
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އާ ފިނޭންސް މިނިސްޓަރު ޑރ. ޝަފީގް (ދައުރު ފޮޓޯ/ހުސެއިން ސުނޭން)
މާލީ ހާލަތު ހުރި ގޮތުން ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ވިސްނަނީ
މި ވަގުތު ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ބައެއް ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި، މަޝްރޫއުތަކާ ގުޅޭ ރިވިއުއެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ފިނޭންސް މިނިސްޓަރު ޝަފީގު މިއަދު މަޖިލީހަށް ހާޒިރުކޮށް، މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އޭނާ ވަނީ، އެންމެ ބޮޑު އިސްކަމެއް މިވަގުތަށް ދެއްވާ ކަމަކީ ހަރަދު ކުޑަކޮށް، ސަރުކާރަށް ލިބޭ އާމްދަނީއަކުން ރިކަރަންޓް ހަރަދު ހަމަޖެއްސޭނޭ މަގަކަށް ސިޔާސަތުތައް ބައްޓަން ކުރުން ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން އަޅުއްވާ ބައެއް ފިޔަވަޅުތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އަންނަ އަހަރަށް ކުރިއަށް ގެންދަން ނިންމާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ރިވިއުއެއް ތައްޔާރުކުރަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:
-
1،780 މަޝްރޫއެއް ހިންގަން ރާވާފައިވޭ؛ 317 މަޝްރޫއަކީ އަލުން ފަށާކަންކަން
-
މި ހާލަތުގައި މަޖުބޫރުވޭ، ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ޕްރޮޖެކްޓްތައް ބަލާފައި ޓައިމްލައިނެއް އެކުލަވާލައިގެން ޕްރޮޖެކްޓްތައް ހިންގަން
-
ވަރަށް ބޮޑަށް ރިވިއުކޮށްފައި ބަލަން ޖެހޭ ކަންކަން ބަލާފައި ނޫނީ އާ ޕްރޮޖެކްޓެއް ފެށޭކަށް ނެތް
"އޭގެ ތެރޭގައި ހުރި ބައެއް ޕްރޮޖެކްޓްތަކަކީ މި ވަގުތަށް ކުރިއަށް ގެންދަން އެންމެ ރަނގަޅު ޕްރޮޖެކްޓްތަކަށް ނޫން ވެއްޖެއްޔާ އެ އެއްޗެހި ރީޝެޑިއުލް ކުރަން، އެހެން ގޮތަކަށް ވިސްނަން އެބަ ޖެހޭ. މިހާރު މި ދަނީ އެ ޕްރޮޖެކްޓްތައް ރިވިއުކުރުމުގެ މަސައްކަތް،" ކޮންމެ މަޝްރޫއެއް ވެސް ބަޖެޓުގައި ހިމަނަނީ މުހިންމު ކަމަަކަށް ވެގެންކަން ފާހަގަކުރައްވައި ޝަފީގު ވިދާޅުވި އެވެ.
ތަފްސީލް - ޝަފީގު ވިދާޅުވީ މަޝްރޫއުތަކެއް ރާވާފައި ހުރި ނަމަވެސް ފައިސާ ހަމަނުޖެހި ހުރި އެއްވެސް މަޝްރޫއެއް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ. އަދި ފައިސާ ހަމަނުޖެހެނީސް މަޝްރޫއުތައް ކުރިއަށް ގެންދިޔުމަކީ މިހާރު ވެސް ބަޖެޓް ތަންފީޒު ކުރަން އެޅޭ ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އެންމެ ބޮޑު އެއް މައްސަލަ އެއީ ޕްރޮޖެކްޓް ފަށާއިރު އެޑްވާންސަށް ފައިސާ ދެވިފައި ޕޭމަންޓްތަކަކަށް ފައިސާ ދޭން ހުރެފައި އެ ދެއްކޭނެ ގޮތެއް ނެތް. އެހެންވުމުގެ ސަބަބުން ކުރީ އަހަރުގެ ބުރަ މިއަހަރު އުފުލަން ޖެހިފައި. މިއަހަރުގެ ބުރަ އަނެއްކާ ވެސް މި ފޯވާޑް ކުރަމުން ގެންދަނީ،" ޝަފީގު ވިދާޅުވި އެވެ.
"މިކަން ނިމުމަކަށް ގެންނަން އެބަ ޖެހޭ. ނޭޝަނަލް އިންޓަރެސްޓްގައި ކުރަން ޖެހޭ ކަމެއް މިއީ. އިގްތިސާދު ސަލާމަތްކުރަން."

މަޝްރޫއުތައް ރިވިއުކުރާއިރު ހާއްސަ އިސްކަމެއް ދެނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މިވަގުތަށް ނުފަށާ ހުރި މަޝްރޫއުތަކާ މެދު އެހެން ވިސްނުމަކަށް ދިއުމަށެވެ. އޭނާ ވިދާޅުވީ ހަރަދު ކުޑަކުުރުމުގެ ހުރިހާ ފިޔަވަޅެއް ވެސް ތަންފީޒު ކުރާނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ހިޔާލުވެސް ހޯދައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ:
-
އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ގައުމަށް މުހިންމު
-
ނަމަވެސް، ޕްރޮޖެކްޓްތައް އައިސްފައި ވަނީ، ރާއްޖޭގައި އެ މަޝްރޫއުތައް ހިންގޭނޭ ކެޕޭސިޓީ ނެތް ވަރަށް ވުރެ ބާރު މިނުގައި ނުކަތާ މިންވަރަކަށް
-
އެ މަޝްރޫއުތަކުގެ އަގުތައް ވެސް ހުރީ އެންމެ ރަނގަޅަކަށް ނޫން
"ބޮޑު ރިވިއުއެއް ހެދުމަށް ފަހު، ވަރަށް ބޮޑު ދިރާސާތަކެއް ކުރެވިގެން އަޅުގަނޑުމެންނަށް ސީދާ ދަންނަވަން އެނގޭނީ. އެހެންވީމާ، އަޅުގަނޑުމެން މި ބަލަނީ އެ ޕްރޮޖެކްޓްތައް ރޭވިގެން އަމާޒެއްގައި ކަންކަން ކުރަން،" ޝަފީގު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ބަޖެޓް ސަޕޯޓަށް ބޮޑަށް ފައިސާ ހޯދަން ވިސްނަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ. އޭނާ ވިދާޅުވީ އެ ފައިސާ ހޯދޭނޭ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އަދި އެއީ އުންމީދީ އަދަދެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"2024 ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކުރިއަށް ވުރެ ރަނގަޅު އެހީތެރިކަމެއް ލިބޭނޭ ކަމަށް. އަޅުގަނޑުމެންނަށް މި ދަނީ އެކަންކަން ކުރަމުން،" ބަޖެޓަށް ހޯދަން ރާވާފައިވާ ފައިސާ ނުލިބިއްޖެ ހާލަތުގައި ހަމައެކަނި އޮތް ގޮތަކީ ހަރަދު ކުޑަކުރުންކަން ފާހަގަކުރައްވައި ޝަފީގު ވިދާޅުވި އެވެ.
އެމްއެމްއޭގެ ލަފާ: ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއުތައް ހިންގާ
އެމްއެމްއޭއިން އަންނަ އަހަރުގެ ބަޖެޓަށް ދިން ލަފާގައި ފާހަގަކުރި ގޮތުގައި، މިވަގުތަށް އެންމެ މުހިންމު ސަރުކާރުގެ ހަރަދުތައް ކުޑަކުރުމެވެ. އަދި ހާއްސަ ގޮތެއްގައި ބޭރު ފައިސާއިން ކުރަން ޖެހޭ ހަރަދުތައް ކުޑަކުރުމެވެ. އެގޮތުން ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއުތައް ނޫން މަޝްރޫއުތައް ނުހިންގާ މަޑުޖައްސާލަން ލަފާދީފައިވެ އެވެ.
މިއަދުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ ރާއްޖެއިން ބޭރުން ހޯދަން ބަޖެޓުގައި ރާވާފައިވާ 17 ބިލިއަން ރުފިޔާ ހޯދުން ވަރަށް ބޮޑު ގޮންެޖެހުމަށް ކަމަކަށް ވާނެ ކަމަށެވެ. އަދި އެމްއެމްއޭގެ ލަފަޔަކީ ހާރިޖީ ގުޅުންތަކުގެ ތެރެއިން ކޮންސެޝަނަލް ފައިނޭންސިން ނުވަތަ ލުއި ގޮތެއްގައި ފައިނޭންސިން ހޯދުން ކަމަށް އިމާދު ވިދާޅުވި އެވެ.

އެ ފައިިސާ ނުހޯދިއްޖެ ނަމަ، ރާއްޖޭގެ އެތެރެއިން ބަޖެޓަށް ފައިސާ ހޯދަން އުނދަގޫވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކަށް ވަނީ ސަރުކާރުގެ ބޮންޑުތައް ގަންނަން ރާއްޖޭގެ ބޭންކުތަކުގެ ޝައުގުވެރިކަން ދުވަހުން ދުވަހަކަށް ކުޑަވަމުން ދިޔުމާއި މިވަގުތު ރާއްޖޭގެ މާލީ އިދާރާތަކުގައި އެ ވަރަށް ފައިސާ ވެސް ނެތުމެވެ.
"އެ ހާލަތުގައި [ބޭރުން ހޯދަން ރާވާފައިވާ ފައިސާ ނުލިބޭ ހާލަތުގައި] ދެން ޖެހޭނީ ބައެއް ކަހަލަ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑުޖައްސާލުން ކަހަލަ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން،" އިމާދު ވިދާޅުވި އެވެ.
ކޮމެންޓް