މަޖިލީހުގެ ޖަލްސާއެއްގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވާހަކަދައްކަވަނީ.(ފޮޓޯ/ މަޖިލިސް)

ކަރަންޓު އުފައްދަން ދޭ 28 މިލިއަން ޑޮލަރުގެ ސަބްސިޑީ ބޮޑުކަމުގެ ކަންބޮޑުވުން މެމްބަރު ސަލީމް ފާޅުކުރައްވައިފި

ސަލީމް ވިދާޅުވީ އިއާދަކުރަނިވި ހަކަތަ އުފައްދައި ޕްރޮމޯޓުކުރުމަށް އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށް

ކަރަންޓު އުފައްދަން ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ބޮޑު ހޭދައެއް ކުރާތީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. އަންނަ އަހަރުގެ ބަޖެޓުގައި 28 މިލިއަން ޑޮލަރު (432.6 މިލިއަން ޑޮލަރު) މި ދާއިރާގެ ސަބްސިޑީއަށް ހިމަނާފައިވެ އެވެ.

ވީ ކިހިނެއް؟ -  ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް މަރުކަޒީ ބޭންކުގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓް  އޯވަޑްރޯ ކުރުން ނުވަތަ ފައިސާ ޗާޕުކުރުމަށް ސަރުކާރަށް ދީފައިވާ ހުއްދަ އަނެއްކާ ވެސް އިތުރު އަހަރަކަށް ދަންމާލުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން އިގްތިސޯދީ ކޮމެޓީން ފާސްކުރި ރިޕޯޓަށް ބަހުސްކުރައްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ އާމްދަނީ އިތުރު ކުރާނެ އިތުރު ގޮތްތަކެއް ހޯދައި ހަރަދު ކުޑަކުރަން ވިސްނުން ގެންގުޅެން ޖެހޭ ކަމަށެވެ.

ނަމަވެސް، މިހާރު މި އޮތް ހާލަތަކީ އާންމު ހާލަތު ނޫން ކަމަށާއި ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް ފިިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ވ. ތިނަދޫގެ އާ އިންޖީނުގެ: ކަރަންޓު އުފައްދަން ބޭނުންވާ ތެލަށް ދޭ ސަބްސިޑީ ކުޑަކުރަން މެމްބަރު ސަލީމް މިއަދު ގޮވާލެއްވި. (ފޮޓޯ/ސްޓެލްކޯ)

ބުނީ ކީކޭ؟ - ފިޗުން ރާއްޖެ އަށް ދީފައިވާ ބީ މައިނަސް ރޭޓިންގެ އިތުރުން، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން ހުންނާނެ ގޮތާ ގުޅޭ ގޮތުން ވޯލްޑް ބޭންކާއި އައިއެމްއެފް އިން ކޮށްފައިވާ އަންދާޒާތަކަށް އިޝާރަތްކުރައްވައި ސަލީމް ވިދާޅުވީ ކޮވިޑަށް ފަހު އިގްތިސޯދު އެންމެ ރަނގަޅަށް ކުރިއަރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނު ނަމަވެސް ބަޖެޓުގައި ނެގެޓިވް އިންވެސްޓުމެންޓުތަކެއް އެބަހުރި ކަމަށެވެ. އެއީ ހަކަތަ އާއި ގުޅުންހުރި އިންވެސްޓުމެންޓުތައް ކަމަށާއި އެ ކަންތައް މަދުކުރަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

"28 މިލިއަން ޑޮލަރު އެބައޮތް ފިއުލް ސަބްސިޑީ އަށް. އެއީ މުޅި ޕީއެސްއައިޕީގެ %5،" ސަލީމް ފާހަގަކުރެއްވި އެވެ.

ކަރަންޓުގެ ސަބްސިޑީ:

  • ދެ ވައްތަރެއްގެ ސަބްސިޑީ ދޭ

  • 2018 އަދި 2019ގައި، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އެތެރެކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް ސަބްސިޑީގެ ގޮތުގައި ޖުމްލަ 34 މިލިއަން ޑޮލަރު (525.3 މިލިއަން ރުފިޔާ) ދިން

  • މިއީ ހަކަތަ އުފައްދާ ކުންފުނިތަކަށް އެއް އަގެއްގައި ތެޔޮވިއްކަން ދޭ ސަބްސިޑީއެއް

  • ކަރަންޓު އަގުހެޔޮ ކުރަން ވެސް ކުންފުނިތަކަށް އިތުރު ސަބްސިޑީއެއް ދޭ

  • މި ދެ ސަބްސިޑީއަށް އަހަރަކު ޖުމްލަ 28 މިލިއަން ޑޮލަރު ހޭދަކުރޭ

މިގޮތަށް ދޫކުރާ ސަބްސިޑީ އަކީ ކުޑަކުރެވިދާނެ ސަބްސިޑީއެއް ކަމަށާއި އެކަން ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުން މުހިއްމު ކަމަށް މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް