އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު، ކުރިން 'ދައުރު'އަށް ދެއްވި އިންޓަވިއުގައި --ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފައިސާގައި ނުޖެހި، އެމީހަކަށް އެންމެ ރަނގަޅު މީހަކަށް ވޯޓުލައްވާ: ފުވާދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ ވޯޓު ލުމުގެ ހައްގަކީ ވަރަށް މުހިންމު ހައްގެއް ކަމަށް

ފައިސާގައި ނުޖެހުމަށާއި އެމީހެއްގެ ދާއިރާ ތަމްސީލުކުރަން ރައްޔިތުންގެ މަޖިލީހުގައި އެންމެ ރަނގަޅު މަސައްކަތެއް ކޮށްދޭނެ ކަމަށް ގަބޫލުކުރެވޭ މީހަކަށް ވޯޓު ދިނުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ރައީސް ފުވާދު ތައުފީގު މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލިސް އިންތިހާބު 2024ގެ ވޯޓުލުން މުޅި ރާއްޖޭގައި މިހާރު ފެށިގެން ކުރިއަށް އެބަދެ އެވެ. ދެންމެ އީސީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ އެއް ގަޑިއިރުގެ ތެރޭގައި ވޯޓުލީ 24،703 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ތެެެރެއިން %8.68 މީހުންނެވެ.

ވީހާވެސް އަވަހަށް ވޯޓުލާން ދިއުމަށާއި ވޯޓުގެ ހައްގު އަދާކުރަން އިލްތިމާސްކުރައްވާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފުވާދު ވިދާޅުވީ ވޯޓަކީ ވަރަށް މުހިންމު ޒިންމާއެއްގެ އިތުރުން ގައުމީ ވާޖިބެއް ވެސް ކަމަށެވެ. 

ބުނީ ކީކޭ؟ - ވޯޓުލުމުގެ ހައްގަކީ އިޖުތިމާއީ ވެސް ޒިންމާއެއް ކަން ފާހަގަކުރައްވާ ފުވާދު ވިދާޅުވީ އެ ޒިންމާ އަދާކުރަން ޖެހޭނީ މިނިވަންކަމާ އެކު ކަމަށެވެ. އަދި އެ ހައްގު އަދާކުރުމުގެ ބަދަލުގައި ލިބޭނެ ފައިސާއެއްގައި ނުޖެހުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

"އެމީހެއްގެ ފަރާތުން އެމީހަކު ދެކޭ ގޮތުގައި އެމީހެއްގެ އަޑު މަޖިލިސްގެ ތަޅުމުގައި އުފުލަން އެންމެ އެކަށީގެންވާ، އެންމެ ގާބިލު ކަމަށް ދެކެވަޑައިގަންނަވާ މީހަކަށް ވޯޓު ލެއްވީމައި ހުންނާނީ ރަނގަަޅަށް،" ފުވާދު ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް މީހަކު ދޭ ފައިސާއެއްގައި ނުވަތަ ހަދިޔާއެއްގައި ނުހިއްޕެވުމަކީ ވަރަށް މުހިންމު ކަމެއް. މިއަދު ކޮންމެ މީހަކީ ވެސް މިނިވަނެއްގެ ގޮތުގައި ހުރެގެން ވޯޓުލެއްވުމަކީ ހަމަ ވަރަށް މުހިންމު ކަމެއް. އެހެންވީމާ ވޯޓުލެއްވުމުގެ ވާޖިބު އަދާކުރައްވާށޭ އަޅުގަނޑު ދަންނަވާނީ." 

ވޯޓުޗލާން ދިއުމުގެ ކުރިން ކޮންމެ މީހަކު ވެސް އެމީހަކު ވޯޓުލާން ޖެހޭ ތަން ރަނގަޅަށް ޔަގީންކުރަން ވެސް އިލްތިމާސްކުރެއްވި އެވެ.

ވޯޓު ލާން ޖެހޭ ތަން ބެލުމަކީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ.

ފުވާދު ވިދާޅުވީ:

  • ވީއާރް، އައިޑީ ކާޑު ނަންބަރު ޖަހާފައި 1414 އަށް ފޮނުވުމުން އެމީހަކު ވޯޓުލާން ދާން ޖެހޭ ތަން މެސެޖަކުން ލިބޭނެ

  • ކުރީ ފަހަރު ވޯޓުލީ ތަނަށް މިފަހަރު ގޮސްގެން އެތަނުގައި ވޯޓުލެވޭ ގޮތް ނުވެދާނެ

  • ވޯޓު ފޮށިތައް ހުރި ތަންތަން މިފަހަރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި

އެނގުން މުހިންމު - މޫސުމަށް ބަލައި، ވޯޓުލުމުގައި ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ވޯޓުލުމުގެ ވަގުތު މިފަހަރު ވަނީ 5:30އަށް އިތުރުކޮށްފަ އެވެ. ނަމަވެސް ވޯޓުލާ ވަގުތު އެއަށް ވުރެ ދެން އިތުރު ނުކުރާނެ ކަމަށް ވެސް އީސީން ބުނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް