމުން؛ އެކަން ނަޒްރާގެ މައިންބަފައިންނާއި އާއިލާއަށް ވެސް އެނގޭ
-
ފުވައްމުލަކު ދެކުނު ދާއިރާގެ ޓީމުގެ ފަރާތުން އެ މައްސަލަ އެމްޑީޕީއަށް ހުށަހަޅާނެ؛ ތިބީ މި މައްސަލާގައި ދޫދޭ ގޮތަކަށް ނޫން
"މި މައްސަލަ ފެށުނީ ރިޔާސީ އިންތިހާބުގައި [މުހައްމަދު] އަސްލަމް [ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ] ރަނިން މޭޓަކަށް ހަމަޖެއްސި ހިސާބުން،" މަހުލޫފްގެ މެސެޖުގައި ވެ އެވެ.
އޭގެ އިތުރުން ވެސް ސަބަބެއް ހިމެނޭ ކަމަށާއި އެ މައްސަލަ މިހާރު އާއިލާގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ. އެކަމާ ގުޅޭގޮތުން 'ދައުރު' އިން އޭނާ ސުވާލުކުރުން:
-
އެއީ ސީދާ ފައިސަލްގެ މައްސަލަ އަކަށް ނުވާތީ އަދި މައްސަލައިގެ ބާވަތުގެ ސަބަބުން އެއީ ކޮން ކަމެއްކަން ހާމަކުރައްވަން މަހުލޫފް އުޒުރުވެރިވެ ވަޑައިގެންނެވި
-
މަހުލޫފް ވިދާޅުވީ އެ މައްސަލަ ސިޔާސީ ކުރަން ބޭނުން ނުވާ ކަމަށް އަދި ޖެންޑާ މިނިސްޓްރީ އާއި ފުލުހުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް
"ރައީސް ސޯލިހުގެ ވެރިކަން ނިންމަން އެތައް މަސައްކަތެއް ކުރި ގޮތަށް މިފަހަރު މި ގޮނޑި ވެސް މިވަނީ ގެއްލުވާލާފައި،" މަހުލޫފު ވިދާޅުވި އެވެ.
މަހުލޫފް އެކްސްގައި ވިދާޅުވީ ބަލި ގަބޫލުކުރާ ކަމަށެވެ. ނަމަވެސް މައްސަލަ ބަލައި އެމްޑީޕީގެ ފަރާތުން ފައިސަލްއާ މެދު ފިޔަވަޅު އަޅަން މަހުލޫފު ގޮވާލައްވާފައިވެ އެވެ.
އޭނާ 'ދައުރު'އަށް ވިދާޅުވީ، ވީހާވެސް އަވަހަކަށް އެ މައްސަލަ ރަސްމީކޮށް އެމްޑީޕީއަށް ހުށަހަޅާނެ ކަމަށެވެ.
ފުވައްމުލަކު ދެކުނު ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް ހުސެއިނަށް މަރުޙަބާ ދަންނަވަން.
— Ahmed Mahloof (@AhmedMahloof) April 22, 2024
އިންސާނަކު އިންތިޚާބެއް ކާމިޔާބުކުރަން ކުރެވޭނެ ހުރިހާ މަސައްކަތެއް ނަޒޫކުރި. 48 ވޯޓުގެ ފަރަގަކުން ކާމިޔާބު ނުލިބުނުނަމަވެސް ތިޔަ ހޯދި ބޮޑު ނަތީޖާއަށް އަދި ކުރި މަސައްކަތަށް… https://t.co/6XPDp1Dpmf
ބަލި ގަބޫލުކުރަމެވެ.
— Ahmed Mahloof (@AhmedMahloof) April 23, 2024
އެކަމަކު މިއީ މިކަން ހިނގާދިޔަގޮތުގެ ހަގީގަތެވެ. މިކަމުގައި ނަޒޫގެ އާއިލާ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ ޓީމު އޮތީ ދޫދޭގޮތަކަށްނޫނެވެ. މިމައްސަލަ ބަލާ MDP ގެ ފަރާތުން ފައިސަލް އަށް ފިޔަވަޅުއަޅަންޖެހޭ.
ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއި ދެކޮޅަށް… https://t.co/avwHuX0lG2
ފައިސަލްގެ ބަސް - މަހުލޫފްގެ ތުހުމަތާ ގުޅޭގޮތުން 'ދައުރު'އިން ސުވާލު ކުރުމުން ފައިސަލް ވިދާޅުވީ "އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކާ ދެކޮޅަށް އަޅުގަނޑު އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވާނެ" ކަމަށެވެ.
"އަޅުގަނޑަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރީ އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކޮށްދޭން. ތި ކުރެވޭ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް އޮތް ތުހުމަތުތަކެއް ނޫން ކަމުގައި ދަންނަވަން."
ކޮމެންޓް (5)
ޢެކަމަކު
ސައްޓިކިއްލި
ސައިމާ
ފޯމުލަތް
ގަރުދިޔަ