ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް: ހަތަރު ދައުރަށް ފަހު އޭނާއަށް ވަނީ ގޮނޑި ގެއްލިފައި (ފޮޓޯ/ މަޖިލިސް)

އަސްލަމްގެ ބޮޑުބޭބެގެ ނަސޭހަތް: ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެ. އެކަމަކު ތިއީ އައްޑޫގެ ވަރުގަދަ ތަނބެއް

މިފަހަރުގެ އިންތިހާބު ގެއްލުނު އިރު ރައްޔިތުންގެ މަޖިލިހުގެ ހަތަރު އިންތިހާބެއް ކާމިޔާބުކުރައްވައި، މުހައްމަދު އަސްލަމް ވަނީ 20 އަހަރު އައްޑޫ ރައްޔިތުން ތަމްސީލްކުރައްވާފައި
23 އޭޕްރީލު 2024
5

އާދިއްތަދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ސަރުކާރާއި ޕީއެންސީން އެމްޑީޕީގެ ބައެއް އިސް މެމްބަރުން ކަޓުވާލަން ހާއްސަ މަސައްކަތްތަކެއް ކުރި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަމާޒަކީ މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމެވެ.

ސަރުކާރާއި ޕީއެންސީގެ އެ މަސައްކަތް ކާމިޔާބުވި އެވެ. ރައްޔިތުންގެ މަޖިލިހުގައި އައްޑު އަތޮޅު ތަމްސީލްކުރައްވަން 2004ގައި ފެއްޓެވި ފަހުން ބޭއްވި އެއްވެސް އިންތިހާބަކުން، މީގެ ކުރިން، އަސްލަމް ބަލިވެފައެއް ނެތެވެ. އެހެންކަމުން އޭނާއަކީ އައްޑޫގެ މައި ރަށް ނުވަތަ އަވަށް، ހިތަދޫގެ ވެސް ސިޔާސީ އެންމެ ނުފޫޒު ގަދަ އެއް ބޭފުޅެވެ.

ރައްޔިތުންގެ މަޖިލިހުގައި 20 އަހަރަކީ ރާއްޖޭގެ ނިސްބަތުން ވަރަށް ދިގު މުއްދަތެކެވެ. އަސްލަމަކީ އެހާ ދިގު މުއްދަތެއްގައި އައްޑޫ ސިޓީ ތަމްސީލްކުރެއްވީ ހަމައެކަނި މެމްބަރު ވެސް މެ އެވެ.

ފުރަތަމަ ފަހަރަށް އަސްލަމަށް ގޮނޑި ގެއްލުމުގެ ހިތާމަ އޭނާގެ އިތުރުން އެމްޑީޕީ އާއި އޭނާގެ އަމިއްލަ އާއިލާއަށް ވެސް އެބަ އޮތެވެ. އެކަން ބައްޕަ ފަރާތު ބޮޑުބޭބެ އަދި ދީނީ އިލްމުވެރިޔާ ހަސަން ލަތީފް މޫސާ، އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުން ވެސް އެނގެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަސްލަމްގެ ބޮޑުބޭބެ އަދި ދީނީ އިލްމުވެރިޔާ ހަސަން ލަތީފް މޫސާ

މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ކިޔަވާވިދާޅުވެގެން ހުންނެވި އަދި އައްޑޫ ސިޓީގެ ތައުލީމީ ދާއިރާގައި ވެސް އިސް ހިދުމަތްތަކެއް ކުރެއްވި ހަސަން އޭނާގެ ކޮއްކޮއަށް ދެއްވި  ނަސޭހަތުގައި ވިދާޅުވީ "ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ" ކަމަށެވެ.

އެހެންކަމުން "ދަރިފުޅުގެ މަޖްލިސްގެ ދައުރު ނިމުނީ އެވެ،" ހަސަން ލިއުއްވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މިދިއަ ދިގު މުއްދަތުގައި ރައްޔިތުންގެ މަޖިލިހުގައި އަސްލަމް ކުރެއްވި މަސައްކަތަށް ތައުރީފް ހައްގެވެ. އެ މަސައްކަތްތަކުގެ ސަބަބުން އަސްލަމް ހިމެނޭނީ އައްޑޫގެ ބިޔަ ތަނބުތަކުގެ ތެރޭގައި ކަމަށް ވެސް ވިދާޅުވި އެވެ.

ތިޔައީ "އައްޑޫގެ ތާރީޚުގައި ރަން އަކުރުން ނަން ފަވާލެވޭނެ ދަރިއެކެވެ،" ހަސަން ލިއުއްވި އެވެ.

އަސްލަމަށް މުހާތަބުކުރައްވާ ހަސަން ބޭނުންކުރައްވަނީ 'ދަރިފުޅެ'ވެ. އެ އާއިލާއާ ކައިރި އައްޑޫ މީހަކު 'ދައުރު'އަށް ބުނީ އަސްލަމް ދެކެ ހަސަން ވަރަށް ލޯބިވާނެ ކަމަށެވެ. އަދި އެ އާއިލާގެ ގުޅުން ވެސް އެހާމެ ވަރުގަދަވާނެ ކަމަށް އޭނާ ބުންޏެވެ.

ހަސަންގެ ޕޯސްޓްގައި ދުނިޔޭގެ އާދަތަކުގެ މަތިން ވެސް ހަނދާންކޮށްދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި އަސްލަމް ކުރެއްވި މަސައްކަތުގެ ތެރެއިން މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތް މާ ފުރިހަމަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި އޭރުގެ މުގައްރިރު އަސްލަމް އާއި އޭރު މަޖިލީހުގެ ރައީސް ނަޝީދު (ފޮޓޯ/ މަޖިލިސް)

"މިފަދަ ކަންކަމަށް ހަސަދަވެރިވާ ބަޔަކު ވެސް ތިބޭނެ އެވެ. އެކަމާ ހުރެ ހަމަނިދި ނުނިދޭ ބަޔަކު ވެސް ތިބޭނެ އެވެ،" ހަސަން ވިދާޅުވި އެވެ.

މަޖިލިހުގެ ރިޔާސަތަށް އަސްލަމް އިންތިހާބުކުރީ އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުން އިސްތިއުފާ ދެއްވުމުންނެވެ. އެމްޑީޕީގެ ތެރޭގައި ބޮޑު ބައިބައިވުމެއް އުފެދުނު އިރު އަސްލަމް ހުންނެވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި، އެމަނިކުފާނުގެ އިސް އެހީތެރިއެއްގެ ގޮތުގަ އެވެ.

ހަސަންގެ ޕޯސްޓް ނިންމާލެއްވީ ހިންދީ ލަވައެއްގެ ބައިތަކުންނެވެ.

"ރުކުޖާނަ ނެހީ ތޫ ކަހީނ ހާރުކޭ: ކާނޓޯންޕޭ ޗަލްކޭ މިލޭނގެ ސާއޭ ބަހާރުކޭ."

މާނައަކީ: (ކަމަކުން) ނާކާމިޔާބުވުމުން ހުއްޓި ނުހުންނާށެވެ. ރަބީއު މޫސުމުގެ ހަމަޖެހުމާއި އުފާވެރިކަން ހާސިލުވާނީ (ހަރީފު މޫސުމުގެ) ކަށިތަކުގެ މަތީގައި ހިނގާފައި ގޮސްގެންނެވެ.

ކޮމެންޓް (5)

profile-image-placeholder

އޮޑައްސައު

23 އޭޕްރީލު 2024
19 ވަނަ މަޖިލީހަށް އަސްލަމް ހޮވުނީ ނަސީބަކުން ކަމާއި އޭގެ ތަފްސީލު އެންމެ ބޮޑަށް އެނގޭނީ އަސްލަމަށެވެ. އެތަޖްރިބާގެ އަލީގައި މިފަހަރަކީ ކުރިމަތިލުން ހުއްޓާލަންވީ ބުރެވެ. ކުރިމަތި ލުމަކީ ހެދުނު މިސްޓޭކެކެވެ. އަސްލަމަށް ހެޔޮ ދުޢާ. ދީދީ

ސާސް

23 އޭޕްރީލު 2024
ތީހުސްދޮގު އައްޑު ސިޓީއަށް އެއްވެސް ހެޔޮއެދޭ މީހެއްނޫންތީ، އައްޑޫ މީހުން ވާވައްދާފައި އަމިއްލަ އެދުމާއިގެން އުޅުނު މީހެއްތީ! އަޅަ ތިއައިލާ މީހަކު ބުނަލަދީބަލަ، ފާއިތުވި 20 އަހަރު ތެރޭގައި އައްޑޫއަށް އަދި ހާއްސަކޮށް ޤައުމަށް ތީނަގެ ފަރާތުންއައި ކުރިއެރުމެއް ނުޖވަތަ ކޮށްދިންކަމެއް! ކޮންމެކަމަކަށްވެސް ކަނޑައެޅިފައިވާވަގުތެއްވޭ! އެވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހެނީ އެހެންވެ! ވަގުތު ފާއިތު ވެއްޖެ! ދެން ރަށުތެރެއިން ކޮންމެވެސް އެހެންކަމަކާއިގެން އުޅޭ!

ސައީދު

23 އޭޕްރީލު 2024
އަސްލަމަކީ އައްޑޫގެ ވަރުގަދަ ތަނބެއްނޫން! ދިވެހި ސަރުކާރުން ފުރަތައަށް ވޯލްޑް ބޭކުން ނެގި ލޯނަށް މުހިއްބުއްދީން ސްކޫލް އަޅައި އެތަނަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނޭ އަސްލަމް ތިން އަހަރަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅެފައި ރާއްޖެއައީ ޑިގްރީ ނަހަދައި. އޭނާއާއެކު ކިޔަވަން ދިޔަ މީހުން ވަނީ މުހިއްބުއްދީން ސްކޫލުގައި އައްޑޫގެ ދަރިވަރުންނަށް ކިޔަވައިދީފައި. އަސްލަމަށް ޑިގްރީ ނެތުމުގެ ސަބަބުން ވަޒީފާއެއް ވެސް ނުލިބުނު. އަސްލަމާއި އޭނާގެ ތައުލީމީ ރައްޓެހިން ގުޅިގެން ހެދި ސްކޫލް ނުހިންގި ބަނގުރޫޓުވެގެން ދިޔައިރު ސްކޫލް ހިންގަން ހަވާލުވެ އުޅުނީ އަސްލަމް. ކިޔަވަން ނުުގޮސް ދުވާލު ނިދުމުގައި ރޭގަނޑު އެހެން ކަންތަކުގައި މަޝްޢޫލުވެގެން އުޅުނު އަސްލަމް ފަރުވާކުޑަކަމުން ޑިގްރީ ނުނިންމި މައްސަލައިގައި ކޯހަށް ދިޔަ ޚަރަދު ހޯދަން ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާކޮށްފައި. ހުކުމުގައި އޮތީ ފައިސާ ދައްކަން. އޭނާ މަޖިލީހުގައި ހޭދަ ކުރި ދިގު 20 އަހަރުގައި ދާއިރާއަށް ޓަކައި އަތޮޅަށްޓަކައި ހަމަ އެއްވެސް ކަމެއް ނުކުރޭ.

މޫސަ

23 އޭޕްރީލު 2024
މިނިޓު ކުރިން 1 "އާދިއްތަދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ސަރުކާރާއި ޕީއެންސީން އެމްޑީޕީގެ ބައެއް އިސް މެމްބަރުން ކަޓުވާލަން ހާއްސަ މަސައްކަތްތަކެއް ކުރި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަމާޒަކީ މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމެވެ." މޫސަ ތިލިޔެފައިވާ ވާހަކައަކީ ތެދެއް ހެއްޔެވެ؟ ދޮގުވާހަކަ ފަތުރާ ފިތުނަ ނުއުފައްދާށެވެ. ކޮންމެ ބަޔަކުވެސް އެބަޔަކަށް "ލިބުމަށް" މަސައްކަތް ކުރާނެއެވެ. އޭގެ މާނައަކީ ކަޓުވާލުމެއް ނޫނެވެ. މޑޕ މީހުން ރައީސް ކަޓުވާލަން އެކުރަނީ ކިހާ މަސައްކަތެއް ހެއްޔެވެ؟ މޫސަ އެއާއި ބެހޭ ވާހަކައެއް ލިޔުނުހެއްޔެވެ؟ މޫސައަށް ސަލާމް...

ރުކުޖާނަނެހީ

23 އޭޕްރީލު 2024
ކޮންމެ ކަމަކަށްވެސް ނިމުން އަންނާނެ. ސީޒަރާ ނަޕޯލިަން އަދި ކޮބާ ރައީސް މައުމޫނުގެ ވެރިކަންވެސް ނިމިގެން ދިޔައީ. މިއީ އިލާހީ ގާނޫނު. އެހެންވީމަ 20 އަހަރަށް ފަހު އަސްލަމްގެ ދައުރުވެސް އެނިމުނީ. އަސްލަމްގެ ބައްޕަ ސޯދިގަކީވެސް 80އިގެ ކުރީކޮޅު އައްޑުއަތޮޚުގެ މެންބަރުކަން ކުރެއްވި ބޭފުޅެއް. އަދި ސަރުކާރަށް ޚިދުމަތް ކުރެއްވި ބޭފުޅެއް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް