މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެން އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

ކޮޕް26 ނިންމާލުމަށް ފަހު ނަޝީދު މާލެ ވަޑައިގެންފި

ނަޝީދު އިނގިރޭސިވިލާފަށް ފުރާވަޑައިގެންނެވީ މިދިޔަ މަހު 26ގައި
21 ނޮވެމްބަރު 2021

އިނގިރޭސިވިލާތުގެ ގްލާސްގޯގައި ކުރިއަށްގެންދިޔަ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް، ކޮޕް26ގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މާލެ ވަޑައިގެންފި އެވެ.

ވީ ކިހިނެއް - މިދިޔަ މަހުގެ 31ގައި ފެށި އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އޭގެ ދެ ދުވަސް ކުރިން، 29ގަ އެވެ.

ތަފްސީލު - ތިމާވެށީގެ ބިޔަ އެ ސަމިޓަށް ދުނިޔޭގެ ހުރިހާ ގައުމެއްހެން އެއްތަންވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވެސް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވި އިރު، ރާއްޖޭގެ ތިމާވެއްޓާ ގުޅޭ މުހިއްމު މައްސަލަތަކާ ގުޅޭގޮތުން އެ ސަމިޓުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.

ނަޝީދު މިއަދު މާލެ ވަޑައިގެން އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

އެނގުން މުހިއްމު - މިދިޔަ މޭ 6ގައި އެ މަނިކުފާނަށް ދިން ޓެރަރިސްޓު ހަމަލާއަށް ފަހު، ފަސް މަސްދުވަސް ވާންދެން ރާއްޖޭން ބޭރުގައި އެ މަނިކުފާނު އުޅުއްވި އެވެ. އޭގެ ފަހުން ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހު 11ގަ އެވެ.

ކޮޕްގެ ދަތުރުފުޅަށް ފަހު އެ މަނިކުފާނު އެހާ އަވަހަށް އެނބުރި ރާއްޖެ ވަޑައިގަންނަވާނެތޯ އޮތީ ސުވާލު އުފެދިފަ އެވެ. އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވި އިރު އެ މަނިކުފާނު ހުރުމަށް ސަރުކާރުން ހަމަޖެއްސި ރަސްމީ ގެ މ. މުރައިދޫގެ ނިންމާ މިއަދު ވަނީ މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފަ އެވެ. ނަޝީދު މީގެ ކުރިން ހުންނެވީ ހޮޓެލް ޖެންގަ އެވެ. އެ ތަނަށް ދިޔަ ހަރަދު ބޮޑުވެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް