ޕީއެންސީގެ ކެމްޕޭނު ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ (ޕޮޓޯ/ޕީއެންސީ)

ޕީޕީއެމް ލީޑާޝިޕަށް ވުރެ ޔާމީނަށް އިހްލާސްތެރި އަންބަކު ވެސް، ދަރިއަކު ވެސް ނުހުންނާނެ: އަބްދުއްރަހީމް

އޭނާ ވަނީ ޔާމީން މިނިވަންކުރަން އަނބިކަނބަލުން ފާތުމަތު އިބްރާހިމް ނުކުމެވަޑައިނުގަތް ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައި

ޕީޕީއެމް/ޕީއެންސީގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް ވުރެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިހްލާސްތެރި އަންބެއް ވެސް އަދި ދަރިއެއް ވެސް ނުހުންނާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނާ ކުރިން އެންމެ އަރިސް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެ، ޔާމީނަށް މިއަދު ފާޑުކިޔުއްވައިފި އެވެ.

ވީ ކިހިނެއް؟- ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި، އަބްދުއްރަހީމް ވަނީ، ޔާމީނަށްޓަކައި އެ ބޭފުޅުން ވެވަޑައިގެންނެވި ގުރުބާނީ އާއި އޭގެ އަގުވަޒަން ނުކުރައްވައި، އެމަނިކުފާނު އެ ބޭފުޅުން ދުރުކޮށްލެއްވި ގޮތާ ގުޅޭ ގޮތުން  ވާހަކަ ދައްކަވާފަ އެވެ.

މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ އިސް މީހުން ހައްޔަރުކުރީމައި، އެ މީހުން މިނިވަންކުރަން ގާތް މީހުން އުޅޭ ގޮތް ވަނީ ފެނިވަޑައިގެންފައި ކަމަށެވެ. އަދި ހިޔާނާތުގެ ކުށުގައި ދިގު މުއްދަތަކަށް ޔާމީން ޖަލަށް ލުމުން، އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އުޅުއްވި ގޮތް ވެސް ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދުށިން މައުމޫން ޖަލަށް ލީމައި، ނަސްރީނާ ނުކުތް ތަން. ގާސިމް ހައްޔަރު ކުރީމާ ނަހުލާ ނުކުތް. ނާޒިމާއި އަބްދުﷲ ރިޔާޒާއި މަހުލޫފާއި އިމްރާނު ޖަލަށް ލީމާ ވެސް އެ ބޭފުޅުންގެ އަނބިކަނބަލުން ނުކުތްތަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންވެ، އަޅުގަނޑު ސުވާލު އުފައްދަން، ޔާމީން އެހާ ދުވަހު ޖަލުގައި އޮންނެވި އިރު މެޑަމް ފާތުމަތު ވަޑައިނުގަތީ ކީއްވެތޯ؟ ޒޭން ވަޑައިނުގަތީ ކީއްވެތޯ. މިއަދު ކޮން ފާޑެއްތޯ އަޅުގަނޑުމެންނަށް ކިޔޭނީ."

އަބްދުއްރަހީމް ވަނީ 2018ގެ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމުން ޔާމީން ދެއްވި ތަގުރީރުގައި، އެމަނިކުފާނަށް އެންމެ ބޮޑު މައްސަލައަކަށް ދިމާވީ، މީހުން ދަސްނުވުން ކަމަށް ވިދާޅުވި ވާހަކަފުޅު ފާހަގަކުރައްވައިފަ އެވެ. އެކަމަކު އަދިވެސް އެކަން އޮތީ އެހެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން ޖަލަށް ލުމުން، ރަތްދަކަ އަވީގައި، އަބްދުއްރަހީމްމެން މުޒާހަރާ ކުރަމުން ދިޔައިރު މިހާރު ޔާމީނާ އެންމެ އަރިސް ބޭފުޅުން ތިއްބެވީ ފިނި ކޮޓަރީގައި، އެމަނިކުފާނަށް 'ވަގަށް ގޮވަން' ކަަމަށް ވިދާޅުވި އެވެ.

"[ކުރީގެ ޕޮލިސް ކޮމިޝަނަރު] ހުސެން ވަހީދު ވެސް އެންމެ މުޒާހަރާއަކަށް ވެސް ނުނުކުމޭ. އަޅުގަނޑުމެން އެންމެން އެއްވާ ދުވަހެއްގައި ޓީޝާޓު ލައިގެން އެތަނަށް ފޮޓޯ ނަގަން ނުކުތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ޔާމީން އެ ބޭފުޅުން އެންމެ ގާތްކޮށް ގެންގުޅުއްވާތީ ވަރަށް އަސަރުކުރާ ކަމަށާއި އެއީ ޔާމީނަށް އެ ބޭފުޅުން ވެވަޑައިގެންނެވި ގުރުބާނީގެ އަގު ވަޒަން ނުކުރެއްވުން ކަމަށެވެ.

"ވަރަށް އަސަރު ކުރޭ އަޅުގަނޑުމެންނަށް. ހާދަ ބޮޑު ގުރުބާނީއެކޭ ވީ. އެކަމަކު އެހާ މަސައްކަތް ކުރީމައި ވެސް މިއަދު ރާއްޖޭގެ އެންމެންގެ ކުރިމަތީގައި އަޅުގަނޑުމެން ބަދުނާމު އެ ކުރައްވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމީލާއި ހުސެން ވަހީދު ގޮތަށް، ރައީސް ޔާމީންގެ އަގު މީހުންގެ ކުރިމަތީގައި ވެއްޓެން ބޭނުން ނުވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް