ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ފަހު ވޯޓް ގުނުމުގެ މަސައްކަތް މިއަދު ކުރަނީ (ދައުރު ފޮޓޯ/އަނޫފު ޖުނައިދު)

ލައިވް

މަޖިލިސް 24: ޕީއެންސީ މަޖިލިހުގެ ބޮޑު މެޖޯރިޓީއަކާ ދިމާލަށް

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ޕީއެންސީގެ ކެންޑިޑޭޓުން ގެންދަނީ 65 ދާއިރާއަށް ވުރެ ގިނަ ދާއިރާއިން ކުރި ހޯއްދަވަމުން
21 އޭޕްރީލު 2024
 
22:00 Apr 21, 2024

މާލޭގެ ތިން ގޮނޑި ފިޔަވާ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީން ނަގައިފި. އެމްޑީޕީއަށް ޒަމާނުއްސުރެ އޮންނަ މާލޭގެ ބޮޑު މެޖޯރިޓީއެއް ހޯދީ ސަރުކާރުން. 

 
21:15 Apr 21, 2024

ޕީއެންސީ ބޮޑު މެޖޯރިޓީއަކާ ދިމާލަށް

މަޖިލިސް އިންތިހާބުގައި ވޯޓު ލެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު މީޑިއާތަކާ ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މިހާތަނަށް ލިބުނު ނަތީޖާއަށް ބަލާއިރު ސަރުކާރު ނިސްބަތްވާ ޕީއެންސީއަށް ބޮޑު އަގުލަބިއްޔަތެއް އަންނަނީ ލިބެމުން. 'ދައުރު'ގެ ނަތީޖާއިން ފެންނަނީ މި ވަގުތު65 ދާއިރާއަށް ވުރެ ގިނަ ދާއިރާއިން ޕީއެންސީގެ ކެންޑިޑޭޓުން ކުރީގައި އުޅުއްވާ ތަން.

މިހާރުގެ މަޖިލިހުގައި ބޮޑު އަގުލަބިއްޔަތު ކޮންޓްރޯލް ކުރަމުން އަންނަ އެމްޑީޕީއަށް މި އިންތިހާބަކީ ވަރަށް ބޮޑު ނާކާމިޔާބީއެއް ކަމަށް ބެލެވޭ. 

އިންތިހާބުން ފެންނަ އަނެއް މަންޒަރަކީ އެމްޑީޕީ ބައިބައިވެ، ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ނަތީޖާ ވަރަށް ހިތިކަން. އެގޮތުން އެމްޑީޕީގެ ކުރީގެ އިސް މެމްބަރުންގެ ގޮތުގައި ހިމެނުނު އީވާ އަބްދުﷲ އާއި އަލީ އާޒިމް އަދި އިމްތިޔާޒު ފަހުމީ (އިންތި) ވެސް ވަނީ ކަޓާފައި. މިއީ މިދިއަ ތިން ދައުރުގައި މެމްބަރުކަން ކުރެއްވި ތިން ބޭފުޅުން.

 
18:23 Apr 21, 2024

ވޯޓް ގުނުން ކުރިއަށް

  • ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ފަހު ވޯޓް ގުނުމުގެ މަސައްކަތް މިއަދު ކުރަނީ (ދައުރު ފޮޓޯ/އަނޫފު ޖުނައިދު)
  • ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ފަހު ވޯޓް ގުނުމުގެ މަސައްކަތް މިއަދު ކުރަނީ (ދައުރު ފޮޓޯ/އަނޫފު ޖުނައިދު)
  • ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ފަހު ވޯޓް ގުނުމުގެ މަސައްކަތް މިއަދު ކުރަނީ (ދައުރު ފޮޓޯ/އަނޫފު ޖުނައިދު)
 
18:12 Apr 21, 2024

ބައެއް ފޮށިތައް ގުނަން ފަށައިފި

މާފަންނުސްޓޭޑިއަމްގައި ހުރި ނޮޅިވަރަމް ދާއިރާ އަދި ހާނިމާދޫ ދާއިރާގެ ވޯޓް ފޮށި މިހާރު ވަނީ ގުނަން ފަށާފައި. 

މިއަދުގެ އިންތިހާބަށް ފަހު ވޯޓް ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ (ދައުރު ފޮޓޯ)
 
18:04 Apr 21, 2024

މިއީ އެންމެ މަދުން ވޯޓު ލީ މަޖިލިސް އިންތިހާބު ބާ؟

ދާދި ދެންމެއަކު އިލެކްޝަންސް ކޮމިޝަނުން ނެރުނު ތަފާސްހިސާބަށް ބަލާއިރު މިއީ އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުތަކުގެ ތެރެއިން އެންމެ މަދުން މީހުން ވޯޓު ލީ އިންތިހާބަށް ވުން ކައިރި. ވޯޓު ފޮށިތައް ބަންދުކުރަން ފެށިއިރު ވޯޓު ލީ ނިސްބަތް ހުރީ %72.96ގައި. އަދިވެސް ބައެއް ސެންޓަރުތަކުގައި ކިޔޫ އޮތުމުން އެ އަދަދު މައްޗަށް ދާނެ.

މިފަހަރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަަކީ 284،663. މީގެ ތެރެއިން އީސީން ދެންމެ ތަފާސްހިސާބުތައް އާންމުކުރި އިރު ވޯޓު ލާފައި ވަނީ 207،693 މީހުން. ވޯޓު ނުލާ ތިބި މީހުންގެ އަދަދަކީ 76،970.

ކުރީގެ އިންތިހާބުތައް

  • 2009: 78.15%

  • 2014: 78.80%

  • 2019: 81.32%

 
17:49 Apr 21, 2024

އިންތިހާބުގައި %72 މީހުން ވޯޓު ލާފައިވޭ

މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގައި %72 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. ވޯޓު ލާން ނުކުންނަ މީހުންގެ ނިސްބަތަށް ބަލާފައި، މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރީ %70 އަށް ވުރެ ގިނަ މީހުން ވޯޓު ލާނެކަން. މިވަގުތު ވެސް ބައެއް ސެންޓަރުތަކުގައި ކިޔޫ އޮތުމުން %72 އަށް ވުރެ މައްޗަށް ދިއުން އެކަށީގެންވޭ.

 
17:43 Apr 21, 2024

މާލޭގައި ހުރި ސެންޓަރެއްގެ ކިޔޫ ބަންދުކޮށް އޮފިޝަލަކު އެކަން އަންގަނީ

ވޯޓު ލާން ކަނޑައަޅާފައިވާ ގަޑި 5:30ގައި ހަމަވުމާ އެކު ސެންޓަރުތަކުގައި މިހާރު ވަނީ ކިޔޫ ބަންދުކޮށްފައި. އޭގެ މާނައަކީ މިހާރު ވޯޓު ލާން އިތުރު އެއްވެސް ބަޔަކަށް ނުދެވޭނެކަން. ގަޑި ޖެހުމުގެ ކުރިން ކިޔޫއަށް އަރާފައި ހުރި މީހަކަށް ވިއްޔާ ވޯޓު ލުމުގެ ފުރުސަތު ދޭނެ.

 
17:33 Apr 21, 2024

ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ މުޅި ސިޔާސީ މަސްރަހު ބައްޓަންވުން ބިނާވާނެ އާ ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިހާބުކުރަން މިއަދު މުޅި ރާއްޖޭގައި ބާއްވާ އިންތިހާބުގައި ބައެއް ފޮށިތައް ބަންދުކޮށްފި. ވޯޓު ލާން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި އޮތީ ހެނދުނު 8:00 އިން ހަވީރު 5:30އަށް.

 
17:22 Apr 21, 2024

ބައެއް ސެންޓަރުތަކުގައި ކިޔޫ ދިގުވެއްޖެ

ވޯޓުލުން ނިމެން 10 މިނިޓަށް ވީ އިރު މާލޭގެ ބައެއް ސެންޓަރުތަކުގެ ކިޔޫ ވަނީ ދިގުވެފައި. އެގޮތުން މާފަންނު ސްޓޭޑިއަމްގައި ހަދާފައި ހުރި ސެންޓަރުގައި ގިނަ އަދަދެއްގެ ބަޔަކު ވޯޓު ލާން ގޮސް އެބަ ތިބި. އެ ސެންޓަރުގައި 20 ވޯޓު ފޮށި ވަނީ ބަހައްޓާފައި. ވޯޓުލުން ނިންމަން ހަމަޖައްސާފައި ވަނީ 5:30 ގައި.

މާފަންނު ސްޓޭޑިއަމްގައި ހުރި ވޯޓު ސެންޓަރުގައި މީހުން ވޯޓު ލާން ގޮސް
މާފަންނު ސްޓޭޑިއަމްގައި ހުރި ވޯޓު ސެންޓަރުގެ މޭޒެއް ކައިރީގައި އިންތިހާބީ އޮފިޝަލުން
 
16:53 Apr 21, 2024

ހަވީރު 4 ޖެހުމާ ހަމައަށް ވޯޓްލާފައި ވަނީ %63.73 މީހުން. އެއީ ވޯޓްލުމުގެ ހައްގު ލިބިގެންވާ 284،663 މީހުންގެ ތެރެއިން 181،406 މީހުން. އެހެން ކަމުން އަދިވެސް %36 މީހުން ވޯޓްނުލާ ކަމަށް ތަފާސްހިސާބުތަކުން 

މިހާތަނަށް ވޯޓުލާފައިވަނީ:

އަންހެން: 88،230

ފިރިހެން:93،176 

 
15:59 Apr 21, 2024

'އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ ވޯޓަށް ނުފޫޒު ފޯރުވާފައ'

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ، ޑިމޮކްރަސީގައި ވޯޓުލާންވާނީ އެއްވެސް މަޖުބޫރު ކަމެއްނެތި އެމީހަކު ބޭނުންވާ މީހަކަށް ކަމަށް. އެކަމަކު މިހާރު އެކަން ހިނގަނީ އެހެން ނޫންކަން ފާހަގަކުރައްވާ އިންތިހާބާ ދިމާކޮށް ސަރުކާރުން ވޯޓަށް ނުފޫޒުފޯރުވަން ގިނަ ކަންތައްތަކެއް ކުރާ ކަމަށް ތުހުމަތުކުރެއްވި.

އެހެން ނަމަވެސް، ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެފަދަ ކަންކަން ހިނގާފައިވޭ އަދި އެ ތުހުމަތުތައް ވަރަށް ބޮޑަށް ކުރި. 

 
15:50 Apr 21, 2024

ދެބައިކުޅައެއްބައި މީހުން ވޯޓްލައިފި

މިއަދު 3 ޖެހުމާ ހަމައަށް %56.26 މީހުން ވޯޓްލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދާދި ދެންމެއަކު ބުނެފި. އަދިވެސް %43.74 މީހުން ވޯޓް ނުލާ އެބަތިބި.

 
15:45 Apr 21, 2024

ޔާމީން ވޯޓް ލައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދި ދެންމެއަކު ވޯޓްލައްވައިފި. އެމަނިކުފާނު ވޯޓް ލެއްވީ އަހުމަދިއްޔާ ސްކޫލްގައި ހުރި ފޮއްޓަށް. 

  • ރައީސް އަބްދުﷲ ޔާމީން ވޯޓް ލެއްވުން (ދައުރު ފޮޓޯ/ޖުނައިދު ސަލީމް)
  • ރައީސް އަބްދުﷲ ޔާމީން ވޯޓް ލެއްވުން (ދައުރު ފޮޓޯ/ޖުނައިދު ސަލީމް)
  • ރައީސް އަބްދުﷲ ޔާމީން ވޯޓް ލެއްވުން (ދައުރު ފޮޓޯ/ޖުނައިދު ސަލީމް)
 
15:37 Apr 21, 2024

މިހާތަނަށް 3 މީހަކު ފުލުހުން ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހިނގި އެކި ކަންކަމާ ވިދިގެން މިހާތަނަށް ޖުމުލަ 3 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. އެއީ: 

  • އެއީ ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން އެކަކު 

  • ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީއިން ދެ މީހަކު

 
15:01 Apr 21, 2024

ވޯޓްކިޔު ބަންދުވާނީ 5:30ގައި

ވޯޓްލާން ދެން ބާކީ އޮތީ 2ގަޑިއިރު. ވޯޓް ކިޔުތައް ބަންދުވާނީ ހަވީރު 5:30ގައި. 

 
14:59 Apr 21, 2024

މަޖިލިސް އިންތިހާބު 24ގެ ވޯޓްލުން

 
14:49 Apr 21, 2024

އިންތިހާބުގެ ވޯޓުލުން ކުރިއަށް

  • ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
  • ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
  • ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
  • ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
  • ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
 
13:52 Apr 21, 2024

1 ޖެހުމާ ހަމައަށް %60 މީހުން ވޯޓެއް ނުލާ

މެންދުރު 1 ޖެހުމާ ހަމައަށް ވޯޓްލާފައި ވަނީ %39.92 މީހުން. އެއީ ވޯޓްލުމުގެ ހައްގު ލިބިގެންވާ 284،663 މީހުންގެ ތެރެއިން 113،627 މީހުން. އެހެން ކަމުން އަދިވެސް %60 މީހުން ވޯޓްނުލާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ. އީސީން ވަނީ މިއަދު ހަވީރު 5:30ގެ ކުރިން ވޯޓްލުމަށް ނިކުމެ ކިޔުގައި ޖެހުމަށް އާންމުންނަށް އިލްތިމާސްކޮށްފައި. ވަގުތު އިތުރުނުކުރާނެ ކަމަށް އީސީން ބުނޭ. 

މިހާރު ޓްރެންޑް ހުރި ގޮތުން، 4 ގަޑިއިރާ ބައިގެ ތެރޭގައި ވޯޓްލާން ނިކުންނާނެ ކަމަށް ބެލެވެނީ %75 މީހުން. އާންމުކޮށް ދިވެހިން ވޯޓްލާން ނިކުންނަނީ މެންދުރުފަހު ކަމަށްވުމުން އިތުރުވުން ވެސް އެކަށީގެންވޭ. 

 
13:34 Apr 21, 2024

12 ޖެހުމާ ހަމައަށް ވޯޓްލީ %32.75 މީހުން

މަޖިލީހުގެ އިންތިބާހުގައި 12 ޖެހުމާ ހަމައަށް ވޯޓްލާފައި ވަނީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން %32.75. އެއީ 93،224 މީހުން. 

 
12:28 Apr 21, 2024

މަޖިލިސް 24 އިންތިހާބު އޮބްޒާވް ކުރުމުގައި ބޭރުގެ އޮބްޒާވަރުން އަންނަނީ ހަރަކާތްތެރިވަމުން. 

 
12:21 Apr 21, 2024

ގަދަ ހޫނުގައި ވޯޓްލުން ކުރިއަށް 

  • މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
  • މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
  • މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
  • ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
 
12:05 Apr 21, 2024

3 ގަޑިއިރުން ވޯޓްލީ %24 މީހުން

ހެނދުނު 11 ޖެހުމާ ހަމައަށް ވޯޓްލާފައި ވަނީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން %24.92 މީހުން. 

 
11:22 Apr 21, 2024

މައުމޫން ވޯޓްލައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ދާދި ދެންމެއަކު ވޯޓްލައްވައިފި. 

 
11:19 Apr 21, 2024

ފުލުހުންްގެ އޮޕަރޭޝަން ކޮމިޝަނަރު ކައިރިން ބައްލަވަނީ

ފުލުހުން ދާދި ދެންމެއަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ގެންދަވަނީ އިންތިހާބާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން ކައިރިން ބައްލަވަމުން ކަމަށް. ފުލުހުންގެ މި އޮޕަރޭޝަންގެ ނަމަކީ އޮޕަރޭޝަން ބްލޫ ޓައިޑް. 

 
11:13 Apr 21, 2024

ނަޝީދު ވޯޓްލައްވައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިންތިހާބުގައި ވޯޓު ލައްވާފައި. އިސްކަންދަރު ސްކޫލުގައި ހުރި ގަލޮޅު އުތުރު ދާއިރާގެ ފޮއްޓަށް ވޯޓު ލެއްވުމަށް ފަހު ނަޝީދު ވަނީ   މަޖިލިސް އިންތިހާބުގައި ވީހާ ވެސް ގިނަ ބަޔަކު ވޯޓު ލާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައި. 

މި ހަރަކާތުގައި ހުރިހާ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވާ. ދައުލަތުގެ މުހިއްމު އެއް ބާރު އުފެއްދުމުގައި ވޯޓު ނަގާ ދުވަސް މިއީ

މުހައްމަދު ނަޝީދު، ކުރީގެ ރައީސް
 
11:10 Apr 21, 2024

10 ޖެހުމާ ހަމައަށް ވޯޓްލީ %16 މީހުން

އީސީން ދާދި ދެންމެއަކު ހާމަކުރި ގޮތުގައި މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް ވޯޓްލާފައި ވަނީ ވޯޓްލުމުގެ ހައްގު ލިބިގެންވާ 284،663 މީހުންގެ ތެރެއިން %16.61 މީހުން. އެއީ 47،296 މީހުން. 

 
11:08 Apr 21, 2024

ރައީސް ސޯލިހު ވޯޓްދެއްވުން

  • ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް ސޯލިހު ވޯޓުލައްވަނީ. އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ހިންނަވަރު ދާއިރާގެ ފޮއްޓަށް (ފޮޓޯ/އެމްޑީޕީ)
  • ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް ސޯލިހު ވޯޓުލައްވަނީ. އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ހިންނަވަރު ދާއިރާގެ ފޮއްޓަށް (ފޮޓޯ/އެމްޑީޕީ)
  • ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް ސޯލިހު ވޯޓުލައްވަނީ. އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ހިންނަވަރު ދާއިރާގެ ފޮއްޓަށް (ފޮޓޯ/އެމްޑީޕީ)
 
10:49 Apr 21, 2024

ވޯޓު ލުމުގެ ހައްގުގެ ބޭނުން ފުރިހަމައަށް އަދާކުރައްވާ: ސޯލިހު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް ސޯލިހު ވޯޓުލައްވަނީ. އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ހިންނަވަރު ދާއިރާގެ ފޮއްޓަށް (ފޮޓޯ/އެމްޑީޕީ)

ޖަމާލުއްދީނު ސްކޫލުގައި ހުރި ޅ. އަތޮޅުގެ ފޮއްޓަކަށް ވޯޓުލެއްވުމަށް ފަހު ކުރީގެ ރައީސް ސޯލިހު ވަނީ ވޯޓު ލުމުގެ ހައްގުގެ ބޭނުން އެންމެ ފުރިހަމައަށް އަދާކުރަން އިލްތިމާސް ކުރައްވާފައި.

"ވޯޓު ލުމުގެ ހައްގަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހައްގެއް. އެ ހައްގުގެ ބޭނުން ހިފުމަކީ ގައުމުގެ މަސްލަހަތަށް ވަރަށް މުހިންމު ކަމެއް،" ވޯޓު ލެއްވުމަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވި.

 
10:34 Apr 21, 2024

މަޖިލިހުގެ ތާރީހުން މެމްބަރުންގެ މުސާރަ

މަތީގައި އެވާ ޗާޓުން އެ ފެންނަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރައަށް އައި ބަދަލުތައް. އެންމެ ކުރިން ލިބެން ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި 1980ގެ އަހަރުތަކުގެ ކުރީކޮޅު މަޖިލިހުގެ މެމްބަރަކަށް ލިބިވަޑައިގަންނަވަނީ 260ރ. އެއީ ފުލްޓައިމް ވަޒީފާއަކަށް ވުރެ ބޮޑަށް ޕާޓްޓައިމް ޒިންމާއެއްގެ ގޮތުގައި މަޖިލިހުގެ މަސައްކަތް އޮތް ދުވަސްވަރު. މެމްބަރުންގެ މުސާރަ 1990ގެ އަަހަރުތަކުގެ ކުރީކޮޅު 2،200ރ އަށް ބޮޑުކުރި. ދެން 2000ގެ އަހަރުތަކަށް އެޅެން އުޅެނިކޮށް 4،700ރ އަށް ބޮޑުކުރި. އެންމެ ބޮޑު ކުރިއެރުމެއް އައީ އާ ޑިމޮކްރަސީއަށް ބަދަލުވުމުގެ މަސައްކަތް ފެށި ދުވަސްވަރު ކަމަށްވާ 2006ގައި. މިހާރު މުސާރަ އާއި އެލަވަންސްގެ ގޮތުގައި ޖުމްލަ 82،000ރ ލިބިވަޑައިގަންނަވާ.

 
10:24 Apr 21, 2024

ޒުވާނުން އަދި ފެންނަލެއް މަދު

މިއީ މިދިއަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޒުވާނަކު ވޯޓު ލުމަށް ފަހު އިނގިލީގެ ނިޝާން ދައްކާލި ފޮޓޯއެއް  (ދައުރު ފޮޓޯ/ހުސައިން ސުނޭން))

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަލަށް 500-600އާ ދެމެދުގެ އަދަދެއްގެ ޒުވާނުންނަށް ވޯޓު ލެވޭނެ ކަމަށް، ކުރިން އިލެކްޝަންސް ކޮމިޝަނުން އޮތީ ބުނެފައި. އެއީ 17 މާޗު އާއި 21 އެޕްރީލްއާ ދެމެދު 18 އަހަރު ފުރޭ ކުދިންގެ އަދަދު. ކުރިން އިންތިހާބު ބާއްވަން އޮތީ 17 މާޗުގައި. އެކަމަކު ރޯދަމަހު އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުން 21 އެޕްރީލަށް ފަސްކުރީ. މާލޭގެ ވޯޓު ސެންޓަރުތަކުން ޒުވާނުން އަދި މާ ގިނައިން ނުފެންނަ ކަމަށް 'ދައުރު'ގެ ރިޕޯޓަރުން ބުނޭ.

"އަދި މި ފެންނަނީ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ބޮޑަށް އުޅޭ ޒުވާނުން ކަމަށް ލަފާކުރެވެނީ. އަނެއްހެން ވޯޓު ލާން އަދިއެއް ނާދޭ އަލަށް ވޯޓު ލާ ކުދިންނަށް ބެލެވޭ ކަހަލަ ކުދިންނެއް،" އެއް ރިޕޯޓަރަކު ބުންޏެވެ.

އާންމު ގޮތެއްގައި ގިނަ މީހުން ވޯޓު ލާން ނުކުންނަނީ މެންދުރު ފަހު. އެހެންކަމުން ހަވީރު އަތަށް ޖަހާލީމާ ޒުވާނުން ވެސް ގިނައިން ފެނުން އެކަށީގެންވޭ.

 
10:09 Apr 21, 2024

ވީހާވެސް އަވަހަށް ވޯޓުލައްވާ: ފުއާދު

މިއަދު ކުރިއަށްދާ މަޖިލިސް އިންތިހާބާ ގުޅިގެން ދެންމެ ޕީއެސްއެމްއަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ވޯޓުލުމަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށާއި އެއީ ގައުމީ ވާޖިބެއް ކަމަށެވެ. އަދި ވޯޓުލާތަން ޔަގީންކުރެއްވުމަށް ފަހު ވީހާ ވެސް އަވަހަށް ވޯޓުލައްވަން ވަޑައިގެންނެވުމަށް އޭނާ އިލްތިމާސްކުރެއްވި.

"އެމީހެއްގެ ފަރާތުން އެމީހަކު ދެކޭގޮތުގައި އެމީހެއްގެ އަޑު މަޖިލިސްގެ ތަޅުމުގައި އުފުލަން އެންމެ އެކަށީގެންވާ، މިކަމަށް އެންމެ ގާބިލު ކަމަށް ދެކިވަޑައިގަންނަވާ މީހަކަށް ވޯޓު ލެއްވީމާ ހުންނާނީ ރަނގަަޅަށް. އެއްގޮތަކަށް ވެސް މީހަކު ދޭ ފައިސާއެއްގައި ނުވަތަ ހަދިޔާއެއްގައި ނުހިއްޕެވުމަކީ ވަރަށް މުހިންމު ކަމެއް. އެއީ މިއަދު ކޮންމެ މީހަކީ ވެސް މިނިވަނެއްގެ ގޮތުގައި ހުރެގެން ވޯޓުލެއްވުމަކީ ހަމަ ވަރަށް މުހިންމު ކަމެއް. އެހެންވީމާ ވޯޓުލެއްވުމުގެ ވާޖިބު އަދާކުރައްވާށޭ އަޅުގަނޑު ދަންނަވާނީ،" ފުވާދު ވިދާޅުވި އެވެ.

މާޗް 22، 2023: އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
 
09:35 Apr 21, 2024

ވޯޓްލުން ކުރިއަށްދާއިރު ވަރަށް ހޫނު ގަދަ. މިއަދުގެ ހޫނުމިން މާލެއަށް ހުރީ 32 ޑިގްރީ ސެލްސިއަސްގައި. އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 39 ޑިގްރީ ސެލްސިއަސްގައި. 

މިއަދު މާލޭގެ މޫސުން
 
09:30 Apr 21, 2024

ފޮޓޯ - ވޯޓްލުން ކުރިއަށް ދަނީ

މަޖިލިސް 24 އިންތިހާބުގައި ވޯޓްލުން ކުރިއަށް ދަނީ - ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު
މަޖިލިސް 24 އިންތިހާބުގައި ވޯޓްލުން ކުރިއަށް ދަނީ - ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު
 
09:20 Apr 21, 2024

ހުރިހާ ފޮއްޓެއްގައި ވޯޓްލާން މިހާރު ފެށިއްޖެ

މީގެ އިރުކޮޅެއް ކުރިން އީސީން ބުނީ ރާއްޖޭގެ ހުރިހާ މަރުކަޒެއްގައި ވޯޓްލުން މިހާރު ފެށިފައިވާ ކަމަށް. 

 
09:15 Apr 21, 2024

%96 ފޮށީގައި ވަގުތަށް ވޯޓްލާން ފެށުނު

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަޒަން ޒަކަރިއްޔާ މީގެ އިރުކޮޅެއް ކުރިން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ %96 ފޮށީގައި ވަގުތަށް ވޯޓުލުން ފެށުނު ކަމަށް. އެއީ 578 ފޮއްޓެއް. އަދި ހެނދުނު 9ޖަހާއިރު ހުރިހާ ފޮއްޓެއްގައި ވޯޓްލުން ފެށޭނޭ ކަމަށް ވިދާޅުވި. 

ކޮންމެހެން ހަވީރުވަންދެން މަޑު ނުކުރައްވާ ހަމަ އެ ބޭފުޅަކު ވޯޓުލައްވަން ޖެހޭ މަރުކަޒަކަށް ވަޑައިގެން ވޯޓު ލެއްވުމަކީ އެބޭފުޅެއްގެ ހައްގެއް އަދި ޒިންމާ އެއް

ޒަކަރިއްޔާ، އީސީގެ މެންބަރު 

ވޯޓްލުން ކުރިއަށް ދަނީ މިއަދު ހެނދުނު 8އިން ހަވީރު 5އަށް. 

 
09:02 Apr 21, 2024

ރައީސް މުއިއްޒު ވޯޓްދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒު ވޯޓު ލައްވަނީ (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)
 
08:52 Apr 21, 2024

ރައީސްގެ އިލްތިމާސް: ވޯޓްލާން އަވަހަށް ނިކުންނަވާ

ތާޖުއްދީން ސްކޫލް ހޯލްގައި ހުރި ވޯޓް ފޮއްޓަށް ވޯޓްލުމަށް ފަހު ރައީސް މުއިއްޒު މީޑިއާތަކަށް އިލްތިމާސްކުރެއްވީ ހުރިހާ ރައްޔިތުން ވެސް ނިކުމެ ވީހާ ވެސް އަވަހަކަށް ވޯޓުލައި އެ މީހުންގެ ޒިންމާ އަދާކޮށްދެއްވުމަށް. 

 
08:52 Apr 21, 2024

މަޖިލިހުގެ ތާރީހަށް ބަލައިލުމެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް 1932ގައި ރައްޔިތުންގެ މަޖިލިހެއް އުފެއްދި ފަހުން ވަރަށް ދިގު މުއްދަތެއް ދިޔައީ ވަކި އަދަދަކަށް މެމްބަރުން ކަނޑައަޅައި، ކޮންމެ އިންތިހާބެއްގައި އިތުރުނުވާ ގޮތަށް. އެކަން ބަދަލުވީ 2008ގެ އާ ގާނޫނުއަސާސީގައި ދާއިރާތައް ގިނަކޮށް، އަދި އާބާދީ އިތުރުވާ ނިސްބަތުން މެމްބަރުން ވެސް އިތުރުކުރެވޭ ގޮތަށް ކަނޑައެޅުމުން. އޭގެ ކުރިން އޮތީ 50 މެމްބަރުންގެ މަޖިލިހެއް. އެއީ ކޮންމެ އަތޮޅަކާއި މާލެއަށް ވެސް ދެ ގޮނޑި އަދި ރައީސުލްޖުމްހޫރިއްޔާ އަައްޔަންކުރައްވާ އަށް މެމްބަރުންގެ މައްޗަށް. މަތީގައި އޮތް ޗާޓުން ރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް އައި ބަދަލު ފެންނާނެ.

 
08:43 Apr 21, 2024

އިލެކްޝަންސް ކޮމިޝަންގެ މައި މަރުކަޒު، ދަރުބާރުގެއިން މާލޭ އެކި ސެންޓަރުތަކަށް ވޯޓާ ބެހޭ ސާމާނު ފޮނުވަނީ

 
08:23 Apr 21, 2024

ހުރިހާ މަރުކަޒެއްގައި ކަންކަން ހުރީ އިންތިޒާމްވެފައި: ކޮމިޝަން

މާލޭގައި ހުރި ވޯޓު ސެންޓަރެއް ކައިރީގައި ކިޔޫޖެހިފައި

ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓު ލާން ފަށައިފި. ހުރިހާ ސެންޓަރެއްގައި ވޯޓު ކަރުދާސް އާންމުންގެ އަތަށް އަދި ނޭރިޔަސް، ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު އަންނަނީ ވޯޓު ލަމުން. އިލެކްޝަންސް ކޮމިޝަނުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ 8:00 ޖަހާއިރަށް ވޯޓު ލާން ފެށޭ ވަރަށް ހުރިހާ ސެންޓަރެއްގައި ވެސް އިންތިޒާމްތައް ހަމަޖެހިފައި ހުރި ކަމަށް. 

 
07:57 Apr 21, 2024

މިއަދު ވޯޓު ލުމުގެ ހައްގު 284،663 މީހުންނަށް ލިބޭ

މިއަދު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅޭ ތަފާސްހިސާބު
 
07:53 Apr 21, 2024

މިއީ ތާރީހުގައި ވެސް އެންމެ ގިނަ ގޮނޑި ހިމެނޭ އިންތިހާބު

މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ގޮނޑިއަށް ވާދަކުރާ އިންތިހާބު. މިހާރާގެ ރައްޔިތުންގެ މަޖިލިހުގައި 87 މެމްބަރުން ހިމެނޭ އިރު މިއަދުގެ އިންތިހާބުގައި 93 ގޮނޑިއަށް މެމްބަރުން އިންތިހާބުކުރާނެ. މިހާ ބޮޑު ބަދަލެއް އަންނަނީ ކޮންމެ 5،000 މީހަކަށް މަޖިލިހުގައި ގޮނޑިއެއް ހާއްސަކުރަން ޖެހޭ ގޮތަށް ގާނޫނު އޮތުމުން.

މިއީ އަނެއްކާވެސް ރާއްޖޭގެ ސިޔާސީ ދާއިރާގައި ބޮޑު، ވަރުގަދަ ދުވަހެކެވެ. ފަސް އަހަރުން އެއް ފަހަރު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް މުޅި ރާއްޖެ މި އޮތީ ތައްޔާރުވެ، ވޯޓު ފޮށިތައް ދޮށަށް ދާން ނިޔަތްގަނެގެންނެވެ.

ރައީސް މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް މިއީ ރާއްޖޭގެ ތަރައްގީގެ ދުވެލި ބާރުކުރަން ރައްޔިތުންނަށް ލިބޭ ފުރުސަތެކެވެ. އެއާ ހިލާފަށް އިދިކޮޅު ފަރާތްތަކުން ކެމްޕޭން ނިންމާލީ މިއީ ޑިމޮކްރަސީ ސަލާމަތްކުރަން ރައްޔިތުންނަށް ލިބޭ ފުރުސަތެއް ކަމަށް ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭން، މިދިއަ ރޯދަމަހު ވެސް، ކުރިއަށް ދިޔައީ ވަރަށް ފޯރީގަ އެވެ. މިއީ ރޯދަމަހަކާ ދިމާކޮށް މިހާ ބޮޑު އިންތިހާބެއްގެ ކެމްޕޭންގެ ހަރަކާތްތައް ރާއްޖޭގައި ފެނުނު ފުރަތަމަ ފަހަރެވެ.

ވޯޓު ލާން ފަށާނީ 8:00 ޖަހާއިރު އެވެ. ނިންމަން ކަނޑައަޅާފައި އޮތީ ހަވީރު5:30 ގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް