ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/އަޒްމީ)

މިނިވަންވުމުން ޔާމީން: 'އެންމެ އިސް މަސައްކަތަކަށް ވާނީ ސަރުކާރު ޒިންމާދާރު ކުރުވުން'

ޝަހުސީ ގޮތުން ރައީސް މުއިއްޒަށް ފާޑު ނުކިޔާނެ ކަމަށާއި ރައްޔިތުންނަށް ގެއްލޭ ބޮޑެތި މަސްލަހަތުތަކާ ދައުލަތުގެ މުދަލަށް ނާއިންސާފުން ކަންތައް ކުރާ ގޮތަށް ފާޑު ވިދާޅުވާނެ ކަމަށް ޔާމީން ވިދާޅުވި

އެންމެ އިސް މަސައްކަތަކަށް ވާނީ ސިޔާސީ ގޮތުން ގަބޫލުކުރައްވާ އުސޫލުތަކާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރާތީ އެކަންކަމަށް ސަރުކާރު ޒިންމާދާރު ކުރުވުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް އަމުރު ކުރުމާ އެކު، ޖަލުހުކުމުން މިނިވަންވެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެންމެ އިސް މަސައްކަތަކަށް ވާނީ ސަރުކާރު ޒިންމާދާރު ކުރުވުން ކަމަށެވެ.

ތަފްސީލް - ރައީސް މުހައްމަދު މުއިއްޒާއެކު މަސައްކަތް ކުރުމުގެ ވިސްނުން އެބަހުރިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޔާމީން ވިދާޅުވީ، ޕީޕީއެމް އުފެދުނު ސަބަބާއި އެޕާޓީ އިން ގަބޫލުކުރާ ކަންތައް މި ސަރުކާރުން ނަގާލާފައިވާ ކަމަށެވެ.

"އެއީ މެރިޓަށް ބޭސް ނުކޮށް މީހުންނަށް ވަޒީދާ ދިނުމާ، ސިޔާސީ އެތައް މަގާމުތައް އުފެއްދުމާ އެއްވެސް ކަހަލަ ފެންވަރެއް ނެތް މީހުންނަށް [ވަޒީފާ ދިނުމާ]، ތައުލީމީ ޒުވާން އެތައް ކުދިންނެއް އުޅޭއިރު އެއިން އެއްވެސް ކުއްޖަކަށް ވަޒީފާ ނުދީ ވަކި ކަހަލަ ހާންދާނު ތަކަކަށް މެރިޓެއް އޮތަސް ނެތަސް ވަޒީފާ ދިނުމާ ރާއްޖޭގައި ހިއްކާފައި ހުރި ބިންތައް ވިއްކާލުމާ މިކަހަލަ އެތައް ބައިވަރު، އަޅުގަނޑުމެންގެ އަމިއްލަ ޒަމީރަށް ގަބޫލު ނުކުރެވޭ [އެތައް ކަމެއް]،"

ޕީޕީއެމްގެ ވިސްނުމަށް ގަބޫލު ނުކުރެވޭ އެތައް ކަމެއް ހިނގާފައި ވާތީ، އެ ޕާޓީގައި ހުރެގެން ސަރުކާރު ޒިންމާދާރު ނުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީ އަކީ ރައްޔިތުންގެ ވިންދު އޭގައި އެކުލެވޭ އެއްޗެއް،" ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު އެ ޕާޓީ އިން ވަކިވެ ވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ޕާޓީ އެއް އުފައްދަވައި މަސައްކަތް ކުރައްވާ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހުންނަށް ސިޔާސީ ޕާޓީގެ އިސް މަގާމެއް ނުފުރޭނެ ކަމަށް ގާނޫނު ބުނި ނަމަވެސް ޕީޕީއެމްގެ އާންމު މެންބަރުން އެމަނިކުފާނު ޕާޓީގެ ރައީސް ކަމުން ވަކިވާން ބޭނުން ނުވި ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ސެނެޓާއި އިސް ލީޑަރުން އެގޮތް ބޭނުން ނުވި ކަމަށް ވިދާޅުވި އެވެ.

"އެ ޗެލެންޖު އައިސްގެން ޕާޓީ އެއްގޮތަކަށް ވެސް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތިގެން އަޅުގަނޑުމެން އެންމެ ފުރަތަމަ ދޫކޮށްލީމާ ކޮންމެ ރެއަކު150-200 މީހުން އައިސް މަސައްކަތްތަކެއް ކުރީމާ ހުއްޓުވާލީ. އެހިސާބުން އެނގުނު ޕީޕީއެމްގެ ތެރޭގައި މަސައްކަތް ކުރުމުގެ ޖާގަ އެއް ނުދެއްވާނެކަން. އެހިސާބުން ނިކުތީ،" ޔާމީން ވިދާޅުވި އެވެ. 

މިހާރު ވެސް އަޅުގަނޑުމެން ކުރާ މަސައްކަތަކީ އެއީ. އަޅުގަނޑުމެން ނިކުމެ ޝަހުސީ ގޮތުން، ޒާތީ ގޮތުން ރައީސް މުއިއްޒަށް ފާޑުކިޔަނީ އެއް ނޫން. އެ ކުރައްވާ މަސައްކަތްޕުޅަށް ފާޑު ކިޔަނީ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އާއެކު މަސައްކަތް ނުކުރާނެ ކަމަށް ނުދަންނަވާނެ ކަމަށާއި ވާހަކަ ދައްކާނީ މައްސަލައިގެ މެރިޓަށް ބަލައިގެން ކަމަށެވެ.

އެއްވެސް އަސާސެއް ނެތި، މަޖިލީހުގެ މެޖޯރިޓީ އޮތަތީ ރައީސް އަޒުލް ކުރުމާއި ވަޒީރުން އަޒުލް ކުރުން ފަދަ ކަންކަމަށް ތަރުހީބު ނުދެއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު ރައްޔިތުންނަށް ގެއްލޭ ބޮޑެތި މަސްލަހަތުތަކާ ދައުލަތުގެ މުދަލަށް ނާއިންސާފުން ކަންތައް ކުރާ ގޮތަށް އަޅުގަނޑުމެން ވަރަށް ފާމް ވާނެ،"  އެފަދަ ކަންކަމުގައި ސަރުކާރަށް ތާއީދު ނުކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިހާރު ވެސް އަޅުގަނޑުމެން ކުރާ މަސައްކަތަކީ އެއީ. އަޅުގަނޑުމެން ނިކުމެ ޝަހުސީ ގޮތުން، ޒާތީ ގޮތުން ރައީސް މުއިއްޒަށް ފާޑުކިޔަނީ އެއް ނޫން. އެ ކުރައްވާ މަސައްކަތްޕުޅަށް ފާޑު ކިޔަނީ."

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރިއަށް ގެންދިޔަ 'އިންޑިއާ އައުޓް' ކެމްޕޭނުގެ އަޑު މިހާރު ނީވޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

ހައިކޯޓުން ޖަލު ހުކުމްތައް ބާތިލްކުރުމާ އެކު ޔާމީން މިރޭ ހައިކޯޓުގެ ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަޒްމީ)

'އިންޑިއާ އައުޓް' ގެ ނަމުގައި ކުރީގެ އިދިކޮޅު އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ އިން ކުރިއަށް ގެންދިޔަ ކެމްޕޭނު ކުރިއަށް ގެންދިޔުމަށް ހުރަސްއެޅޭގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ރައީސް މުހައްމަދު މުއިއްޒު ބާތިލް ނުކުރައްވާތީ އެކަމަށް ވެސް ޔާމީން ފާޑުވިދާޅުވި އެވެ.

ޔާމީންގެ ގެ ހ. ދޫވެހީގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާ ނެގި މައްސަލަ ފުލުހަށް ހުށަހަޅާ، ބެނާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

'އަޅުގަނޑުގެ ގިނަ ހައްގުތަކެއް ގެއްލިއްޖެ'

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމްގެ އިސްތިއުނާފު މައްސަލަ މާބޮޑަށް ދިގުލައިގެން ގޮސްފި ކަމަށާއި އެއާއެކު ގިނަ ހައްގުތަކެއް ގެއްލިގެން ގޮސްފި ކަމަށެވެ.

"...އަޅުގަނޑުމެންގެ މިއަދުގެ ގައުމުގެ ރައީސް ވެސް އެ ވިދާޅުވީ އެމްޑީޕީ ި އިން ކޯޓަށް ނުފޫޒު ފޯރުވައިގެން މިއަދު މި އަވަސް ކުރީމާ ތިމަންނަ އަކަށް އެކަން ގަބޫލެއް ނުކުރެވެޔޭ. އެހެންވީމާ އޭގެ މާނަޔަކީ މި އޮވެގެން ދާނެގޮތަކަށް ދާން އިންތިޒާރު ކުރެއްވިއްޔޭ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ފާއިތުވި ދޮޅު އަހަރު އެތައް ހައްގަކުން މަހުރޫމްވެ ވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ގަބޫލު ކުރި ނަމަވެސް އަޅުގަނޑު ކޮންވިކްޝަން އޮތް އިރާދަ ކުރެއްވިއްޔާ މިއިން ކަމެއް ސާބިތެއް ނުވާނެޔޭ،" ޔާމީން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވުމުން މާބޮޑު ކަންބޮޑުވުންތަކެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މުއްދަތެއް ނެތި މައްސަލަ ދިގުލައިގެން ދިޔުމާއި އިޖުރާއީ ގޮތުން އިސްތިއުނާފު ކުރެވެން ހުރި މައްސަލަތަކަށް ދަށު ކޯޓުން ދޭންޖެހޭ ލިޔުން ނުދިނުމުން އިސްތިއުނާފުގެ ހައްގު ވެސް ގެއްލުނު ކަމަށެވެ.

"އެ މައްސަލަ ބެލުނު ނަމަ، ކްރިމިނަލް ކޯޓަށް މަޖުބޫރުވާނެ އޭތި ރިވާސް ކޮށްފައި ގެންދަން. ރިވާސް ކޮށްފައި ގެންދާނަމަ ކްރިމިނަލް ކޯޓުގައި މައްސަލަ ސާބިތު ވެސް ނުވީސް،" ޔާމީން ވިދާޅުވި އެވެ.

" ވަރަށް ބައިވަރު ހައްގުތަކެއް ގެއްލިގެން ދިޔައީ."

ޔާމީން ވިދާޅުވީ އަދުލް އިންސާފު ނުހިނގާނަމަ އިންސާފު އަވަސްކޮށްދޭން ބުނުމަކީ އުއްތަމަ ފަނޑިޔާރު ކުރައްވަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ކޮމެންޓް (1)

profile-image-placeholder

އާލަމް

19 އޭޕްރީލު 2024
ތިޔަ އުޅެނީ ޒިންމާދާރު ކުރުވާކަށްނޫން ތިމާއަށް ނުލިބުނު ވެރިކަން އެހެންމީހަކު ކުރާތީ ހިތުގައިވާ އަލިފާނުގެ ހަސަދަ އެއްގެ ސަބަބުން! މިޤައުމުގަ ތި ނޫނީ ވެރިކަންނިމުނުއިރު އަމިއްލަ ގޯއްޗެއް ބޭނުނުންވާ ސަރަހައްދަކުން އަތުލައިގަނެގެން ގަޑުވަރު އެޅި އެހެންވެރިއަކުނެތް އަމިއްލަ އެކައުންޓަށް އެތަށް ސަތޭކަ މިލިޔަންރުފިޔާ ސަހަރޯ!؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް