ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފުރަންޓް (ޕީއެންއެފް)އަށް ސޮއިކުރެއްވުން. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ދައުލަތުން އެެއްބާރުލުން ނުލިބުނު ކަމަށް ބުނެ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފަސްކޮށްފި

ޔާމީން ބައިވެރިވަޑައިގެން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން އިއުލާން ކުރުމާ އެކު ޕީއެންސީ އިން ވަނީ ވަރަށް ބޮޑަށް އެ މަނިކުފާނަށް ފާޑު ކިޔާފައި
8 އޭޕްރީލު 2024

ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ ހުންނަވައިގެން އުފައްދާ އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް މިރޭ ބާއްވަން އިއުލާން ކުރި ޖަލްސާ "ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން" ކަމަށް ބުނެ އެ ޖަލްސާ ފަސްކޮށްފި އެވެ.

ވީ ކިހިނެއް؟- ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ކުރިން އިއުލާން ކުރީ ކުރީގެ ރައީސް ޔާމީންއާ އެކު މި ރޭ އެ ޖަލްސާ އޮންނާނެ ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ލީޑަޝިޕުން ވަނީ އެ ނިންމުން ފަހުން އަނބުރާ ގެންގޮސްފަ އެވެ.

ތަފްސީލް- އެ ޕާޓީ އުފެެއްދުމުގެ މަސައްކަތުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ، ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން މާދަމާ ރޭ [މިރޭ] ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ދެން ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނަން" ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޕީއެންއެފް ނުހުއްޓުވޭނެ ކަމަށެވެ.

މަލީހު އިއްޔެ 'ދައުރު' އަށް ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދިނަސް އަދި ނުދިނަސް ގިޔާސުއްދީން ސްކޫލްގައި މިރޭ ބާއްވަން ޕްލޭން ކުރި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމުގެ ހުއްދައަކަށް ކަރެކްޝަންގައި އެދުނީ "އިޖުރާތެއް ފުރިހަމަ ކުރުމަށް" ކަމަށެވެ.

ސަރުކާރުގެ ޓޫރިޒަމް ޕީއާރު ކުންފުނި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި  ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އެމަނިކުފާނު ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފު އޮތީ ހައި ކޯޓުގައި ހުކުމަކާ ހަމައަށް ގޮސްފަ އެވެ. މިވަގުތު އެމަނިކުފާނު ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ދިން ލުއިތަކާ އެކު ގޭ ބަންދުގަ އެވެ. ގޭބަންދުގައި ހުންނަވަނީ ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް ޝަރުތު ވެސް ކޮށްފަ އެވެ. 

ކަރެކްޝަނުން ބައެއް މީޑިއާތަކަށް ބުނި ގޮތުގައި ޕީއެންއެފް އުފެއްދުމަށް ބާއްވަން އުޅުނު ޖަލްސާގައި ޔާމީން ބައިވެރިވުމުގެ ހުއްދައަކަށް އެދުނެވެ. ނަމަވެސް އެ ހުއްދަ އެ ޑިޕާޓްމަންޓުން އެ މަނިކުފާނަށް ދީފައިނުވާނެ ކަމަށް ބުނެފައިވެ އެވެ.

ޔާމީން ބައިވެރިވަޑައިގެން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން އިއުލާން ކުރުމާ އެކު، ސަރުކާރު ހިންގާ ޕީއެންސީގެ މުޅި ލީޑަޝިޕް އެއްކޮށް އިއްޔެ ޕެނަލް ޑިސްކަސިޝަންއެއްގެ ނަމުގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް