ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާއަށްފަހު، ޔާމީން ރާޅުގަނޑު ސަރަހައްދުގައި (ދައުރު ފައިލް ފޮޓޯ/ އަޒްމީ)

ޔާމީންގެ ތުހުމަތަކީ ބިލު ތަސްދީގުނުކުރަނީ މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް

ޕީއެންސީން އިއްޔެ ބުނެފައިވާ ގޮތުން، އެންޓި ޑިފެކްޝަން ބިލު ތަސްދީގުކުރުމާ މެދު ރައީސް ދަނީ ގާނޫނީ ލަފާ ހޯއްދަވަމުން

އިދިކޮޅު އެމްޑީޕީން ހުށަހަޅައި، މަޖިލީހުން ފާސް ކުރި އެންޓި -ޑިފެކްޝަން ބިލް ރައީސް މުހައްމަދު މުއިއްޒު ތަސްދީގުނުކުރައްވާ ލަސް ކުރައްވަނީ މެންބަރުން ގަންނަން ވެގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ތުހުމަތު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިި މަހުގެ އެއް ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ފޮނުވި އެ ބިލު ރައީސް ތަސްދީގު ނުކުރައްވާ ލަސްކުރައް ވާތީ، އެކަމާ ޔާމީން ކަންބޮޑުވެ ވާހަކަ ދެއްކެވީ ރޭ ޕީއެންއެފްއިން ބޭއްވި ޖަގަހަ ޖަލްސާގަ އެވެ.

ޕީއެންސީން އިޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ކެމްޕެއިން ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި އެ ބިލު ލަސްވަނީ ރައީސް އެކުމުގައި ގާނޫނީ ލަފާ ހޯއްދަވާތީ އެވެ.

ތަފްސީލު - ރޭގެ ޖަލްސާގައި ޕޯޑިއަމްގައި ހުންނަވައި އެ ބިލުގެ ވާހަކަ އެންމެ ފުރަތަމަ ގެންނެވީ އުނގޫފާރު ދާއިރާއަށް ވާދަ ކުރައްވާ އަލީ ފާރޫގެ އެވެ. ފާރޫގު ވަނީ، ހީނާ އިއްޔެ ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައި އެ ވާހަކަތައް އޭނާއަށް މާނަ ކުރެވޭ ގޮތް ވިދާޅުވެފަ އެވެ.

"އޭގެ މާނައަކީ، އެބޭފުޅުނަށް އެނގިވަޑައިގަންނަވާ ސަރުކާރަށް މޭޖޯރިޓީ ކައިރި ވާވަރަށް ވެސް ގޮނޑި ނުލިބޭނެކަން. އެހެންކަމަށްވާނީ ނަމަ އެއްކަލަ އެތި [އެ ބިލް] ތަސްދީގުކޮށްފިއްޔާ ހުރަހަކަށްވޭ މެންބަރުން ސެލް އަޅުވާފައި ގެންނަން ނުވަތަ ވަގުތީ ގޮތުން ގަންނަން،" ފާރުގޫ ވިދާޅުވި އެވެ.

އޯޑިއަންސްގައި އިންނެވި ޔާމީން ވަނީ ފާރޫގު އެ ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި އެމަނިކުފާނު އަމިއްލަފުޅަށް ވެސް ބިލު ތަސްދީގު ކުރުން ލަސްވާ ސަބަބާ ގުޅޭ ގޮތުން ސުވާލު އުފެއްދެވި އެވެ.

"ހަމަ ރައީސް [މުއިއްޒު] އެ އޮތީ ވިދާޅުވާވެފައި އެންޓި ޑިފެކްޝަން ގާނޫނަކީ ތިމަންނަ ގަބޫލުކުރާ އުސޫލެކޭ. ދެން ކޮން ގާނޫނީ މަޝްވަރާއެއްތޯ މީގައި ހޯދަންވީ. ގާނޫނީ ލަފާ [ނުވަތަ] ގާނޫނީ މަޝްވަރާ އެއޮތީ ރައްޔިތުންގެ މަޖިލީހުން ދީފައި،" ޔާމީން ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ޔާމީން ވާހަަކަ ދައްކަވަނީ

އެންޓި -ޑިފެކްޝަން ގާނޫނެއް އެންމެ ފުރަތަމަ ތައާރަފް ކޮށްފައި ވަނީ ޔާމީންގެ ސަރުކާރުގަ އެވެ. ޔާމީން ވިދާޅުވި ގޮތުގައި އޭރުވެސް އެ ބިލު އެމަނިކުފާނު ތަސްދީގު ކުރެއްވީ އެކަމުގައި ގާނޫނީ ހުރަހެއް ނެތުމުންނެވެ.

"އޭރުވެސް ހުރި ބަންޑާރަނައިބަކު. ބަންޑާރަނައިބުގެ ލަފާގެ މަތިން ގާނޫނުއަސާސީއާ ތައާރުޒު ނުވާ އެއްޗެއްވީމައި އޭރުގެ ރައީސް [އަޅުގަނޑު]ގެ ފަރާތުން ބިލު ހުށަހެޅީވެސް،" ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ މިހާރު އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރައްވާ ލަސް ކުރައްވަނީ ކޮން ވިސްނުމެއްގައި [ތޯ؟] ދެން ފާރޫގު އެ ވިސްނުން ކިޔާދެެއްވައިފި،" ލަސްކުރަނީ މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް ފާރޫގު ކުރެއްވި ތުހުމަތުތަކަށް ބާރު ދެއްވައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި މެންބަރަކު އޭނާ އިންތިހާބުވާ ޕާޓީ ނުވަތަ ފިކުރެއްގައި ހުރުމަށް ފަހު، ކެމްޕެއިން ތެރޭ އެހެން ޕާޓީއަކަށް/އެހެން ފިކުރަކަށް ނުދާނެ ކަމަށް ކިތަންމެ އަހުދެއްވެ އެވެ. އަދި އިންތިހާބުވުމަށް ފަހު، އެކަން ބަދަލުވުމުން އެއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ލަނޑެއްގެ ގޮތުގައިކަން ޔާމީން ސިފަ ކުރެއްވި އެވެ.

"އެހެންވީމަ، ކީއްވެގެންތޯ އަޅުގަނޑުމެން އެންޓި ޑިފެކްޝަން ބިލު، ގާނޫނަކަށް ހެދުމަށް ފުރުސަތު ނުދެނީ،" ޔާމީން އަނެއްކާވެސް ސުވާލު އުފެއްދެވި އެވެ.

ކޮމެންޓް (1)

ސައިމާ

16 އޭޕްރީލު 2024
އަޅުގަނޑު ހަނދާންވަނީ މަނިކުފާނުގެ ރިއާސީ ދައުރުގައި މމޕރސގެ ޚިޔާނާތް ހިނގައި، އަދި އެކަމާއި ގުޅިގެން އެކުލަވައިލެވުނު ރިޕޯޓުތަކުގައި އެއިރުގެ ސަރުކާރުން (މަނިކުފާނުގެ) މަޖިލިސް މެމްބަރުން "ގަންނަން" ކުރި ޚަރަދުތަކާއި ތަފްސީލުކޮށް ހުރި ޖަރީމާތަކުގެ ވާހަކަތަކެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް