ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ 'ރަސް މާލެ' ސިޓީ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު (ފޮޓޯ/ރައީސް އޮފީސް)

ބަޖެޓް 2024

ރައީސް ވިދާޅުވިިޔަސް މަޝްރޫއުތަކަށް ކުރި ހޭދަ 1.8 ބިލިއަން ދަށް

މަޝްރޫއުތައް ހިންގަން 21 މާޗް 2023އާ ހަމައަށް 3 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ހަރަދުކޮށްފައި ވިޔަސް މި އަހަރުގެ އެ މުއްދަތުގައި ހަރަދު ކުރީ 1.1 ބިލިއަން ރުފިޔާ
7 އޭޕްރީލު 2024
1

ރައީސް މުހައްމަދު މުއިއްޒު ރައްޔިތުން މަޖިލީހުގެ ކެމްޕޭންގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިޔާ ސަރަހައްދަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި ގިނަ ތަފާސްހިސާބުތަކެއް ވިދާޅުވެ މި ސަރުކާރަށް މިވީ ހަތަރު މަހާއި ބައިގެ ތެރޭގައި މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތައް ދޮގުކުރެއްވި އެވެ. އެ ރޭ ރައީސް ވިދާޅުވި ތަފާސްހިސާބުތަކުގެ ލިސްޓަކީ:

  • ފެނާއި ނަރުދަމާ - 27 މަޝްރޫއު ހުއްޓިފައި ހުއްޓައި އެ މަޝްރޫއުތައް ފަށައި އެ ދާއިރާގެ 74 މަޝްރޫއު މިހާރު އެބަ ހިންގަން

  • ބަނދަރު ހެނދުން، ބިން ހިއްކުން ތޮށިލުން - 30 ރަށުގައި ހުއްޓިފައި އޮތް މަޝްރޫއުތައް އަލުން ފަށައި ޖުމްލަ 90 މަޝްރޫއު ހިންގަން 

  • މަގު ހެދުން - 17 ރަށެއްގައި އޮތީ ހުއްޓިފައި؛ އެ މަޝްރޫއުތައް ފަށައި ޖުމްލަ 26 ރަށެއްގައި މިހާރު މަޝްރޫއު ކުރިއަށް ގެންދަން 

  • ކުޅިވަރު ދަނޑުތަކާއި ކޯޓުތައް – 84 މަޝްރޫއު އޮތީ ހުއްޓިފައި؛ 71 ރަށެއްގެ މަސައްކަތް އަލުން ފަށައި ބައެއް މަޝްރޫއު ނިންމައި 41 ރަށުގެ މަސައްކަތް ކުރިއަށް އެބަދޭ 

  • މިސްކިތް ހެދުން - 20 މިސްކިތުގެ މަޝްރޫއު ހުއްޓިފައި ވަނިކޮށް އެ މަސައްކަތްތައް ފަށާ 42 މިސްކިތުގެ މަސައްކަތް މިހާރު އެބަ ހިންގަން

  • ތައުލީމީ ދާއިރާ - 90 މަޝްރޫއު ހުއްޓިފައި ވަނިކޮށް އެ މަޝްރޫއުތައް ފަށައި 217 މަޝްރޫއު އެބަ ކުރިއަށް ގެންދަން 

  • ގެދޮރުވެރިކަން - 11 ރަށެއްގައި މަޝްރޫއުތައް އެބަ ހިނގާ

  • ޖުމްލަ - 527 މަޝްރޫއު އެބަ ހިންގަން

ރައީސް އެ ނަމްބަރުތައް ވިދާޅުވުމުގެ ކުރިން ވިދާޅުވީ އެމަނިކުފާނު ދައްކަވާ ކޮންމެ ވާހަކައަކަށް ބާރު ލިބޭނޭ ހެކިތައް ހުންނާނެ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ބަސް ވިދާޅުނުވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއް ފަހަރު އާންމު ކުރާ 'ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓް ރިޕޯޓް' ނުވަތަ ދައުލަތަށް ލިބޭ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުގެ އެންމެ ފަހުގެ ރިޕޯޓުގައި ހުރި މައުލޫމާތުތަކުން ރައީސްގެ އެ ވާހަކަފުޅަށް ބާރެއް ނުލިބެ އެވެ. އަދި ރައީސް ވިދާޅުވި ތަފާސްހިސާބުތަކަކީ އާންމުކޮށް ފެންނަން ހުރި އަދަދުތަކަކަށް ނުވާތީ އޭގެ ސައްހަކަން ވެސް ކަށަވަރެއް ނުކުރެވެ އެވެ.

މަޝްރޫއުތަކަށް ކުރި ހޭދަ 1.8 ބިލިއަން މަދު

ފިނޭންސް މިނިސްޓްރީން 31 މާޗްގައި އާންމުކުރި 'ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓް ރިޕޯޓު'ން ދައްކާ ގޮތުގައި 21 މާޗުއާ ހަމައަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ މަދުވެފަ އެވެ. މިއީ %61 ދަށްވުމެކެވެ.

މަޝްރޫއުތަކުގެ ހޭދަ (21 މާޗްއާ ހަމައަށް):

• 2023 – 2.9 ބިލިއަން ރުފިޔާ

• 2024 – 1.1 ބިލިއަން ރުފިޔާ

ރައީސް ވިދާޅުވާ ގޮތަށް މިދިޔަ ސަރުކާރުން ހިންގަމުން ދިޔަ މަޝްރޫއުތަކެއް މަޑުޖައްސާ ނުލާ ކުރިއަށް ގެންދާ ނަމަ މަޝްރޫއުތަކަށް ކުރާ ހޭދަ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ މިހާތަނަށް ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ދަށްވުމަކީ ވެދާނޭ ގޮތެއް ނޫނެވެ.

އެ ރިޕޯޓުގައި ހުރި މަޝްރޫއުތަކުގެ ހަރަދުތަކުގެ ތަފްސީލްތަކަށް ބަލާއިރު ވެސް އެކި ދާއިރާތަކުން މަޝްރޫއުތައް ހިންގަން ކޮށްފައިވާ ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު ދަށެވެ. ސިއްހީ ދާއިރާ ފިޔަވާ އެހެން ދާއިރާތަކުން މަޝްރޫއުތައް ހިންގުމަށް ކުރި ހަރަދު ވަނީ ދަށްވެފަ އެވެ. އެގޮތުން:

  • ފެނާއި ނަރުދަމާއަށް ހަރަދުކުރީ 157.1 މިލިއަން ރުފިޔާ؛ މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 284.9 މިލިއަން މަދު އަދަދެއް 

  • ބަނދަރު ހަދަން މިދިޔަ އަހަރުގެ އެ މުއްދަތުގައި 309.9 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް، މި އަހަރު ހަރަދު ކުރީ 71.3 މިލިއަން ރުފިޔާ؛ މިއީ 238.6 މިލިއަން މަދު އަދަދެއް

  • ބިން ހިއްކުމަށް މި އަހަރު ވެސް ދާދި އެއް ވަރަކަށް ހަރަދުކޮށްފައިވޭ؛ މި އަހަރު 382 މިލިއަން މިދިޔަ އަހަރު 383 މިލިއަން

  • މަގު ހަދަން މި އަހަރު ކުރި ހަރަދުން 220 މިލިއަން މަދުވެ 103 މިލިއަނަށް ވަނީ ކުޑަވެފައި؛ މިދިޔަ އަހަރު އެ އަދަދު ހުރީ 323.4 މިލިއަންގައި

  • ކުޅިވަރު ދާއިރާގެ މަޝްރޫއުތަކަށް މި އަހަރު ހަރަދުކުރީ 21 މިލިއަން ރުފިޔާ؛ މިދިޔަ އަހަރު 57 މިލިއަން ހަރަދުކޮށްފައިވޭ

  • ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް އަދި ހަރަދުކުރީ 63.9 މިލިއަން ރުފިޔާ؛ ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި 109.4 މިލިއަން ހަރަދުކޮށްފައިވޭ 

  • ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ 12 މާޗްއާ ހަމައަށް 241.4 މިލިއަން ރުފިޔާ ހަރަދުކުރި އިރު މި އަހަރުގެ އެ މުއްދަތުގައި ހަރަދުކުރީ 69.1 މިލިއަން ރުފިޔާ

ރައީސް ވިދާޅުވި ގޮތަށް މިސްކިތްތައް އިމާރާތްކުރަން ހިންގާ މަޝްރޫއުތަކުގެ ހޭދަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މިސްކިތް އަޅަން މިދިޔަ އަހަރުގެ އެ މުއްދަތުގައި 9.9 މިލިއަން ރުފިޔާ ހޭދަކުރި ނަމަވެސް މި އަހަރު ވަނީ އެ އަދަދު 26.6 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި ސިއްހީ ދާއިރާގެ މަޝްރޫއުތަކުގެ ހަރަދު 27.4 މިލިއަން ރުފިޔާއިން 37.6 މިލިއަން ރުފިޔާއަށް ވަނީ މަތިވެފަ އެވެ.

ހަގީގަތަކީ މަޝްރޫއުތައް ހިންގަން ހަކަތަ ނެތީ

ރާއްޖޭގެ ދަރަނީގެ ހާލަތު އޮތް ނާޒުކު ކަމާއި އިގްތިސާދަށް ހުރި އެހެނިހެން ވެސް ގޮންޖެހުންތަކާ އެކު މިއަހަރު ތެރޭ ބައެއް މަޝްރޫއުތައް ހުއްޓާލަން ވިސްނާކަން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވެސް މިދިޔަ ނޮވެމްބަރު މަހު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ޕްރޮޖެކްޓްތައް ބަލާފައި ޓައިމްލައިނެއް އެކުލަވާލައިގެން މަޝްރޫއުތައް ކުރިއަށް ގެންދިޔުމެވެ. އަދި ފަށަން ބަޖެޓް ކުރިއަސް އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހޭ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާނޭ ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

އެއީ އައިއެމްއެފް އާއި ވޯލްޑް ބޭންކް ފަދަ މާލީ އިދާރާތަކުން ރާއްޖެއަށް ދީފައި އޮތް ލަފައެކެވެ. ދައްކަން ޖެހިފައި އޮތް ބޮޑު ދަރަންޏާއި ހަރަދުތައް ހަމަޖައްސަން ފައިސާ ނަގަމުން ދާ ދިޔުން ހަމައަކަށް އެޅުވޭނީ ހަރަދު ކުޑަކޮށްގެން ކަމަށް މާލީ އިދާރާތަކުން އޮތީ ލަފާ ދީފަ އެވެ. އެގޮތުން ކުރަން ޖެހޭ އެއް ކަމެއްގެ ގޮތުގައި އޮތީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން މިވަގުތަށް ކޮންމެހެން ބޭނުން ނުވާ މަޝްރޫއުތައް ހާލަތު ރަނގަޅު ވަންދެން ހުއްޓާލުމެވެ.

ހަގީގަތަކީ މިދިޔަ ސަރުކާރުން ހިންގި ގޮތަށް ބައިވަރު މަޝްރޫއުތައް އެއް ފަހަރާ ހިންގަން އިގްތިސާދުގައި ހަކަތަ ނެތުމެވެ. މި ސަރުކާރުން ބޭނުން ވިޔަސް އެކަން އެގޮތަށް ކުރަން ޖާގަ ނެތުމެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުގެ ސިޔާސަތަކީ ލިބޭ އާމްދަނީއަކުން ރިކަރަންޓް ހަރަދު ހަމަޖެއްސޭނޭ މަގަކަށް މަސައްކަތް ކުރުމެވެ. އެ މަގުސަދު ހާލިސްވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި 21 މާޗްއާ ހަމައަށް:

  • އާމްދަނީއަށް ލިބިފައި ވަނީ 7.9 ބިލިއަން ރުފިޔާ 

  • ރިކަރަންޓް ހަރަދަށް 6.9 ބިލިއަން ރުފިޔާ

މީގެ އިތުރަށް ކެޕިޓަލް ހަރަދުގެ ޖުމްލައަކަީ 2 ބިލިއަން ރުފިޔާ އެވެ. ކެޕިޓަލް އަދި ރިކަރަންޓް ހަރަދު އެއްކުރުމުން 9.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވުމުން 12 މާޗްއާ ހަމައަށް ބަޖެޓް ޑެފިސިޓް ނުވަތަ ލިބުނު އާމްދަނީއަށް ވުރެ އިތުރަށް ވަނީ 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

މައްސަލައަކީ ރިކަރަންޓް ހަރަދު ކުޑަނުކުރެވުން

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ 21އާ ހަމައަށް ރިކަރަންޓް ހަރަދު ވަނީ 6.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުވި 6.7 ބިލިއަން ރުފިޔާއަށް ވުރެ 200 މިލިއަން އިތުރު އަދަދެކެވެ. އެގޮތުން:

  • މުސާރަތަކަށް 2.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ؛ މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 22 މިލިއަން އިތުރު އަދަދެއް

  • އިދާރީ އަދި ހިންގުމުގެ ހަރަދުތައް 4.6 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައި؛ މިދިޔަ އަހަރު ހަރަދުކުރީ 4.4 ބިލިއަން ރުފިޔާ

އައިއެމްއެފާއި ވޯލްޑް ބޭންކް ފަދަ މާލީ އިދާރާތަކުގެ ލަފާ އޮތީ ވެސް ހަމައެކަނި މަޝްރޫއުތަކުގެ ހަރަދު ކުޑަކުރުމަކަށް ނޫނެވެ. އަދި ފާޑުކިޔުން ބޮޑަށް އޮތީ ވެސް މަޝްރޫއުތަކުގެ ހަރަދު އެކަނި ކުޑަކޮށް ރިކަރަންޓް ހަރަދު ކުޑަކުރަން ސަރުކާރުން މަސައްކަތް ކޮށްފައި ނުވާތީ އެވެ. ހާއްސަކޮށް އޮތް ބޮޑު ކަންބޮޑުވުމަކީ ސިޔާސީ މުވައްޒަފުން އިތުރުވެ މުސާރަތަކަށް ކުރާ ހަރަދު ވެސް މަތިވުމެވެ.

ކޮމެންޓް (1)

profile-image-placeholder

ޕާޓީ ކުއްޖާ

7 އޭޕްރީލު 2024
ތި ފިނޭންސްގެ ރިޕޯޓުން ފެންނާނީ ފައިސާ ހަރަދު ކުރީމައެއްނު؟ ފައިސާ ހަރަދުކުރުން ފަސްކޮށްފައިވެސް ހުރެދާނެއްނު. ތިޔަށް ބަލާފައި ރައީސް ދެއްކި ވާހަކަ ދޮގު ކުރުމަކީ އަސާސެއް އޮތް ކަމެއް ނޫން

އިތުރު އާޓިކަލް

އިތުރު އާޓިކަލް