ޕީއެންސީގެ ކެމްޕޭނު ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ (ޕޮޓޯ/ޕީއެންސީ)

ޔާމީނަށް އަނިޔާ ދިނީ އެމްޑީޕީންކަން ނޭނގުނީމާ ދެރަވޭ: އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ޔާމީން ޖަލުގައި ހުންނަވަނިކޮށް ގެއަށް ބަދަލުކުރީ ވެސް މިހާރުގެ ސަރުކާރުން ކުރި މަސައްކަތުން ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަނިޔާ ދިނީ އިދިކޮޅު އެމްޑީޕީން ކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނާތީ އެކަމާ ދެރަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރު ކުރުމުން ޔާމީން ރޭ ވަނީ މިނިވަންވެފަ އެވެ. 

އެނގުން މުހިއްމު - ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޔާމީން ވަނީ، ސަރުކާރު ޒިންމާދާރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް މުއިއްޒުގެ ސަރުކާރުން މިހާތަނަށް ކޮށްފައިވާ ބައެއް ކަންތައްތަކާ މެދު ނުރުހޭކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ތަފްސީލް - ފުވައްމުލަކުގައި ރޭ ބޭއްވި ޕީއެންސީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އޭނާއަކީ ރައީސް މުއިއްޒުގެ އިސް ވަޒީރުކަމަށް ބުނުމުން ލަދުން ބޯފަޅައިގެން ދާ މީހުން ބޯފަޅައިގެން ދިޔަސް ކުރާނެ ކަމެއް ނެތް ކަމަށެވެ. ރައީސް މުއިއްޒުއަށް ދިމާވާ ކޮންމެ ކަމެއްގައި އެމަނިކުފާނުގެ އެންމެ ގާތުގައި ހުންނަވާނީ އޭނާ ކަމަށް ވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒަކީ އިހުލާސްތެރިއެއް ކަމަށާއި، އިހުލާސްތެރިން ވަކިކުރަން ނޭނގިގެން އުޅޭ މީހުން އެބަ ތިބި ކަމަށެވެ.

"އަޅުގަނޑުމެންނަކީ އިހުލާސްތެރިން. އަޅުގަނޑުމެންނަކީ ވަފާތެރިން. އަޅުގަނޑުމެންނަކީ ތެދުވެރިން. އަޅުގަނޑުމެންނޭ މި ޕާޓީ މި ހިސާބަށް ގެނައީ،" އޭނާ ވިދާޅުވި އެވެ.

ކޯޓުން ނުކުމެވަޑައިގެން ޔާމީން ދެއްކެވި ވާހަކާގައި ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ އެމަނިކުފާނަށް ހެޔޮއެދޭ ބައެއްތޯ ސުވާލުކުރެއްވި އެވެ.

އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޔާމީން ޖަލުގައި ހުންނަވަނިކޮށް ގެއަށް ބަދަލުކުރީ ވެސް މިހާރުގެ ސަރުކާރުން ކުރި މަސައްކަތުން ކަމަށެވެ.

"މިއަދު ޕީޕީއެމްގެ ސަރުކާރެއް އޮވެ، އެ ސަރުކާރުގެ ނުފޫޒެއް ނެތި މިނިވަންކަމާ އެކީ، އެމްޑީޕީ ސަރުކާރުން ދެމުންދިޔަ އަނިޔާއިން ރައީސް ޔާމީން މިނިވަންވެވަޑައިގަތީމާ އެކަމާ އަޅުގަނޑުމެން އުފާކުރަން. އެމަނިކުފާނަށް ނުހައްގުން އަނިޔާ ދިނީ އެމްޑީޕީން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ދިން އަނިޔާ ޔާމީނަށް އެނގިވަޑައިނުގަންނަވާތީ ދެރަވާ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީ އިދިކޮޅު ޕާޓީއެއްެ ގޮތުން ޔާމީން އިސްކޮށް ހުންނަވާ ފެއްޓެވި 'އިންޑިއާ އައުޓް' ކެމްޕޭން މިހާރު ކުރިއަށް ނުދާކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކައަށް ވެސް އަބްދުއްރަހީމް ރައްދު ދެއްވި އެވެ.

އޭނާ ވިދާޅުވީ މިއަދު ފެންނަނީ 'އިންޑިއާ އައުޓް' އާއި 'އިންޑިއާ އިން' އެކުވެގެން ރާއްޖެ ހަލަބޮލިކުރަން މަސައްކަތް ކުރާތަން ކަމަށެވެ.

"މިއަދު އިންޑިއާ އައުޓެއް، އިންޑިއާ އިންއެއް ވަތްކެއް ނުވޭ. މިއަދު އޮތީ އެކުވެފައި. އެހެންވީމާ ދިވެހި ރައްޔިތުން ވިސްނާވަޑައިގަންނަވަންވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެރިކަމާ ކޯޅެން ތިބެވޭކަށް ނެތެވެ.

"ދިވެހި ރައްޔިތުންނަކީ ސިޔާސީ ލީޑަރުންގެ ކޯޅުމާއި ޖަދަލު ކުރުމުގައި ހަނާވެެގެން ދާން ޖެހޭ ބަޔަކަށް ވެވޭކަށް ނެތް. އަޅުގަނޑުމެންނަށް މުހިއްމީ އަޅުގަނޑުމެންގެ ގައުމު،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް