ރައީސް މުއިއްޒު ލ. ގަމު ކައުންސިލާ ބައްދަލު ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ގަމަކީ ސިއްހީ ގޮތުން ވަރުގަދަ ނާރެހަކަށް ހަދާނަން: ރައީސް

ރައީސް ވިދާޅުވީ ގަމުގައި ގާއިމް ކުރާ މެންޓަލް ހޮސްޕިޓަލް ތަރައްގީ ކުރާނީ މެޑިކަލް ޓޫރިޒަމާ އެކު ކަމަށް

ލ. ގަމަކީ ސިއްހީ ގޮތުން ވަރުގަދަ ނާރެހަކަށް ހައްދަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ލ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ގަމުގެ ތަރައްގީއަށް، ހާއްސަކޮށް ސިއްހީ ދާއިރާ އިން އެ ރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

ތަފްސީލް - އެންމެ މަތީ ފެންވަރުގައި ހިންގާ ޓާޝަރީ ހޮސްޕިޓަލެއްގެ އިތުރުން ބައިނަލްއަގުވާމީ މެންޓަލް ހޮސްޕިޓަލެއް އެ ރަށުގައި ގާއިމް ކޮށްދެއްވާނެ ކަމަށްވެ ވަޑައިގެންނެވި ވައުދު މިއަދު ރައީސް ތަކުރާރު ކުރެއްވި އެވެ.

"ޓާޝަރީ ފެންވަރަށް ގެންދިޔުމަށްޓަކާ ސަރުކާރުގެ ރަސްމީ ސިޔާސަތުތަކުގެ ދަށުން މަސައްކަތް ފެށިފައި މި އޮތީ މިހާރު. އެހެންވީމާ، އެ ފެންވަރަށް މިތަން ތަރައްގީ ވެގެން ދިޔުމަކީ އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ގޮތް،" ރައީސް ވިދާޅުވި އެވެ.

"ހަމަ އެއާ އެކު، އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް މިތަނުގައި ގާއިމް ކުރަން ވައުދުވިން. ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް މިއީ. އަޅާ ނުލެވުމުގެ ސަބަބުން ޒުވާނުން ހާއްސަކޮށް ހަލާކުވެގެން އެބަދޭ. އަޅުގަނޑުމެންގެ ވިސްނުމަކީ އޭގެ ތެރެއިން މެޑިކަލް ޓޫރިޒަމާ ގުޅުވާލައިގެން [ތަރައްގީ ކުރުން]."

ރައީސް ވިދާޅުވީ މެންޓަލް ހޮސްޕިޓަލާ އެކު މެޑިކަލް ޓޫރިޒަމް ގެނެސް، މިހާރު ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް އަޕްގްރޭޑުކޮށް، ސިއްހީ ގޮތުން ވަރުގަދަ ނާރެހަކަށް ގަން ހައްދަވައިދެއްވާނެ ކަމަށެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ:

  • ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށް މަޝްރޫއެއް ހިންގަވާނެ؛ ރާއްޖޭގައި އަޅާ ހައުސިން އިމާރާތްތަކުގެ ބޮޑު އިންސައްތައެއް ގަމުގައި އަޅާނެ

  • ގަމުން މީގެ ކުރިން ދޫކޮށްފައިވާ ގޯތިތަކެއް ކައުންސިލުން ބޭނުންވާ ގޮތަށް ބޮޑުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ އެކު މަސައްކަތް ކުރައްވާނެ؛ މިހާރު ދޫކޮށްފައިވާ 2،000 އަކަފޫޓުގެ ގޯތިތައް 4،000 އަކަފޫޓަށް ބޮޑުކުރަން ކައުންސިލުން ވަނީ ނިންމާފައި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް