ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ ހުސައިން ސުނޭން)

ޕީއެންއެފް

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ މާދަމާ؛ 'ޔާމީން ބައިވެރިވާނެ'

ޖަލްސާގައި ބައިވެރުވުމަށް ޔާމީނަށް ކަރެކްޝަންސްއިން ހުއްދަ ދިން ކަމެއް ކަށަވަރެއް ނޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)، ޕާޓީ އުފެއްދުމުގެ ގޮތުން ބާއްވާ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ނިންމައިފި އެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ބައިވެރިވާނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

ވީ ކިހިނެއް؟ - ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ފޯމު ހަމަވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ޖަލްސާއަށް ހުއްދަ ދިނީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެގޮތުން:

  • ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޔާމީން އެ ޖަލްސާގައި ބައިވެރިވުމަށް ހުއްދައަށް އެދުނު ކަމަށް ވިދާޅުވި

ތަފްސީލު -  މަލީހް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަ ކުރެއްވި ގޮތުގައި އެ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ. ނަމަވެސް ބައިވެެރިވެވަޑައިގަންނަވަނީ ކަރެކްޝަންސް އިން އެކަމަށް ހުއްދަ ދީގެން ކަމެއް ނޫން ކަމަށް އެ ޕޯސްޓުގައި އޭނާ ވިދާޅެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލު ކުރުމުން އެއަށް ސީދާ ޖަވާބު ނުދެއްވައި މަލީހް ވިދާޅުވީ "ކަރެކްޝަންސް އިން ދޭ ޖަވާބެއް ބަލާކަށް ބޭނުމެއް ނޫން" ކަމަށެވެ.

"އިޖުރާތެއް ފުރިހަމަ ކުރުމަށް ހުއްދައަށް އެދުނީ،" އޭނާ ވިދާޅުވި އެެވެ.

މި ޖަލްސާގައި ބައިވެރިވުމަށް ޔާމީންގެ ފަރާތުން ހުއްދައަށް އެދުނުކަން ކަރެކްޝަންސް އިން ވެސް ކަށަވަރުކޮށްދެ އެވެ. އެ އިދާރާގެ ތަރުޖަމާނު އާމިނަތު ޔުސްރީން ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ޔާމީނަށް މިހާރު ޖަބާދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޖަވާބެއްކަން ޔުސްރީން ހާމައެއް ނުކުރެއްވި އެވެ.

"އަމިއްލަ ފަރާތަކަށް ފޮނުވި ސިޓީއެއް އެއީ،" އެފަދަ ސިޓީތަކުގެ ވާހަކަ މީޑީއާއާ ހިއްސާ ނުކުރާކަން ފާހަގަކޮށް، ޔުސްރީން ވިދާޅުވި އެވެ.

ކަރެކްޝަންސްގެ ޖަވާބެއް ލިބިފައިވޭތޯ މަލީހްއާ ސުވާލުކުރުމުން އޭނާ ތަކުރާރުކޮށް ވިދާޅުވީ ޔާމީން އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ހުއްދަ ދިންތޯ ނޫންތޯ ކަށަވަރުކޮށް ނުދެއްވަ އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ގިޔާސުއްދީން ސްކޫލް ހޯލްގަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވެ 11 އަހަރަށް ޔާމީން ޖަލަށް ލުމަށް ކުރި ހުކުމް އޮތީ ހައި ކޯޓުގައި ހުކުމަކާ ހަމައަށް ގޮސްފަ އެވެ. މިވަގުތު އެމަނިކުފާނު ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ދިން ލުއިތަކާ އެކު ގޭބަންދެއްގަ އެވެ. ގޭބަންދުގައި ހުންނަވަނީ ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް ޝަރުތު ވެސްކޮށްފަ އެވެ. ނަމަވެސް އެމަނިކުފާނު ތަކުރާރުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވެވެ.

ކޮމެންޓް (1)

ސައިމާ

7 އޭޕްރީލު 2024
ބަލަ، ކުށް ސާބިތުވެފައިތިބޭ މީހުންވެސް ސިޔާސީ ވެވޭ؟ މީނަގެ ވެރިކަމުގައި އެކަން މަނާކުރީ. ގައިމުވެސް އަދި އެ ގާނޫނު އުވައެއްނުލާ!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް