ރައީސް މުހައްމަދު މުއިއްޒު މަޖިލިސް ކެމްޕޭންއަށް އިއްޔެ އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ތެރެއިން(ފައިލް ފޮޓޯ/ޕީޕީއެމް/ޕީއެންސީ)

އެންޓި-ޑިފެކްޝަން ބިލު ތަސްދީގުކުރަން ރައީސް ގެންދަވަނީ ގާނޫނީ ލަފާ ހޯއްދަވަމުން: ހީނާ

ހީނާ ވިދާޅުވީ ރައީސް އޮފީހަށް އެ ބިލު ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވަނީ މިމަހުގެ 7ގައި ކަމަށް؛ އެހެންކަމުން ގާނޫނީ 14 ދުވަސް ހަމަވާނީ މިމަހުގެ 22 އަށް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލުން އިހްތިޔާރީކަމެއްގެ ގޮތުގައި ހަދައި މަޖިލީހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ބިލު ތަސްދީގުކުރުމާ މެދު ރައީސް މުހައްމަދު މުއިއްޒު މިހާރު ގެންދަވަނީ ގާނޫނީ ލަފާ ހޯއްދަވަމުން ކަމަށް ޕީޕީއެމް-ޕީއެންސީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ ޕާޓީން މިހެން ބުނީ، މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބިލު ތަސްދީގުކުރުން ލަސްކުރަމުންދަނީ ކީއްވެތޯ ކުރި ސުވާލާ ގުޅިގެންނެވެ.

ބުނީ ކީކޭ؟ - އެ ސުވާލަށް ޖަވާބުދެއްވަމުން ޕީޕީއެމް-ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ބިލު ފާސްކުރީ މި މަހުގެ 1 ވަނަ ދުވަހު ނަމަވެސް، މަޖިލީހުން ރައީސް އޮފީހަށް އެ ބިލު ފޮނުވާފައިވަނީ މި މަހުގެ 7ގައި ކަމަށެވެ. އެހެންކަމުން، ބިލު ތަސްދީގުކުރުމާ މެދު ގޮތެއް ނިންމުމަށް ރައީސްއަށް ލިބިވަޑައިގަންނަވާ 14 ދުވަހުގެ މުއްދަތު ހަމަވާނީ މި މަހުގެ 22އަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އާއްމު އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ރައީސް އެ ބިލު ތަސްދީގުކުރެއްވުމަށް ގާނޫނީ ލަފާ ހޯއްދެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާ. އެެހެންވީމާ، އެ މަރުހަލާ ކުރިއަށްދާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އިންތިހާބުވާ ޕާޓީން ވަކިވުމުން ނުވަތަ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި ބޮޑެތި ބަދަލުތަކާ އެކު، މަޖިލީހުން އެ ބިލު ފާސްކޮށްފައިވަނީ މި މަހުގެ 1ގަ އެވެ. 

ބިލް މަޖިލީހަށް ހުށަހެޅި އިރު، އޭގައި ބަޔާންކޮށްފައި ވަނީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކެވެެ. ކޮމިޓީން ބިލު ތަޅުމަށް ފާނުވި އިރު "ގޮނޑި ގެއްލޭނެ ހާލަތު"ގެ ބަދަލުގައި އެ މާއްދާގެ އަރިމަތީ ސުރުހީ ކޮމިޓީން އިސްލާހުކޮށްފައި ވަނީ މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ހާލަތްތައް" ގޮތަށެެވެ.

ކޮމެންޓް (1)

ވަށަފަރު

15 އޭޕްރީލު 2024
ހީނާތަ މިހާރު ސަރުކާރުގެ ތަރުޖަމާނަކީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް