21/4/2024؛ ރައީސުން މަޖިލިސް އިންތިހާބުގައި ވޯޓުލައްވަން ވަޑައިގަތުން؛ ކުރީގެ ރައީސް ޔާމީން ފިޔަވައި ހުރިހާ ރައީސުން މިހާރު ވަނީ ވޯޓުލައްވާފައި

ހުރިހާ ރައީސުން ވެސް އިލްތިމާސްކުރެއްވީ ލަސްނުކޮށް އަވަހަށް ވޯޓުލާން ދިއުމަށް

ރައީސް ޔާމީން ފިޔަވައި ހުރިހާ ރައީސުން މިހާރު ވަނީ ވޯޓުލައްވާފައި؛ ޔާމީން ވޯޓުލައްވަން ވަޑައިގަންނަވާ ވަގުތެއް އަދި ސާފެއް ނުވޭ

އެންމެ ފަހު ވަގުތަށް މަޑުނުކުރައްވާ ވީހާވެެސް އަވަހަށް ވޯޓުލުމަށް ދިއުމަށާއި ވޯޓުލުމުގެ ހައްގު ދޫނުކޮށް އެންމެ ފުރިހަމައަށް އަދާކުރުމަށް ހުރިހާ ރައީސުން ވެސް މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ހެނދުނު 8 ޖެހީންސުރެ ފެށިގެން ދަނީ ކުރިއަށެވެ. ވޯޓުލުމުގެ ފުރުސަތު ހަވީރު 5:30 އަށް ބަންދުވާނެ އެވެ. ނަމަވެސް، ވޯޓުލާން ގޮސްތިބި މީހުންގެ އަަދަދު މަދުކަން ފާހަގަކުރެ ވެއެވެ. އަދި، ބައެއް މަރުކަޒުތަކުގައި އެއްވެސް ވަރަކަށް ކިއު ވެސް ނެތެވެ.

ރައީސް މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާހެން، ރައީސްކަން ކޮށްފައިވާ ކުރީގެ ރައީސުން ވެސް ވަޑައިގެން މިހާރު ވަނީ ވޯޓުލައްވާފަ އެވެ. ކުރީގެ ރައީސުންގެ ތެރެއިން މިހާރު ވޯޓުނުލައްވާ ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. ޔާމީންގެ ފަރާތުން ވޯޓުލާން ވަޑައިގަންނަވާ ވަގުތެއް އަދި ހާމައެއް ނުކުރައްވަ އެވެ.

ތަފްސީލް - ހެނދުނު 8:30ގައި ވޯޓުލެއްވުމަށް ފަހު މީޑިއާތަކާ ބައްދަލުކުރައްވާ ރައީސް މުއިއްޒު އިލްތިމާސްކުރެއްވީ، ހަވީރު ވަންދެން ނުތިބެ، ހުރިހާ ރައްޔިތުން ވެސް ވީހާވެސް އަވަހަކަށް ނިކުމެ ވޯޓުލުމުގެ ހައްގު އަދާކުރެއްވުމަށެވެ. 

"ވޯޓުލުމަކީ ހުރިހާ ރައްޔިތުންނަށް ވެސް ލިބިފައިވާ ހައްގެއް އަދި ޒިންމާއެއް. އެހެންކަމުން ކޮންމެހެން ހަވީރު ވަންދެން ނުތިއްބަވާ ހުރިހާ ރައްޔިތުން ނިކުމެ ވީހާވެސް އަވަހަށް ވޯޓުލުމުގެ ހައްގު އަދާކޮށްދެއްވާ،" ވަރަށް ކުރުކޮށް މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒު ވޯޓު ލައްވަނީ (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވަން ވަޑައިގެންނެވީ ހެނދުނު 10:30ގަ އެވެ. ވޯޓުލެއްވުމަށް ފަހު މީޑިއާތަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވެސް އިލްތިމާސްކުރެއްވީ ވީހާވެސް އަވަހަށް ވޯޓު ލެއްވުމަށެވެ. އަދި، މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވެސް ބޮޑު އަގުލަބިއްޔަތެއް ލިބިގެން ދިއުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މިއީ ކޮންމެ ރައްޔިތަކަށް ވެސް ލިބިފައިވާ ވަރަށް ބޮޑަށް ހައްގެއް. އެ ހައްގުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކޮންމެ ރައްޔިތަކު ވެސް ހިއްޕެވުމަކީ ގައުމުގެ މަސްލަހަތާއި ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް. އިލްތިމާސްއަކީ ވީހާވެސް ގިނަ ބަޔަކު ވީހާވެސް އަވަހަށް ނިކުމެ ވޯޓުލެއްވުން. މި އިންތިހާބުގައި އެމްޑީޕީއަށް އަގުލަބިއްޔަތު ލިބޭތަން ފެނޭ،" ސޯލިހް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް ސޯލިހު ވޯޓުލައްވަނީ. އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ހިންނަވަރު ދާއިރާގެ ފޮއްޓަށް (ފޮޓޯ/އެމްޑީޕީ)

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަން ވަޑައިގެންނެވީ 11 ޖެހިއިރު އެވެ. ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ބައްދަލުކުރައްވާ އެ މަނިކުފާނު ވެސް އިލްތިމާސްކުރެއްވީ ފަހު ވަގުތަށް މަޑުނުކުރައްވާ ވީހާ ވެސް ގިނަ ބަޔަކު ނިކުމެ ވޯޓު ދެއްވުމަށެވެ.

"މަޖިލީހެއް ކޮންމެ ފަސް އަހަރަކުން އެބަ އިންތުިހާބުކުރެވޭ. އުންމީދަކީ ވީހާވެސް ގިނަ ބޭފުޅުން ވޯޓުދެއްވާނެ ކަމުގެ އުންމީދު. އަދި މި މަސައްކަތުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ދައުލަތުގެ އެންމެ މުހިންމު ބާރު އުފެއްދުމުގެ ވޯޓު އަހާ ދުވަސް މިއަދު މިއީ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް ނަޝީދު ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވޯޓުލެއްވީ 11:15 ހާއިރު އެވެ. ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވެސް އިލްތިމާސްކުރެއްވީ އެންމެން ވެސް ވީހާ ވެސް އަވަހަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށެވެ. އަދި، ވޯޓުލުމުގެ ކަންކަން ވީހާވެސް އަމާންއަމާންކަމާއި ސުލުހަވެރިކަމާއެކު ނިންމާލެއްވުމަށް އެދިވަޑައިގަތެވެ.

މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް މައުމޫން ވޯޓުލައްވަނީ

ފާހަގަކޮށްލެވޭ ކަމެއް - އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި 12 ޖެހުމާ ހަމަޔަށް ވޯޓުލާފައިވަނީ 93،224 މީހުންނެވެ. މިއީ ވޯޓުލުމުގެ ހައްގުލިބޭ މީހުންގެ ތެރެއިން %32 މީހުންނެވެ. 

ކޮމެންޓް (1)

profile-image-placeholder

ހަސީ

21 އޭޕްރީލު 2024
މާޝާﷲ. އަދިވެސް ހަމަ އެންމެ ރީތީ މައުމޫނު :)) އެންމެ ބަލާޣާތްތެރި އެންމެ ފަޞާޙަތްތެރި، އެންމެ ޢިލްމުވެރި ބޭފުޅަކީވެސް ހަމަ މައުމޫނު.

އިތުރު އާޓިކަލް

އިތުރު އާޓިކަލް